މިނިސްޓަރު ޒެނީޝާ އީދު ފާހަގަކުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއެކު!

ދައުލަތުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ތިބޭ ކުދިންނާއެކު މިނިސްޓަރު ޒެނީޝާ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ބޮޑު އީދާ ގުޅިގެން ދައުލަތުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އަމާޒުކޮށް ބޭއްވި ހަރަކާތްތަކުގައި ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެލައްވައިފިއެވެ.

އެގޮތުން ޒެނީޝާ ވަނީ އެ ކުދިންނާއެކު ދާދި ފަހުން ރާއްޖޭގައި ހުޅުވި ވިންޓާ ޕާކަށާއި ރަސްރަނިބަގީޗާއަށް ވަޑައިގެން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މިއީ ހައުސިން މިނިސްޓްރީއާއި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީގެ އިތުުރުން ޓްރާންސްޕޯޓް މިނިސްޓްރީއާއި އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ބޭއްވި ހަރަކާތްތަކެކެވެ.

ދައުލަތުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ތިބޭ ކުދިންނާއެކު މިނިސްޓަރު ޒެނީޝާ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އޭގެ އިތުުރުން ރާއްޖޭގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަންސް (އާކް) އިން ބީޗް ކްލަބް މޯލްޑިވްސްއާ ގުޅިގެން ވަނީ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކެއްވެސް މަރުކަޒުތަކުގައި ދިރިއުޅޭކުދިންނަށް ހިންގައިފައެވެ.

ތަފާތު ސަބަބުތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި މި ވަގުތު ޖުމުލަ 140 ކުދިން ދަނީ ބަލަހައްޓަމުންނެވެ. އެ ގޮތުން، ފިޔަވަތި މަރުކަޒުގައި 13 އަހަރުން ދަށުގެ 89 ކުދިން އަދި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި 13 އަހަރާއި 18 އަހަރާއި ދެމެދުގެ 51 ކުދިން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.

comment ކޮމެންޓް