ޔޫއެފާ އެވޯޑަށް، ސަލާހު މޮޑްރިޗް އަދި ރޮނާލްޑޯ ނޮމިނޭޓު ވެއްޖެ

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު: އޭނާ ވަނީ ޔޫއެފާ އެވޯޑަށް ނޮމިނޭޓުވެފައި

ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް އަދި ލިވަޕޫލުގެ މުހައްމަދު ސަލާހު ނޮމިނޭޓްވެއްޖެ އެވެ.

ޔޫއެފާ މެންސް ޕްލޭޔާ އޮފް ދަ އިޔާ އެވޯޑަކީ 2011 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އެ އެވޯޑު ތައާރަފު ކުރި ފަހުން، މިދިޔަ ސީޒަނުގައި ރެއާލްއަށް ކުޅުނު ރޮނާލްޑޯ ވަނީ ކޮންމެ އަހަރަކު ވެސް ގަދަ ތިނެއްގައި ހިމެނިފަ އެވެ. އަދި އޭނާ ވަނީ އެވޯޑު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

އެވޯޑަށް ނޮމިނެޓު ވެފައިވާ މޮޑްރިޗް ވަނީ މިދިޔަ ސީޒަނުގައި ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ. އަދި ކްރޮއޭޝިއާގެ ގައުމީ ޓީމު ވޯލްޑް ކަޕުގެ ފައިނަލަށް ދިޔުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އިރު އޭނާ އަށް ވަނީ ފީފާ ގޯލްޑަން ބޯލް ވެސް ލިބިފަ އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅި ސަލާހު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 44 ލަނޑު ޖަހައިފަ އެވެ. ސަލާގެ ގޯލުތަކާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދިޔަ އެވެ. މީގެ އިތުރުން މިސްރު ވޯލްޑް ކަޕަށް ކޮލިފައި ވުމުގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ޔޫއެފާ މެންސް ޕްލޭޔާ އޮފް ދަ އިޔާ އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓްކުރީ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

އެ އެވޯޑު ދޭނީ އޮގަސްޓް 30ގައި މޮނާކޯގައި އޮންނަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.

comment ކޮމެންޓް