ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. މާލޭގައި ނަމާދު ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކޮށްފައިވާއިރު ވިލިމާލޭ ރައްޔިތުން ވެސް ވަނީ ވިލިމާލޭ ބޯޅަ ދަނޑުގައި ނަމާދުކޮށްފައެވެ.

މިއަދު މާލޭ ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ރަށްތަކުގައި ޢީދު ނަމާދުކޮށްފައިވަނީ ބޮޑު ޖަމާއަތުގައެވެ.
އެކި އުމުރުފުރާގެ، ދެ ޖިންސުގެ ގިނަ އަދަދެއްގެ ދިވެހި އަދި ބިދޭސީ ރައްޔިތުން މިއަދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވި އިރު، އެ ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމު ހައިޝަމް މުހައްމަދުފުޅެވެ.
އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ، އީދު ދުވަހަކީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ.
އަދި އަޟްހާ އީދަކީ ގުރުބާނީގެ ދުވަހެއްކަން ފާހަގަކޮށް، އިބްރާހީމްގެފާނަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިހާނުގެ ވާހަކަތައް ހުތުބާގައި ހިމެނުނެވެ.

މިއަދު މާލޭގައި ކުރެވުނު އީދު ނަމާދަށް އާއިލާ އެއް ދަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ހުތުބާގައި ބުނި ގޮތުގައި މިއަދު އިސްލާމީ އުންމަތުން ވަނީ، މި ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހިފައެވެ.
މީގެ އިތުރުން އީދު ދުވަހަކީ ނަފްސުގެ ޝަހާވަތްތަކާއި ހަވާނަފްސުގެ ދަހިވެތިކަމާއި ހަސަދަވެރިކަމާއި ނީހަވެރިކަމާއި ދެބައޮޑުވުމާއި ނެތިމޮށުމުން މިނިވަންކޮށްދޭ އީދަކަށް ވާންޖެހޭނެކަމަށް ހުތުބާގައި ބުންޏެވެ.