ހައްޖުގައި އުޅެނިކޮށް ހީޓް ސްޓްރޯކެއް ޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް؟

ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައުދީ އަށް ގޮސްފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ހީޓް ސްޓްރޯކް ނުވަތަ ސަން ސްޓްރޯކަކީ، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން ދިމާވާ ކަމެކެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑު ވަރުދެރަވެ، ބޯއެނބުރުމާއި ހޮޑުލެވުން ފަދަ ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހި މީހާ މުޅިން ބަލިކޮށްލައެވެ. އެހެންކަމުން މިދުވަސް ވަރު، ޚާއްސަކޮށް ހައްޖުގެ އަޅުކަމުގައި އުޅޭ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ.

އާންމު ގޮތެއްގައިވެސް ސައުދީ އަރަބިއްޔާއަކީ ވަރަށް ހޫނު ގަދަ ދުވަސްތަކެއް ތަޖްރިބާކުރާން ޖެހޭ ގައުމެކެވެ. ހަނަފަސް ސަހަރާގެ މޫސުން ތަޖްރިބާކުރާ މިގައުމުގައި މިދުވަސްވަރު ފިނިހޫނުމިން އުޅެނީ ދުވާލުގެ ވަގުތުތަކުގައި ބައެއް ފަހަރު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

ކުރިއަށް އޮތް ތިން ދުވަހަކީ، ހައްޖުވެރީން ވަރަށް ގިނަ ވަގުތުތަކެއް ބޭރުގައި ހޭދަކުރާނޭ ތިން ދުވަހެވެ. މިނާގައި ތިބުމަށް ފަހު މިއަދު ހުރިހާ ހައްޖުވެރީން ޖަމާވާނީ އަރަފާތު ބިމަށެވެ. މިދުވަސް ވަރު އަރަފާތާއި މިނާ ސަރަހައްދުގައި ރޭގަނޑުގެ ވަގުތުގައި ވެސް ފިނިހޫނުމިން ގާތްގަނޑަކަށް 35 ޑިގްރީ ސެލްސިއަށްވުރެ ދަށަކަށް ނުދެއެވެ. އަދި މެންދުރު ފަހުން އިރުއޮސްސުމާ ދެމެދު ހޫނުމިން ގާތްގަނޑަކަށް 44 ޑިގްރީ ސެލްސިއަސްއަށް އަރައެވެ. އެހެންކަމުން ހީޓް ސްޓްރޯކް ނުވަތަ ސަން ސްޓްރޯކެއް ޖެހިދާނެކަމަށް އަބަދުވެސް ތައްޔާރަށް ތިބެން ވާނެއެވެ.

ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައުދީ އަށް ގޮސްފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ހީޓް ސްޓްރޯކްގެ ބައެއް އަލާމާތްތައް:

  • ގަދައަށް ބޯއެނބުރުން.
  • މޫނުމައްޗަށް އަނދިރިވެ، ހޭނެތޭފަދަ އިހްސާސެއް ކުރެވުން.
  • ގަދައަށް ހޫނުވާއިރުވެސް މަދުން ދާހިއްލުން.
  • ހަންގަނޑު ހޫނުވެ ރަތްވުން.
  • މަސްތަކުގެ ވަރުދޫވުމާއި އަކުނިވަޔަށް ދެމުން.
  • މޭނުބައިކޮށް ހޮޑުލެވުން.
  • ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވުން.
  • ނޭވާއަވަސްވުން.

މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ، އަވަހަށް އެމްބިއުލާންސަށް، ނުވަތަ އިމަޖެންސީ ޚިދުމަތުގެ އެހީއަށް އެދޭށެވެ. އެހެނީ، ހީޓް ސްޓްރޯކެއް ޖެހިއްޖެ ނަމަ އާންމު ގޮތެއްގައި އެކެއް ނުވަތަ ދެދުވަހު އެނދުމަތިވެފައި އޮންނަން ޖެހުން ގާތެވެ. އަދި މާބޮޑަށް އަސަރުކޮށްފި ނަމަ އެއްކޮށް ރަނގަޅުވާން ދެމަހެއްހާ ދުވަސް ވެއް ނަގާފާނޭކަމަށް ސިއްހީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ކިންގް ސައުދު ޔުނިވަރސިޓީގެ މެޑިކަލް ސިޓީން އިއްޔެ ވަނީ، ހީޓް ސްޓްރޯކެއް ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ކަންކުރާންވީ މުހިއްމު ފަސް ކަމެއް ފާހަގަކޮށް އިލްތިމާހެއް ކޮށްފައެވެ.

ހައްޖަށް ގޮސް ތިބި މީހުން އަޅުކަން ކުރުމުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ހީޓް ސްޓްރޯކެއް ޖެހިއްޖެ ނަމަ ކުރާންވީ ކަންކަން:

  • ބަލިމީހާ ފުރަތަމަ ހިޔާ ލިބޭ ހިސާބަކަށް ގެންދާށެވެ.
  • ލައިގެން ހުރީ މާ ބަރު ނުވަތަ ބޯހެދުމެއް ވާނަމަ، ތުނި އަދި ލުއި ހެދުމަކަށް އަވަހަށް ބަދަލުކޮށްލާށެވެ. ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ހަށިގަނޑަށް ހެދުމުގެ ސަބަބުން ހަށިގަނޑަށް ލިބިދާނޭ ބުރަކަމުން ލުޔެއް ލިބޭނޭގޮތް ހަދާށެވެ.
  • ބަލިމީހާގެ ހަށިގަނޑަށް ފިނި ފެން އަޅާށެވެ.
  • ކެޓަޕްލަސަމް ފަދަ އެއްޗަކުން ހަށިގަނޑަށް ފިނިކަން ލިބޭގޮތަށް ހަންގަނޑުގައި މަސާޖުކުރާށެވެ.
  • ފާހަގަ ކުރެވުނު ކަންކަން ކުރަމުން ދާއިރު އެމްބިއުލެންސަށް ގުޅަން ހަނދާން ނައްތާ ނުލާށެވެ.

މާތް ﷲގެ ގެފުޅަށް ޒިޔާރާތްކުރާ މެހެމާނުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ކުރުމަށް ސައުދީ ސަރުކާރުން ވަނީ، ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެހެންކަމުން، އިމަޖެންސީ ނަންބަރުތައް ހުރިހާ ހައްޖުވެރީންގެ ފޯނުތަކުގައި ވެސް ބެހެއްޓުން ވަރަށް މުހިއްމުވާނެއެވެ. އަދި ސަލާމަތީ ގޮތުންނާއި ސިއްހީގޮތުން ކުރާ އިލްތިމާސްތަކަށް ފުރިހަމައަށް އަމަލުކުރާން ވާނެއެވެ. އެހެނީ ޚިދުމަތްތައް ކިތަންމެ ރަނގަޅުވީ ނަމަވެސް ޚިދުމަތް ލިބެން ތިބި ފަރާތްތަކުގެ އެއްބާރުލުމާ ނުލައި ކަންކަން ފުރިހަމައަށް ނުދާނޭކަން ގަބޫލުކުރާން ޖެހެއެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު މައްކާގެ ފިނިހޫނުމިން ހުރި ގޮތަށް ބަލާއިރު، ހޫނު އެންމެ މައްޗަށް ދާނޭ ކަމަށް ބެލެވެނީ ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން މި ދެދުވަހުވެސް މައްކާ ގަޑިން ހަތަރެއް ޖަހާކަންހާއިރު، ހޫނުމިން ގާތްގަނޑަކަށް 44 ޑިގްރީއަށް ވުރެ މައްޗަށް ދާނޭކަމަށް ވެދަރ.ކޮމް އިން ލަފާކުރެއެވެ. އަދި ބުދަ، ބުރާސްފަތި ހުކުރު މި ތިން ދުވަހުވެސް ގާތްގަނޑަކަށް 42 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރާނެއެވެ. އެހެންކަމުން އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ވެސް ވީހާވެސް ގިނައި ފެން ބުއިމާއި، އަދި ކުޑައެއް ބޭނުން ކޮށްގެން ނަމަވެސް ނުވަތަ އެ ނޫންގޮތަކަށް ނަމަވެސް ވީވަރަކުން ހިޔަލުގައި ތިބެވޭތޯ ބެލުން ވަރަށް މުހިއްމު ވާނެއެވެ.

comment ކޮމެންޓް