ކެންޑިޑޭޓް ނަންބަރު އެކެއް ރައީސް ޔާމީނަށް، އިބޫ އަށް ދޭއް

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔަސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ރައްމިއްޔާތުގައި ގުރުއަތުލުމުގައި ބައިވެރިވީ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ރަސްމީ އިންތިހާބީ އެޖެންޓް ހިސާން ހުސައިން އެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތް އިރު، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.

ގުރުއަތުލުމަށް ފަހު ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިއަދުން ފެށިގެން ކެންޑިޑޭޓުންނަށް ތާއީޑު ހޯދުމަށް ޓަކައި ކެމްޕެއިން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ކެމްޕެއިން ހަރަކާތްތައް ހިންގުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތުން ކެންޑިޑޭޓުންގެ އަތްމަތީ ފޮތުގެ ނަމުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރާ އިރު ސަމާލުކަން ދޭންވީ ކަންތައްތައް ހިމެނިފައި ހުންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެފޮތް މިއަދު ވަނީ ޕާޓީތަކަށް ދީފަ އެވެ.

"އެއްވެސް ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ކެންޑިޑެޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ފަތުރައިގެން ނުވާނެ." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކެމްޕެއިން ކުރުމުގައި ކެންޑިޑޭޓުން އަމަލު ކުރަންވީ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓުލާ ފަރާތްތަކާއި ބައްދަލު ކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުން ހިފުން ހިމެނޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް