އިސްރާއީލާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު "ސުލްޙައިގެ" އެއްބަސްވުމެއް ގާއިން ކުރަނީ

ޖެނެރަލް އައްބާސް ކާމިލް

ޓެލްއަވީވް (އޮގަސްޓް 17) : މިސްރު މެދުވެރިއެއްގެ ބައި އަދާކޮށްގެން އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދު ގާއިމް ކުރާ ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ވަރަށް އަވަހަށް އިއްލާން ކުރެވޭނެ ކަމަށް މިސްރުން ބުނެފި އެވެ.

މިކަމުގައި އިސްރާއީލާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ވާހަކަ ދެއްކުމުގައި އިސް ދައުރެއް އަދާކުރައްވާ މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް އައްބާސް ކާމިލް ވިދާޅުވީ މިއެއްބަސްވުމުގެ ގިނަ ކަންތައްތަކަށް އިސްރާއީލަށާއި ފަލަސްތީނުގެ ޖަމާއަތްތަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާ ދެންނުނިމި އޮތީ މަދުކަމެއް ކަމުގަ އެވެ. އައްބާސް ކާމިލް މިހެން ވިދާޅުވީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ވަޑައިގެން އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް މި އެއްބަސްވުމުގެ ދަށުން ވަރަށްބޮޑަށް ކުޑަކޮށްފައިވާ އިރު ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހިންގާ މިނިވަންކަމުގެ ޖިހާދުގެ ހަރަކާތްތައް ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އަދި މިއެއްބަސްވުން ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އިސްރާއީލުންވަނީ އެގައުމުން ޙިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް ވިޔަފާރި މުދަލާއި އިންސާނީ އެހީގެ ތަކެތި އެތެރެކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފަ އެވެ.

އިސްރާއީލުން ދިގު މުއްދަތަކަށް ޣައްޒާ ޙިސާރުކޮށް ޣައްޒާއަށް އުދުވާނީ ހަމަލާތައް ދެމުން ގެންދިޔުމުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންވަނީ ވަރަށް ބޮޑަށް ނިކަމެތިވެ ޙާލުގައި ޖެހިފައެވެ. މިއަހަރު ތެރޭގައި ވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 300 ގިނަ މީހުން ޝަހިދުކޮށް 15 ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވީ ނަމަވެސް ޣައްޒާއާ ދެކޮޅަށް އިތުރު ހަނގުރާމައެއް ފަށަން އިސްރާއީލަށް ކެރިފައެއް ނުވެ އެވެ.

މީގެކުރިން ތިން ފަހަރެއްގެ މަތިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަތަކުން ޣައްޒާއަށް ކިތަންމެ ބޮޑެތި ގެއްލުންތަކެއްލިބި ފަލަސްތީނުގެ އެތައް ހާސްބަޔަކު ޝަހީދުކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތައް ފުނޑުފުނޑު ކޮށްލާފައިވީ ނަމަވެސް ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތައް ޣައްޒާއިން ބޭރުކޮށްލުމުގައި ނޫނީ އެޖަމާއަތްތައް ބަލިކޮށްލުމުގައި އިސްރާއީލުގެ ސިފައިންވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.

ޣައްޒާއާ ދެކޮޅަށް އިތުރު ހަނގުރާމަ އެއް ފެށިނަމަވެސް ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތައް ޣައްޒާއިން ބޭރުކޮށްލުމަކީ ނޫނީ އެޖަމާއަތްތައް އަސްކަރީ ގޮތުން ބަލިކޮށްލުމަކީ ނޫނީ އެއްގަމު މަގުން ޣައްޒާއަށް އަރައި ޣައްޒާ އެއްކޮށް ހިފުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްނޫން ކަމަށް އިސްރާއީލު ސިފައިންގެ ޖެނެރަލުންވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. މިއާއެކު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ ޣައްޒާއާ ހަނގުރާމަ ކުރުމުގެ ބަދަލުގައި ޣައްޒާގައި މަރުކަޒުކޮށްގެން ތިބޭ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިސްރުގެ އެހީތެރިކަމާ އެކު ގާއިމްކުރުމަށެވެ.

މިއެއްބަސްވުން ގާއިމް ކުރުމަށް ޓަކައި އިސްރާއީލުން ވަނީ ދޫތަކެއް ދިނުމަށް އެއްބަސްވެފައެވެ. މީގެތެރޭގައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ލުއިކޮށް ޣައްޒާއަށް ވިޔަފާރި މުދަލާއި ގެދޮރު އަޅާ ކޮންޓްރަކްޝަން މެޓީރިއަލް އާއި ތެލާއި އިންސާނީ އެހީގެ ތަކެތި އެތެރެކުރުމުގެ ފުރުސަތު ދނުމާއި ޣައްޒާގެ ކަނޑުގެ ބަދަރާ ދެކޮޅަށް އަޅާފައިވާ ހިސާރު އުވާލުމާއި އެބަނދަރު ތަރައްގީކުރުމުގެ ފުރްސަތު ދިނުން ހިމެނެ އެވެ. އަދި ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުން ވެސް މީގެތެރޭގައި ހިނެ އެވެ. މީގެ އިތުރުން މިސްރުންވަނީ ޣައްޒާގެ ރަފްޙު ބޯޑަރު ދާއިމީ ގޮތަކަށް ހުޅުވައި ދޭނެކަމުގެ ގެރެންޓީ ފަލަސްތީނުގެ ޖަމާއަތްތަކަށް ދީފައެވެ.

އޭގެބަދަލުގައި މިއެއްބަސްވުމުގެ ދަށުން އިސްރާއީލު އެދެނީ ޙަމާސްޖަމާއަތުން އަސީރު ކޮށްފައިވާ އިސްރާއީލު ސިފައިންގެ ދެމީހުން މިނިވަންކޮށްދިނުމާއި ހަމާސްގެ އަތްދަށުގައި އިސްރާއީލު ސިފައިންގެ މަރުވެފައިވާ ހަށިތައް އިސްރާއީލާ ހަވާލުކުރުމާއި އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓާލުމެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް