ރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދި ޓްރިބިއުނަލުގައިވެސް ވަކާލާތު ނުކުރެވޭ ގޮތަށް ނަސްރުﷲ މުސްތަފާ ސަސްޕެންޑް ކޮށްފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނަސްރުﷲ ސަސްޕެންޑް ކުރީ އޭނާގެ މައްޗަސް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާ ތަކަކާ ގުޅިގެން އެމައްސަލަތަކުގައި ވަކި ގޮތެއް ނިމެންދެން ކަމަށެވެ.
ނަސްރުﷲގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވަނީ އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގަ އެވެ. ނަސްރުﷲގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ދެވަނަ ދައުވާ އަކީ ސައްހަ ނޫން ލިޔުމެއް އުފެެއްދުމުގެ ދައުވާއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާ އެކު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
އޭނާ ހައްޖަށް ގެންދިޔަ މީހުން ވަނީ މައްކާގައި މަގުމަތިވެފައެވެ. ނަމަވެސް ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެމީހުންނާ ހަވާލުވެ ރާއްޖެ ގެނެސްފައެވެ.
އެ މައްސަލައާ ގުޅޭ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަސްރުﷲ ދިރިއުޅުއްވާ އެޕާޓްމަންޓާއި އަރަބިއްޔާ ސްކޫލް ވެސް ބަލައި ފާސްކޮށްފައެވެ.