ސްޕެނިޝް ލީގުގެ ވާދަވެރި ބައެއް މެޗުތައް އެމެރިކާގައި ކުޅެނީ!

ސްޕެނިޝް ލަ ލީގާގެ މެޗެއްގެ ތެރޭން-- ފޮޓޯ: ގެޓީ

ސްޕެނިޝް ފުޓްބޯޅަ ލީގު، "ލަ ލީގާ"ގެ ވާދަވެރި ބައެއް މެޗުތައް އެމެރިކާގައި ކުޅޭގޮތަށް ހަމަޖައްސައި އެކަމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އެމެރިކާގައި މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ، އެންއެފްއެލްގެ ޓީމް މައާމީ ޑޮލްފިންގެ ވެރިޔާ އަދި ބިލިއަނަރު ސްޓެފަން ރޮސްގެ ރެލަވެންޓް ސްޕޯޓްސްއާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުން ލަ ލީގާއިން މިގޮތަށް ހަމަޖެއްސީ، ވާދަވެރި ބޮޑެތި ލީގުތައް ކުރިއަރައިގެން ދާއިރު ސްޕެނިޝްލީގުވެސް މިހާރަށް ވުރެ ބޮޑުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭތީއާއި، ބައިނަލްއަގުވާމީ އޯޑިއަންސުން ރަނގަޅު އާމްދަނީއެއް ވެސް ހޯދުމަށް ކަމަށެވެ. އެގޮތުން ސްޕެނިޝް ފުޓްބޯޅަ އިތުރަށް ޕްރޮމޯޓް ކުރުމަށް ލަ ލީގާއިން ބޮޑެތި ޕްލޭން ތަކެއް ރާވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެނިޝްލީގާ ވާދަވެރި ބޮޑެތި ލީގުތައް ކަމަށްވާ، އިނގިރޭސި ޕްރިމިއަރ ލީގަށްވެސް އެމެރިކާގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ލަ ލީގާއަށް މިހާރު އޮތް މަގުބޫލުކަން އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާން ޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެލެވެންޓް ސްޕޯޓްސްގެ ޗީފް އެގްޒެކެޓިވް ޑެނީ ސިލްމަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ، މި ސީޒަންގައި ނުވަތަ ކުރިއަށް އޮތް ސީޒަންގެ ކުރީ ކޮޅުގައި ވާދަވެރި އެއް މެޗު ނަމަވެސް އެމެރިކާގައި ކުޅެ، ލިބޭ ސަޕޯޓު ބަލާލުން ކަމަށެވެ. އަދި އެއަށް ފަހު، އިތުރު މެޗުތައް ވަރަށް އަވަސް މުސްތަގުބަލެއްގައި އެމެރިކާގައި ކުޅޭގޮތަށް ހަމަޖެހިގެން ދާނޭ ކަމަށެވެ.

comment ކޮމެންޓް