ރި-ރަޖިސްޓްރޭޝަނާ ބެހޭ އެތައް މައްސަލަތެކެއްގެ ކަންބޮޑުވުން އާންމުން ފާޅުކުރޭ: މާރިޔާ

ކޯލިޝަން ސްޕޯކްސްޕާސަން މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރި-ރަޖިސްޓްރޭޝަނާ ބެހޭ އެތައް މައްސަލަތަކެއްގެ ކަންބޮޑުވުން އާންމު ރައްޔިތުންްގެ ފަރާތުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ރީ-ރެޖިސްޓްރޭޝަނަށް ހުށަނާޅާ އެތައް ބަޔަކު ދުރު ރަށްރަށަށް ރީރެޖިސްޓްރީކޮށްފައިވުން ފަދަ މައްސަލަތަކުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

"ރި-ރަޖިސްޓާ ނުކުރާ އެތައް ބަޔަކު އެމީހުން އުޅޭރަށް ނޫން އެހެން ރަށްތަކުގައި ރަޖިސްޓްރިކޮށްފައިވާ މައްސަލަ އަޅުގަނޑުމެންނަށް ލިބޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ އެބޭފުޅުންގެ ކަންބޮޑުވުންތަކަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ޖަވާބު ދެމުން ދިޔަ ނަމަވެސް މިހާރު ކޮމިޝަނުން ޖަވާބު ދެމުން ނުދާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

އަދި މި އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެކަމާ މެދު ޝައްކު އުފެދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާން އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އެފަދަ މައްސަލަތައް ކޮމިޝަނަށް ވެސް ހުށައަޅާފައިވާ ކަމަށާއި އެކަން ކުރީ ކޮން ވަގުތަކު ކޮން ބައެއްކަން ވެސް އެނގޭ ކަމަށެވެ. ކޮމިޝަނުން ބުނި ގޮތުގައި މައްސަލަތައް ބަލައި އިންތިހާބުގެ ކުރިން އެކަމަށް ހައްލު ހޯއްދަވާނެ އެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިން މޭޓް ފައިސަލް ނަސީމު، ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުން އެބޭފުޅުންނަށް އޮތް ތާއީދު އެނގިވަޑައިގަންނަވާ ކަމަށެވެ.

comment ކޮމެންޓް