ކިމް ޖޮންގް ނަމް އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތް މެލޭޝިއާ އިން ފަށަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (އޮގަސްޓު 16): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތް ފެއްޓޭ މިންވަރަށް ހެކި ލިބިއްޖެ ކަމަށް މެލޭޝިއާގެ ކޯޓަކުން ނިންމައިފި އެވެ.

މިދިޔަ އަހަރު ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމް މަރާލި ކަމުގެ ދައުވާކޮށްފައި ވަނީ ވިއެޓްނާމްގެ ދޮއާން ތީ ހުއޮންގް އާއި އިންޑޮނޭޝިއާގެ ސިތީ އައިޝާގެ މައްޗަށެވެ. އެދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް ކުރާނެ އެވެ.

ނަމަވެސް އެދެ މީހުން ވަނީ އެދައުވާ ދޮގުކޮށް، ކިމްގެ މޫނުގައި އެއްޗެއް ހާކާފައި ވަނީ ޓީވީ ޝޯއެއްގެ ޝޫޓިންއަށް ކަމަށް ބުނެފަ އެވެ.

ވިއެޓްނާމްގް ދޮއާން ތީ ހުއޮންގް (ކ) އާއި އިންޑޮނޭޝިއާގެ ސިތީ އައިޝާގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފައި -- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ފެބްރުއަރީ 13ގައި ކިމް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ، އަންހެނަކު ގޮސް އޭނާގެ މޫނުގައި އެއްޗެއް ހާކާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނެ އެވެ.

އަދި އެހާދިސާއަށް ފަހު ކިމް އެއާޕޯޓުން ސިއްހީ ފަރުވާ ހޯއްދަވަން މަސައްކަތްކޮށް، އެމްބިއުލާންސަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެން ދިޔަ ނަމަވެސް، އެދަތުރުމަތީގައި އޭނާ އަވަހާރަވި އެވެ.

މެލޭޝިއާ އިން ފަހުން ވަނީ ކިމް އަވަހާރަވީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އެމައްސަލާގައި މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ ހަތަރު މީހެއްގެ މައްޗަށް ވެސް ދައުވާކޮށްފަ އެވެ. ކިމް އަވަހާރަކޮށްލި ދުވަހު މެލޭޝިއާގައި ތިބުމަށް ފަހު ފުރައިގެން ދިޔަ އެހަތަރު މީހުން އަދި ހޯދިފައި ނުވެ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ކިމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ އެވެ. ނަމަވެސް އެގައުމުން އެތުހުމަތުތައް ދޮގު ކުރެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ކިމް ޖޮންގް ނަމް ވަނީ އުތުރު ކޮރެއާގައި އޮތް އާއިލީ ވެރިކަމަށް މީގެ ކުރިން ފާޑު ވިދާޅުވެފަ އެވެ. އަދި ކޮއްކޯފުޅު، ކިމް ޖޮންގް އުންއަށް ގައުމު ހިންގުމުގެ ގާބިލުކަން ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް