ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުންނަށް ފަރުނީޗަރު ވިއްކުމުގެ ޕެކޭޖުތަކެއް އެ ކުންފުނިން ތައާރަފުކުރަން ނިންމައިފިއެވެ.
އެފްޑީސީގެ ފްލެޓްތައް ކަމަށްވާ "އަމާންދޯދި" އަދި "އަމާން އުދަރެސް" ފްލެޓްތައް އެ ލިބުނު މީހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން އަންނަނީ ކުރިއަށްގެންދަމުންނެވެ.
ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމަން އަމާޒު ހިފާފައިވާއިރު، އެ ފްލެޓްތަކުގައި ފަރުނީޗަރު ބެހެއްޓުން ފިޔަވާ ހުރިހާ ފިނިޝިން މަސައްކަތެއް ވަނީ ކޮށްފައެވެ. އެގޮތުން، ދޮރުތައް ހަރުކޮށް، ފަންކާ ހަރުކޮށް، މުށި ވެސް ވަނީ ޖަހައިފައެވެ.
އެއާއެކު އެފްޑީސީން މިހާރު އަންނަނީ އެ ކޯޕަރޭޝަންގެ 'ފަހި އިންޓީރިއާ"ގެ ނަމުގައި ފަރުނީޗަރު ފޯރުކޮށްދޭކަމަށް ބުނެ އިޝްތިހާރުކުރަމުންނެވެ. މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފަހި އިންޓީރިއާއިން ފަރުނީޗަރު ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނީ ހަމައެކަނި އެ ކޯޕަރޭޝަންގެ ފްލެޓް ލިބުނު މީހުންނަށް އެކަނި ކަމަށެވެ.

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް: އިންޓީރިއާ މަސައްކަތް އެފްޑީސީން ކުރަން ވަނީ ނިންމާފައި --
އެއީ ފްލެޓް ލިބުނު މީހުންނަށް ތަނުގެ އިންޓީރިއާ މަސައްކަތްކޮށްދޭން ދޭ އިތުރު "އޮޕްޝަނެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ފުރުސަތުގެ ދަށުން އެފްޑީސީން އެކަން ކޮށްދޭނީ ހެޔޮ އަގުގައި، ފަސޭހައިން ފައިސާ ދެއްކޭނެ ގޮތަކަށް ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އިންޓީރިއާ މަސައްކަތް. އަދި ޖާގަ ސަލާމަތްކުރެވޭ ފަދަ ފަރުނީޗަރު ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، އަދި ޕެކޭޖުތަކުގެ އަގު ކަނޑަނާޅާ ކަމަށާއި މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފްޑީސީން ވަނީ މިކަމުގައި އާންމުންގެ ޚިޔާލު ހުށަހަޅަން ވެސް ހުޅުވާލައިފައެވެ.
އަލަށް އިމާރާތްކުރާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ އެކު، ފަރުނީޗަރު އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ހިންގާ އަމިއްލަ ފަރާތްތަކުން ވެސް ޚާއްސަ ޕެކޭޖުތައް ހަދައެެވެ. މީގެ އިތުރުން އިންޓީރިއާ މަސައްކަތްކޮށްދޭ އަމިއްލަ ވިޔަފާރިތައް ވެސް މިހާރު މާލޭ ސަރަހައްދުގައި ގިނައިރު އެ ފަދަ ވިޔަފާރިތަކުން ވެސް ޚާއްސަ ޕެކޭޖުތައް ހަދައެވެ.
އެއާއެކު އެފްޑީސީ ފަދަ ސަރުކާރުގެ ކުންފުންޏަކުން އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިވާ މިފަދަ ދާއިރާއަކަށް ވަނުމަށް ނިންމުމާއެކު ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރު ވެސް މި ސަރުކާރުގެ އެކި ކުންފުނިތަކުން، އަމިއްލަ ވިޔަފާރިވެރިން ކުރާ އެތައް މަސައްކަތެއްގެ ތެރެއަށް ވަންނައިރު، އެފްޑީސީން މި ވިޔަފާރިއަށް ވަންނަން ނިންމި ސަބަބު ސާފުކޮށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި އަހަރު ވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އިސްކަންދޭނެ ޚާއްސަ އަހަރަކަށެވެ.
އެ މަނިކުފާނުގެ ވެރިކަމަށް ވަޑައިގެން ގިނަ ކުންފުނިތަކެއް އުފައްދަވާފައިވާއިރު، އެ ކުންފުނިތަކުގެ މަސައްކަތް އަދި ރަނގަޅަށް ފަށައިގަނެވިފައި ވެސް ނުވެއެވެ. އޭގެ ތެރޭ ބޭސް އެތެރެކުރަން އުފެއްދި ކުންފުންޏާއި، ޑިވެލޮޕްމަންޓް ބޭންކު ފަދަ ތަންތަން ހިމެނެއެވެ.
އެ ކަންކަން އެެހެން އޮއްވައި އެސްޓީއޯ ފަދަ ކުންފުންޏަކުން ތަރުކާރިއާއި މޭވާ އެތެރެކުރުމާއި، ސަރުކާރުގެ މައި ހޮސްޕިޓަލް ހިންގާ މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އިން އައިނު ވިޔަފާރި ފެށުން ފަދަ އަމިއްލަ ވިޔަފާރިވެރިން ފުޅާ ދާއިރާގައި ހަރަކާތްތެރިވާ މަސައްކަތްތަކަށް ވަނުމުން ވިޔަފާރިވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، އެޗްޑީސީ، އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތަކުގެ މެންޑޭޓާ ނުގުޅޭ، ޖިމް އެޅުމާއި، ބިން ހިއްކުން ފަދަ ކަންކަން ކުރަން ހަވާލުކުރާތީ އެ ކަމުގެ ކަންބޮޑުވުމާއި ފާޑުކިޔުން ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.