ރޮނާލްޑޯ ނެތަސް ރެއާލް ނުހުއްޓުވޭނެ: ރާމޯސް

ރޯމާއާ ދެކޮޅަށް ރެއާލް ކުޅުނު ޗެމްޕިއަންސް ލީގު މެޗެއްގައި ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު، ސާޖިއޯ ރާމޯސްއާއި ކުރީގެ ކޯޗު ޒިދާންއާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ދިޔަ ނަމަވެސް، މި ސީޒަނުގައި ރެއާލް މެޑްރިޑް ލަލީގާ ހޯދުން ނުހުއްޓުވޭނެ ކަމަށް ރެއަލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ގިނަ ބަޔަކު ހައިރާން ކުރުވި ޓްރާންސްފާއެއްގައި އުމުރުން 33 އަހަރުގެ ރޮނާލްޑޯ މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސްއަށް ބަދަލުވީ 128 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާމޯސް ބުނީ، ރެއާލްގައި މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ކްލަބު ދޫކޮށް ދިޔަ ނަމަވެސް، އޭނާ ޔުވެންޓަސްއަށް ދިއުމަކީ ރެއާލްއަށް މި ސީޒަނުގައި ކާމިޔާބު ނުހޯދޭނެ ސަބަބަކަށް ނުވާނެ ކަމަށެވެ.

"މާޒީގައި ވެސް އަހަރެމެންނަށް ގޮންޖެހުންތަކާ ކުރިމަތިވި، އެކަމަކު އަހަރެމެން އަބަދުވެސް ދިޔައީ މެޗުތަކުން މޮޅުވަމުން. ރެއާލް މެޑްރިޑް ދާނީ ކުރިއަށް، ކޮންމެ ކަމެއް ދިމާވިޔަސް ރެއާލް މެޑްރިޑް މޮޅުވުމެއް ނުހުއްޓުވޭނެ،" ރާމޯސް ބުންޏެވެ.

ޔުވެންޓަސްގެ ސީނިއާ ޓީމާއި ޔުވެންޓަސްގެ ބީ ޓީމު އާދީއްތަ ދުވަހު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް އޭނާގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. އެ މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ޓީމަކީ އާއިލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރޮނާލްޑޯ އެހެން ބުނެފައިވާއިރު ރާމޯސްވެސް ވަނީ ރިއާލް މެޑްރިޑްގެ ޓީމަކީ އާއިލާއެއްކަމަށް އިއްޔެ ބުނެފައެވެ. އޭނާ ބުނީ ރެއާލްގެ ކާމިޔާބީގެ ފަހަތުގައި ވަނީ، ހުރިހާ ކުޅުންތެރިންވެސް ޓީމަކީ އާއިލާއެއްގެ ގޮތުގައި ދެކުން ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޕައުންޑުގެ އަގަކަށް ރެއާލްއާ ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބުގައި ނުވަ ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދެ ސްޕެނިޝް ލަލީގާއާއި، ދެ ކޮޕާ ޑެލްރޭ އަދި ހަތަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދި ރޮނާލްޑޯ ވެގެންގޮސްފައި ވަނީ ރެއާލްގެ ދިގު ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ އެ ކްލަބަށް 451 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެ ކްލަބުގެ ސަޕޯޓަރުން ދެކެނީ އޭނާ އަކީ ކްލަބުގެ ލެޖެންޑެއްގެ ގޮތުގައެވެ.

comment ކޮމެންޓް