އިއްޔެ ކުރި ވިއްސާރާގައި ދ. ބަނޑިދު އަށް އެރި ރޯޅިއެއްގައި ގެއްލުންވި ގޭގޭގެ ހާލަތު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ބައްލަވާލައްވައިފި އެވެ.
ބަނޑިދޫ ކައުންސިލުން ބުނީ އިއްޔެ ހަވީރު ދާއިރާގެ މެންބަރު އެ ރަށަށް ވަޑައިގެން ގެއްލުންވީ ގޭގެއަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި ގެއްލުންވީ ގޭގެއަށް މެންބަރުގެ ފަރާތުން އެހީ އެއްވެސް ދެއްވާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އިއްޔެ ބަނޑިދޫ އަށް އެރި ރޯޅީގައި ދެ ގެއަކަށާއި ސްކޫލުގެ ކްލާސްރޫމަށް އަދި އެ ރަށުގައި ހުންނަ އާސާރީ މިސްކިތަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ކައުންސިލުން ބުނީ ގެއްލުންވި ގޭގޭގައި މީހުން އުޅެވޭވަރު ކުރެވިފައިވީ ނަމަވެސް ފުރާޅު އެއްލާލާފައިވާ ކޮޓަރިތަކުގެ ބޭނުން ކުރެވޭވަރު އަދި ނުވާ ކަމަށެވެ. އިއްޔެގެ ވިއްސާރާގައި ސްކޫލަށް ލިބުނު ގެއްލުން ވެސް މަރާމާތުކޮށްފައިވާ ކަމަށާއި ގޭގެއަށް ފެން ނުވަންނަ ގޮތަށް ބަންދު ކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ބަނޑިދޫ ކައުންސިލުން ބުނީ އިއްޔެ ކުރި ވިއްސާރާގައި ރަށަށް ލިބުނު ގެއްލުންތައް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރަށް ރިޕޯޓު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.