އެމްޓީސީސީގެ "ހިޔާ ހައުސިން ސްކީމް" އިފްތިތާހުކޮށްފި

އެމްޓީސީސީ ގެ "ހިޔާ ހައުސިންގް ސްކީމް" އިފްތިތާހު ކުރުމައް ބޭއްވި ޖަލްސާގައި ސީއީއޯ އިބްރާހިމް ޒިޔަތު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ// އަހުމަދު އަވްޝަން އިލްޔާސް

އެމްޓީސީސީ ގެ "ހިޔާ ހައުސިން ސްކީމް" އިފްތިތާހުކޮށްފިއެވެ.

އެ ސްކީމް އިފްތިތާހުކޮށްފައި ވަނީ ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީ ގެ ސީއީއޯ އިބްރާހިމް ޒިޔަތާއި އެކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒްގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީ ގެ ސީއީއޯ ޒިޔަތު ވިދާޅުވީ މިދިޔަ އަހަރު ތައާރަފްކޮށްފައިވާ ހިޔާ ޕްލޭންގައި އެމްޓީސީސީ ގެ މުވައްޒިފުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަރައްގީކުރާ 14 ބުރީގެ ދެ ޓަވަރު ގައި ޖުމްލަ 400 ފުލެޓް އެޅާނެ ކަމަށެވެ. އެއީ އެއް ކޮޓަރީގެ 160 ޔުނިޓާއި ދެ ކޮޓަރީގެ 80 ޔުނިޓް އާއި ދެ ކޮޓަރިއާއި މެއިޑްގެ 160 ޔުނިޓެވެ.

އެއް ކޮޓަރީގެ ޔުނިޓެއް ހަތް ލައްކައާއި އަށް ލައްކަ ރުފިޔާއަށް، ދެ ކޮޓަރީގެ ޔުނިޓެއް 1.2 މިލިއަނާއި 1.3 މިލިއަން ރުފިޔާއަށް އަދި ދެ ކޮޓަރިއާއި މެއިޑް ގެ ޔުނިޓެއް 1.4 މިލިއަނާއި 1.7 މިލިއަން ރުފިޔާއަށް ލިބިގެން ދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ދެ އަހަރަށް ބަހާލައިގެން ޑައުން ޕޭމަންޓް ދެއްކޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެ އަހަރު ދުވަސް ތެރޭގައި އެ މަޝްރޫއު ނިންމައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ވެސް ޒިޔަތު މިރޭ ދެއްވިއެވެ.

އެ ފްލެޓުތަކުން ބައެއް ފްލެޓުތައް ވަނީ އެކުންފުނީގައި މަސައްކަތް ކުރާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައެވެ.

އެމްޓީސީސީ ގެ ޗެއާމަން އަހްމަދު ނިޔާޒު ވިދާޅުވީ އެ ފްލެޓްތަކަކީ އެންމެ ހެޔޮ އަގުގައި ލިބިގެން ދާނެ ހައުސިން ޔުނިޓްތައްކަމަށެވެ. ފްލެޓުތަކުގެ އަގުތައް ކަނޑައަޅާފައި ވަނީ ކުންފުންޏަށް އެއްވެސް ފައިދާއެއް ލައިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް