ކުރިން މާފަރުގައި ދޫނި ޖައްސާ ފެންގަނޑު، މިހާރު އެއާޕޯޓަކަށް!

މާފަރު އެއާޕޯޓު މަތިން --- ސަންފޮޓޯ

މާފަރު ރައްޔިތުން 15 އަހަރު ދުވަސް ވަންދެން ކުރި އުންމީދުތަކުގެ ހަގީގީ ކުލަ ޖެހިގެން ދާތަން މާފަރު ރައްޔިތުންގެ ލޮލުން ފެނުނީ އިއްޔެ އެވެ. އެ ރަށުގައި ގާއިމުކުރި ބައިނަލްއަގުވާމީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި ވަގުތު އެ ރަށުގެ ރައްޔިތުން އެންމެން އެއްވެ ތިބީ އެ މަންޒަރު ބަލާށެވެ. އެރަށުގެ ރައްޔިތުން ބުނާ ގޮތުން އިއްޔެއަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެކެވެ.

"އަޅުގަނޑުމެންނަށް މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މި އެއާޕޯޓް މިރަށުގައި އަޅައި ދެއްވީތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން،" މާފަރު މީހަކު ބުންޏެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސި ވަގުތު އެމަންޒަރު ބަލަން އެއްވެ ތިބި މީހުން --- ސަންފޮޓޯ/ ފާތިމަތު ސައީދު

މާފަރަކީ 1212 މީހުންގެ އާބާދީގެ ރަށެކެވެ. މިވަގުތު ރަށުގައި ދިރިއުޅެނީ 800 އެއްހާ މީހުންނެވެ. މާފަރު ރައްޔިތުން އުފާ ނުކުރާންވީ ސަބަބެއް ވެސް ނެތެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުން އެ ސަރަހައްދަކީ އިންޑިއާ ކަނޑުގެ އެންމެ އަގުބޮޑު ޓުއަރިޒަމް އޮންނަ ސަރަހައްދަށް ހަދާނެ އެވެ. އަދި ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ތައާރަފް ކުރާނެ އެވެ.

މިހާރުވެސް މަތީ ފަންތީގެ ޓުއަރިސްޓް ރިސޯޓުތައް ހިންގާ ނ. އަތޮޅުގައި މާފަރު އެއާޕޯޓުގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

"މި ސަރަހައްދަކީ މިއީ އެންމެ މަތީ ފެންވަރުގެ ޓުއަރިޒަމް. އެންމެ އަގު ބޮޑު ޓުއަރިޒަމް އޮންނަ ސަރަހައްދަށް އިރާދަކުރެއްވިއްޔާ ވެގެން ދާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މާފަރު އެއާޕޯޓުގެ މަސައްކަތް ބައްލަވާ ލައްވަނީ --- ސަންފޮޓޯ/ ފާތިމަތު ސައީދު

މާފަރު މީހުން ބުނާ ގޮތުން އެމީހުން އެއާޕޯޓެއްގެ ހުވަފެން ދެކޭތާ 15 ވަނަރަކަށް އަހަރު ވެދާނެ އެވެ. މިއަދަކީ އެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔަ ދުވަހެވެ. މާފަރުގެ ރައްޔިތެއް ކަމަށްވާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ވަނީ މިއަދު ޓެސްޓް ފްލައިޓުގައި މާފަރަށް ދަތުރުކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުން އެ ފްލައިޓުގައި މާފަރަށް ބޯޓު ޖެއްސި ވަގުތަކީ އުފާވެރި ވަގުތުކޮޅެކެވެ.

"ކުރިން މިތާ އޮންނާނީ ބޮޑު ފެންގަނޑެއް. އޭރު މިތަނަށް ޖައްސާނީ ދޫނި. މިއަދު މިތަން އެއާޕޯޓަކަށް ވެގެން ދިއުމަކީ މިރަށުގެ ރައްޔިތުން ވަރަށް އުފާވާ ކަމެއް،" މާފަރު އެއާޕޯޓުގައި ހުންނަވައި އައްސަދު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އަދި އެތަން ތަރައްގީ ކޮށްފައި ވަނީ ސިޓީ ހޮޓަލަކާ އެކުގަ އެވެ. އެ އެއާޕޯޓަށް ފެށޭ މަހު ޝެޑިއުލް ދަތުރުތައް ފަށާވަރުވާނެ ކަމަށް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

comment ކޮމެންޓް