"ލައިފް އިން އަ މެޓްރޯ" ގެ ދެވަނަ ބައެއް ގެނެސްދެނީ؟

"ލައިފް އިން އަ...މެޓްރޯ"ގެ ފުރަތަމަ ބައިގެ ޕޯސްޓަރެއް...

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަނޫރާގު ބާސޫ 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން އަ މެޓްރޯ" ވެގެންދިޔައީ ބެލުންތެރިންނަށް ކަމުދިޔަ އަދި އެހާމެ ކާމިޔާބު ފިލްމަކަށެވެ.

ދިރިއުޅުމުގެ އެކި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިފައިވާ ބައެއްގެ ވާހަކަ ބެލުންތެރިން ޝައުގުވެރިވާ ގޮތަށް ގެނެސްދީފައިވާ އެ ފިލްމުން ވަނީ ބޮލީވުޑްގެ މަޝްހޫރު ބޮޑު ކާސްޓެއް ފެނިގެން ގޮސްފައެވެ.

ކޮންކޮނާ ސެން ޝަރްމާ، ދަރްމެންދުރާ، ޝަރްމަން ޖޯޝީ، ޝިލްޕާ ޝެޓީ، ޝައިނީ އަހޫޖާ، ނަފީސާ އަލީ، ކަންގަނާ ރަނައުތު، ކޭކޭ މެނަން އަދި އިރުފާން ހާން ފަދަ ތަރިންގެ އެކްޓިންއިން ބެލުންތެރިން އަންތަރީސްކޮށްލި ފިލްމެކެވެ.

ފިލްމަށް ލިބުނު ބޮޑު ތަރުހީބާއެކު އެ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމަށް އަނޫރާގު ވަނީ އިއުލާން ކޮށްފައެވެ. އެ ވާހަކައެއް ދެކެވިފައި އޮންނަތާ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ.

ނަމަވެސް އަނޫރާގުގެ ކުރިޔަށް އޮތް ފިލްމަކީ "ލައިފް އިން އަ މެޓްރޯ"ގެ ދެވަނަ ބައެވެ. މިހާރު ދަނީ ފިލްމުގެ ސްކްރިޕްޓް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. ފިލްމާ ބެހޭގޮތުން މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އަނޫރާގު އަދި ރަންބީރު ކަޕީރު....

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އަނޫރާގު ބުނެފައިވަނީ މި ފިލްމުގެ މައިގަނޑު ވާހަކަ ހާއްސަކުރަނީ ކުށުގެ ވެއްޓަށް ކަމަށެވެ. އެހެންކަމުން މި ފަހަރުގެ ފިލްމުން ވެސް ދައްކުވައިދޭނީ ކުށުގެ ވެށީގައި ބެދޭ ބައެއްގެ ވާހަކައެވެ.

ހަބަރުތައް ފެތުރިފައިވާ ގޮތުން "ލައިފް އިން އަ މެޓްރޯ" ދެވަނަ ބައި ކުޅުމަށް ރާޖުކުމާރު ވަނީ މިހާރު ސޮއިކޮށްފައެވެ. އޭނާ ވަނީ އެ ފިލްމުގެ ފުރަތަމަ ބައިން ނޭޝަނަލް އެވޯޑުވެސް ހޯދާފައެވެ. އޭގެ އިތުރުން ފިލްމުގެ އެހެން ކާސްޓުންވެސް ފައިނަލްކުރަމުން ދާކަމަށް އަނޫރާގު ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންނުވާކަމަށް އޭނާ ފާހަގަކުރިއެވެ.

"ލައިފް އިން އަ މެޓްރޯ"ގެ ދެވަނަ ބައި ހަދާއިރު ރަންބީރު ކަޕޫރުއާ ގުޅިގެން މަަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ފިލްމުގެ ކޯޕްރޮޑިއުސަރުގެ ޒިންމާ އަދާ ކުރުމަށާއި އެ ފިލްމުގެ ރޯލެއް ކުޅުމަށްވެސް ރަންބީރަށް ހުށަހަޅާފައިވާ ކަމަށް އަނޫރާގު ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ރަންބީރު ވަނީ އަނޫރާގުގެ ފިލްމެއް ކަމަށްވާ "ޖައްގާ ޖާސޫސް"ގައި ވެސް ފެނިގެންގޮސްފައެވެ.

comment ކޮމެންޓް