ޓޮޓެންހަމްއިން އަލަށް އެޅި ސްޓޭޑިއަމް ހުޅުވަން ފަސްކޮށްފި

ޓޮޓެންހަމް އިން 850 މިލިއަން ޕައުންޑު ހަރަދުކޮށްގެން އެޅި އާ ސްޓޭޑިއަމް އަކީ 62,062 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެއް--

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ޓޮޓެންހަމް އިން އެ ކްލަބުގެ ކުރީގެ ސްޓޭޑިއަމް، "ވައިޓް ހާޓް ލޭން" ތަޅާލުމަށް ފަހު އެޅި އާ ސްޓޭޑިއަމް ހުޅުވުން ފަސްކޮށްފި އެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ހުޅުވަން ހަމަޖެހިފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ސްޓޭޑިއަމްގެ ސަލާމަތީ ނިޒާމުތަކެއްގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، ސްޓޭޑިއަމް ހުޅުވުން ލަސް ކުރަން ޖެހިފައިވާކަން އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

ޓޮޓެންހަމް އިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސަލާމަތީ ނިޒާމުގައި މައްސަލަ ހުރުމުން، މި މަހުގެ 27 ވަނަ ދުވަހު އަދި ސެޕްޓެމްބަރު އެއް ވަނަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހުނު ސްޓޭޑިއަމްގެ ޓެސްޓުތައް ފަސް ކުރަން ޖެހިފައިވާ ކަމަށެވެ.

އާ ސްޓޭޑިއަމްގައި މެޗުތައް ކުރިއަށް ގެންދެވޭނީ އެ ޓެސްޓުތައް ހަދައި ކަމާ ބެހޭ ފަރާތްތަކުން ސޭފްޓީ ލައިސެންސް ދިނުމުން ކަމަށް ވެސް ޓޮޓެންހަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ފުރަތަމަ މެޗެއް ކުޅެން ހަމަޖެހިފައި އޮތީ ލިވަޕޫލްއާ ދެކޮޅަށެވެ. އެހެން ނަމަވެސް، މިހާރު ސްޓޭޑިއަމް ހުޅުވުން ލަސް ކުރުމާ އެކު އެ މެޗު ލަންޑަންގައި ހުންނަ ވެމްބްލީ ސްޓޭޑިއަމްގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އޮކްޓޯބަރު ހަ ވަނަ ދުވަހު ޓޮޓެންހަމް ހޯމްގައި ކާޑިފްއާ ދެކޮޅަށް ނުކުންނަ މެޗު ވެސް ވަނީ ވެމްބްލީއަށް ބަދަލުކޮށްފަ އެވެ.

ޓޮޓެންހަމް އިން 850 މިލިއަން ޕައުންޑު ހަރަދުކޮށްގެން އެޅި އާ ސްޓޭޑިއަމް އަކީ 62,062 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

comment ކޮމެންޓް