ޑެހެއާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓު އާ ކުރަނީ؟

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ(ކ) އަދި އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ--

ދުނިޔޭގެ އެންމެ ހުނަރުވެރި އެއް ގޯލްކީޕަރު، ސްޕެއިންގެ ޑޭވިޑް ޑެހެއާ މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓު އާ ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ރެއަލް މެޑްރިޑުން ވަނީ ޑެހެއާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އަދި ޑެހެއާ ރެއަލްއަށް ދާން ޝައުގުވެރިވާ ކަމަށް ވެސް އޭރު ރިޕޯޓުތައް ބުންޏެވެ. އެހެން ނަމަވެސް، މިދިޔަ ހަފްތާގެ ތެރޭގައި، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ރެއާލްއާ ގުޅުމާ އެކު، ޑެހެއާ ރެއާލްއަށް ދާން އުޅޭ ކަމަށް ދެކެވުނު ވާހަތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ.

އުމުރުން 27 އަހަރުގެ ޑެހެއާގެ މެންޗެސްޓާ ޔުނައިޓެޑް ކޮންޓްރެކްޓު ހަމަވަނީ އަންނަ އަހަރު އެވެ. އެ ކޮންޓްރެކްޓުގެ ދަށުން ޑެހެއާއަށް ހަފްތާ އަކު 180،000 ޕައުންޑް ލިބެ އެވެ. އަންނަ އަހަރު ޑެހެއާގެ ކޮންޓްރެކްޓު ހަމަވި ނަމަވެސް ކޮންޓްރެކްޓަށް އަދި އެއް އަހަރު އިތުރު ކުރުމުގެ އިހްތިޔާރު މެންޗެސްޓާ ޔުނައިޓެޑަށް ލިބިގެންވެ އެވެ.

ޑެހެއާގެ ކޮންޓްރެކްޓު ހަމަވާން ކައިރިވެފައިވުމާ އެކު އަދި އޭނާ ރެއާލްއަށް ދިއުމުގެ ފުރުސަތު ހަނިވުމާ އެކު އޭނާ މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓު އާ ކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ފަހުން ޑެހެއާ ވަނީ އެ ކްލަބުގެ ޕްލޭޔާ އޮފް ދަ އިޔާކަން ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި އޭނާ ވަނީ އެ ކްލަބާ އެކު ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގް ކަޕް، އަދި ޔޫރަޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް