ތަރައްގީއަކީ ހަމައެކަނި ބޮޑެތި އާބާދީތަކަށް ބެނުންވާ އެއްޗެއް ނޫންކަން މިސަރުކާރުން ވާނީ ސާބިތުކޮށްދީފައިކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ތ. ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ފަހުންއައި ދެ އަހަރުގެ ވެރިކަމުގައިވެސް ފާހަގަކުރެވޭވަރުގެ ތަރައްގީއެއް ކުދި ރަށްތަކަށް ގެނެސްދީފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކަނޑޫދޫފަދަ އާބާދީ ކުޑަ ރަށްރަށަށް ވެސް ބޮޑެތި ތަރައްގީ ވާނީ ގެނެސްދީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ދައުލަތައް ފައިސާ ވަންނަ ދޮރުތައް ވަނީ ލައްޕާފައި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތެއް ކުރިއަށް ގެންދަން ބޭނުންނަމަ ތަރައްގީ ކުރަން ޖެހެނީ އިންސާނީ ވަސީލަތްތައްކަމަށެވެ. އަދި ދައުލަތައް ފައިސާވަންނާނެ ގޮތެއް ހޯދުމަކީ ވެސް ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި ތިން ކަންތައްތައް ފާހަގަކުރައްވައި އެކަންކަމަށް ރައީސް ވަނީ ރައްދު ދެއްވާފައެވެ.
އެގޮތުން މަރުގެ މައްސަލަތައް އަލުން ތަހުގީގު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި ވިދާޅުވުމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ އިބޫ ވިދާޅުވި މައްސަލަތަކުގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށާއި އެ ތަހުގުތައް އަލުން ފަށާކަށް ނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކޮމިޓީއެއް އެކުލަވާލާކަށް ނުޖެހޭނެ ކަމަށާއި ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެފަދަ ކޮމިޓީއެއް އުފައްދާފައި ވީނަމަވެސް އެކަން ކޮށްފައި ނުވާކަން އެ ވާހަކަފުޅުގައި ރައީސް ފާހަކުރެއްވިއެވެ.