ތ. ތިމަރަފުށީގެ މަގުތައް ހަދައި އެ ރަށުން ބިން ދޫކުރުމުގެ އިތުރުން ބީއެމްއެލްގެ ބްރާންޗެއް ވެސް އެ ރަށުގައި ހުޅުވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީގައި އެންވައިރަންމަންޓް މިނިސްޓްރީން ގާއިމު ކުރި ފެނުގެ ނިޒާމް އިފުތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތިމަރަަފުށީގައި ހިއްކައިގެން ހަދާއިފައިވާ އެއާޕޯޓުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެވެ. އަދި ހިއްކާފައި ބޮޑު ބިމުން ގޯތި ދޫކުރުމުގެ ވިސްނުން އެރަށުން ގެންގުޅޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ބިން ހިއްކިގެން ދާއިރު އެއާޕޯޓުން އަޅުގަނޑުމެން މިޖަލްސާ ކުރަމުންދާ މިހިސާބުން ބަނދަރާ ހަމައަށް މި އަންނަ އިރު އެމަގު ހެދިފައި އޮތް ނަމަ ތިމަރަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަވެގެން ދާނެ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އިރާދަކުރެއްވިއްޔާ މިމަގު މިމަހު ރަނގަޅު ފެންވަރަކަށް ހަދައި ތާރުއަޅައި ނިންމައިދޭނަމޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ދިމަދިމާލަށް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި އަދި އޭޓީއެމްތައް ގާއިމްކުރުމަށްް ހަމަޖެހިފައިވާ ކަމަށެވެ.
"ދެހާސް ފަސްސަތޭކަ އާބަދީ ހަމަވަންޏާ އޭޓީއެމް ވެސް ލިބޭނެ ކަމަށް ބަލަމާ ހިންގަވާ. މިރަށަށް އަޅުގަނޑު ދަންނަވާނީ 2500 އަށް ވުރެ އާބާދީ ބޮޑުވާތީ އޭޓީއެމްއެއް ނޫނޭ އިރާދަ ކުރެއްވިއްޔާ ފުލް ބްރާންޗެއްގެ ދިދުމަތް ލިބެގެންދާނެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ތިމަރަފުށީގެ މުޅި ރަށުގެ ލޭންޑް ޔޫސް ޕްލޭން ނިންމައި އަންނަ ހަފުތާގެ ތެރޭގައި ކައުންސިލްއާ އެ ޕްލޭން ހަވާލުކުރާނެ ކަމަށެެވެ. އަދި އެއަށް ފަހު ހަމަ މިމަހުގެ ތެރޭގައި ކައުންސިލުން އެދާގޮތަށް ބިން ދޫކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.