ފުޓްބޯޅަ މެޗެއްގެ ފޮޓޯނަގަން ފުރާޅަށް އެރި އަންހެނެއް މީޑިއާގެ ސަމާލުކަމަށް!

ޕަރީސާ ޕޯތަހެރިއަން ފުރާޅެއްމަތީގައި މެޗްގެ ފޮޓޯ ނަގަނި-- ފޮޓޯ//ބީބީސީ

އީރާނުގައި އަންހެނުންނަށް ބައެއް ކަންކަމުގައި ހަރަކާތްތެރިވެ އުޅުން އޮންނަނީ ވަރަށް ބޮޑަށް މަނާކޮށްފައެވެ. ޚާއްސަކޮށް ފުޓްބޯޅަ ފަދަ ދެޖިންސުގެ ގިނަ އަދަދެއްގެ މީހުންއެއްތަނަކަށް ޖަމާވެތިބެ ބަލާ ކުޅިވަރުތައް ބެލުމަށް އަންހެންވެރީން ދަނޑަށް ވަނުމަކީ އެގައުމުގައި މަނާކަމެކެވެ.

ދަނޑަށް ނުވަދެވުނު ކަމުގައި ވީނަމަވެސް އީރާނުގެ ޒުވާން އަންހެނަކު މިވަނީ، ފުޓްބޯޅަ މެޗެއްގެ ފޮޓޯނަގައި، އެކަމުގެ ހިތްހަމަޖެހުން ލިބިގެންފައެވެ. ފުޓްބޯޅަ މެޗު ފޮޓޯ ނެގުމަށް އެ ޒުވާނާ، ގެއެއްގެ ފުރާޅުމައްޗަށް އަރައި ކުރި މަސައްކަތް މިހާރު ވަނީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ.

އުމުރުން 26 އަހަރުގެ ޕަރީސާ ޕޯތަހެރިއަން އަކީ އަބަދުވެސް ކުޅިވަރުގެ ފޮޓޯގްރަފީއަށް ޝައުގުވެރިވާ ޒުވާނެކެވެ. ނަމަވެސް އީރާނުގައި އަންހެނުންނަށް އެފަދަ ފުރުސަތުތައް ލިބުމަކީ ނާދިރު ކަމެކެވެ. މީޑިއާގެ ސަމާލުކަމަށް ޕަރީސާ އައި ސަބަބަކީ، އީރާންގައި ކުޅުން ފުޓްބޯޅަ މެޗެއް ފޮޓޯނެގުމަށް އޭނާ ކުރި ބުރަ މަސައްކަތެވެ.

އީރާނުގެ ނޫސްތަކަށް މައުލޫމާތު ދެމުން ޕަރީސާ ބުނީ މެޗް ފެށުމުގެ ތިން ގަޑިއިރު ކުރިން އޭނާ ސްޓޭޑިއަމް ސަރަހައްދަށް ދިޔަ ކަމަށެވެ. ނަމަވެސް އެތެރައަށް ނުވަދެވޭތީ ސްޓޭޑިއަމް ކައިރިން އުސް އިމާރާތަކަށް ވަނުމަށް އެތައް ގޮތަކަށް މަސައްކަތް ކުރިކަމަށެވެ. ސްޓޭޑިއަމް ސަރަހައްދުގައިހުރި އިމާރާތްތަކަށް އެރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަށް އެކަން ކާމިޔާބުވީ، މެޗްގެ ދެވަނަ ހާފް ފެށެން އުޅެނިކޮށެވެ. އިމާރާތަކަށް ވަނުމުގެ ހުއްދަ އިމާރާތުގެ ބޮޑުމީހާ ދިނުމުން އެތަނަށް ވަދެ މެޗްގެ ފޮޓޯތައް ނެގުމުގެ މަސައްކަތް އޭނާ ފެށިއެވެ.

ކޮންމެ ގޮތަކަށްވެސް އެ ބޮޑު ފުޓްބޯޅަ މެޗުގެ ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނުކަމަށަޓަކައި ޕަރީސާ ހުރީ ވަރަށް އުފަލުންނެވެ. އެއީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނަކަށް ވާތީއެވެ.

ޕަރީސާ ހުރީ މެޗުގެ ފޮޓޯނަގަން ގެއެއްގެ ފުރާޅުމަތީގައެވެ. މެޗުގެ ފޮޓޯނަގަން ތިބި އެހެން ފޮޓޯގްރާފަރުން ތިބީ ދަނޑުގައި ނަމަވެސް އެމީހުންގެ ކެމެރާތައް އެންމެ ފަހުން ހުއްޓުނީ، ބޮޑު ލެންސެއް އަޅުވާފައިހުރި ކެމެރާއަކާއެކު ފުރާޅުމަތީގައި ހުރި ޕަރީސާއަށެވެ. އޭނާ ގޮތުގައި މެޗްގެ ފޮޓޯނަގަން ގޮސްތިބި އެހެން ފޮޓޯގްރާފަރުންނަށް އޭނާ ފެނުމުން އެންމެންވެސް އޭނާގެ ފޮޓޯ ނެގިއެވެ.

ފުޓްބޯޅަ މެޗުތަކުގެ ފޮޓޯ ނެގުމަކީ ޕަރީސާ ކިތަންމެ ގަޔާވާކަމެއް ނަމަވެސް އީރާންގައި ފުޓްބޯޅަ ކުޅެ ސްޓޭޑިއަމްތަކަށް އަންހެނުން ވަނުމަކީ މަނާކަމަކަށް ވާތީ އެފަދަ ފުރުސަތުތަށް އެއްގޮތަކަށްވެސް ނުލިބޭކަމަށް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޕަރީސާ ބުންޏެވެ.

ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޕަރީސާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އީރާންގައި، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް އެފަދަ ފުރުސަތުތައް ލިބޭ ދުވަހެކެވެ.

ޕަރީސާގެ އުންމީދުތައް ގުޅިފައިވަނީ ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އަދި ބޭރު ގައުމުތަކަށް ގޮސް، ކުޅިވަރުގެ ބޮޑެތި ހަފްލާތައް ކަވަރކުރުމުގައި ހަރަކާތްތެރިވުމުވެ. ޚާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗެއްގެ ފޮޓޯ ނެގުމުގެ ފުރުސަތު ލިބުމަކީ އޭނާ ދެކެން ވަރަށް ބޭނުން ދުވަހެއްކަމަކަށް އޭނާ ބުންޏެވެ.

ޕަރީސާ ބުނީ، އޭނާގެ އެ ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ.

comment ކޮމެންޓް