ބެންޗުން ކުޅެން އެރިތާ މާގިނައިރުތަކެއް ނުވަނީސް ސްޕެއިންގެ މިކޭލް މެރީނޯ، މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ޖެހި ގޯލާއެކު 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް ސްޕެއިނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލުގެ މި މެޗުން ހޯދި މޮޅާއެކު، ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ސެމީ ފައިނަލުގައި ނުކުންނާނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.
މިއީ ގަދަ 16 ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގެ 91 ވަނަ މިނިޓުގައިވެސް ލަނޑު ޖަހައި ސްޕެއިން ސަލާމަތްކޮށްދިން އާސެނަލްގެ މިޑްފީލްޑަރު މެރީނޯ، ބެންޗުން އަރައި ޖެހިޖެހިގެން ސްޕެއިން މޮޅުކޮށްދިން ދެވަނަ މެޗެވެ.

މެޗުގައި ސްޕެއިން މޮޅުވި ލަނޑު ޖެހުމަށްފަހު މެރީނޯ--
މި މެޗަށް ނުކުތްއިރު ދެ ޓީމުގެ ފުރަތަމަ އެގާރައަށް މުހިންމު ބަދަލުތަކެއް އައިސްފައިވެއެވެ. ސްޕެއިނުން ޕެޑްރީގެ ބަދަލުގައި ފަބިއަން ރުއީޒަށް ފުރުސަތު ދިންއިރު، ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ޓީލަމަންސް މެޗުގެ ވޯމްއަޕްގައި އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން އެރީ ހާންސް ވަނެކަންއެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ސްޕެއިނުން މެޗުގެ ކުރީކޮޅު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 30 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ރުއީޒްއެވެ. މިއީ ޑެނީ އޯލްމޯ ފޮނުވާލި ބާރު ހަމަލާއެއް ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފައި ނުކުތް ވަގުތު، ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ފަހުން ލަމީން ޔަމާލްއަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަތައް ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމާއި ސްޕެއިން ބައްދަލުކުރި މެޗުގައި ލަމީން ޔަމާލް ބެލްޖިއަމް ކުޅުންތެރިން ކައިރިން ބޯޅައާއެކު ހަރަކާތްތެރިވަނީ--
ސްޕެއިނުން ބާރުބޮޑުކޮށްފައި ވަނިކޮށް، މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށްވެފައި ވަނިކޮށް ބެލްޖިއަމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ 41 ވަނަ މިނިޓުގައި ޓިމޮތީ ކަސްޓާންޏާ ނަގައިދިން ހުރަހަކުން ބޮލުން ގޯލް ޖަހައިދިނީ ޗާލްސް ޑި ކަޓަލާރޭއެވެ. މިއީ މުޅި މުބާރާތުގައި ވެސް 649 މިނިޓަށްފަހު ސްޕެއިން ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
މިއާއެކު ދެވަނަ ހާފުގެ ކުޅުން ފޯރިގަދަވެ، ދެ ޓީމުންވެސް ހަމަލާތައް އުފައްދަން ފެށިއެވެ. ބެލްޖިއަމްގެ ފުލްބެކް މެކްސިމް ޑި ކުއިޕާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، މެޗުގެ އޮއިވަރު ބަދަލުވީ ބެލްޖިއަމްގެ އިތުބާރު ކީޕަރު ކޯޓުއާއަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ބެންޗުން އައި ޒުވާން ކީޕަރު ސެން ލަމެންސްއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން--
ސްޕެއިން މޮޅުވި ތާރީހީ ލަނޑު ފެނިގެންދިޔައީ މެޗުގެ 88 ވަނަ މިނިޓުގައެވެ. އޭރިއާ ބޭރުން ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕައު ކުބަރްސީ ފޮނުވާލި ބާރު ޝޮޓް ބެލްޖިއަމްގެ ބަދަލު ކީޕަރު ލަމެންސް އަތުގައި ޖެހިފައި ކޮންޓްރޯލްނުވެ ނުކުތް ވަގުތު، އެ ބޯޅަ ހޯދައި މެރީނޯ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މި ނަތީޖާއާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ރެކޯޑުތަކުގައި ސްޕެއިންގެ ކުރިއެރުން އިތުރަށް ދެމެހެއްޓުނެވެ. މިހާތަނަށް ދެ ޓީމު ކުޅުނު 22 މެޗުގެ ތެރެއިން 12 މެޗުން ސްޕެއިން މޮޅުވެފައިވާއިރު ބެލްޖިއަމަށް ކާމިޔާބުކުރެވުނީ 5 މެޗެވެ.
ސްޕެއިން ދެން ނުކުންނާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސާ ދެކޮޅަށެވެ.