މި އަހަރު 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ޗައިނާއަށް ފޮނުވާނެ: ޑރ. ޝަމީމް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ މިއަދު ބަނޑޮސް އައިލެންޑު ރިސޯޓުގައި ޗައިނާ އެމްބަސީއިން އިންތިޒާމުކޮށްގެން ބޭއްވި "މައި ސްޓޯރީ ވިތް ޗައިނާ" އިވެންޓުގައެވެ.

ޝަމީމް ވިދާޅުވީ މިހާތަނަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެންމެ ގިނަ ސްކޮލާޝިޕްތަކާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދީފައިވާ ގައުމުތަކަކީ ޗައިނާ ކަމަށެވެ. އެގޮތުން މި އަހަރުވެސް ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި އަހަރު އަޅުގަނޑުމެން އުންމީދު ކުރަނީ 100 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ތަމްރީނަށް ޗައިނާއަށް ފޮނުވަން،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ފަރާތުން ދަސް ކުރެވޭނެ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން އެގައުމާއެކު ގުޅުން އަދިވެސް ބަދަހި ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޗައިނާގެ ސިވިލް ސާވިސްއަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސިވިލް ސާވިސް ކަމަށެވެ. އަދި އެގައުމުގެ ސިވިލް ސާވިސްގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމުށް ތާއީދުކޮށް ޗައިނާއިން އދ. ގައި ވާހަކަ ދައްކާފައިވާ ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ. ރާއްޖެ އދ.ގެ މެމްބަރަކަށް ވުމުގައި ޗައިނާގެ ދައުރެއް އޮތްކަން ފާހަގަކުރައްވައި އޭނާ ވަނީ ޗައިނާއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ބަނޑޮހުގައި ބޭއްވި "މައި ސްޓޯރީ ވިތް ޗައިނާ" އިވެންޓަކީ ދެގައުމުގެ ގުޅުން ބަދަހިކޮށް ތަޖުރިބާތައް ބަދަލުކުރަން ބޭއްވި އިވެންޓެކެވެ. އެ އިވެންޓުގައި އެކި ދާއިރާތަކުގައި މަަސައްކަތް ކުރާ ދިވެހިން ވަނީ އެމީހުންނަށް ޗައިނާގައި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.

comment ކޮމެންޓް