ލޯން އެއްބަސްވުމެއްގެ ދަށުން ޒޫމާ އެވަޓަންއަށް

ޗެލްސީގެ ޑިފެންޑަރު ޒޫމާ --- ފޮޓޯ/ އޭއެފްޕީ

ފްރާންސްގެ ޒުވާން ޑިފެންޑަރު ކާޓް ޒޫމާ، ލޯން އެއްބަސްވުމެއްގެ ދަށުން އެވަޓަންއާ ގުޅިއްޖެއެވެ.

ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި އުމުރުން 23 އަހަރުގެ ޑިފެންޑަރު ޒޫމާ، ލޯން އެއްބަސްވުމެއްގައި އެވަޓަންއާ ގުޅިފައި ވަނީ ޓްރާންސްފާގެ ޑެޑްލައިން ޑޭގައި އެވަޓަންއިން ކުރި ބިޑަކަށެވެ. ޓްރާންސްފާގެ ބާޒާރު ބަންދުވުމުގެ ކުރިން އެވަޓަންއިން ޗެލްސީއަށް ބިޑްކުރި ނަމަވެސް، އެ ބިޑް ކާމިޔާބުވިކަން އިއުލާން ކޮށްފައި ވަނީ މިއަދުއެވެ.

ޗެލްސީއަށް މިހާތަނަށް 71 މެޗު ކުޅެފައިވާ ޒޫމާ މިދިޔަ ސީޒަނާ ހަމައަށް އައީ ޗެލްސީގައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ސީޒަންގައި އޭނާއަށް ލިބުނި އަނިޔާއެއްގެ ސަބަބުން ސީޒަން އެއްކޮށް ގެއްލުނެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި އަނެއްކާވެސް ފިޓް ވެގެން ޒޫމާ ކުޅުމަށް ނުކުމެފައިވާ އިރު، އޭނާ އެ ސީޒަން ހޭދަކުރީ ލޯން އެއްބަސްވުމެއްގެ ދަށުން ސްޓޯކް ސިޓީގައެވެ.

ޗެލްސީއަށް ކުޅެމުންދާ ބެލްޖިއަމް ފޯވަޑް މިޗީ ބަޓްސްޗުއާއީވެސް އެޓީމުން ލޯނެއްގައި ވެލެންސިއާއަށް ފޮނުވާލައިފައިވާ އިރު، އެވަޓަންއަށް މި ޓްރާންސްފާ ސީޒަންގައި ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވެއެވެ.

އެގޮތުން ބާސެލޯނާގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މިނާގެ އިތުރުން ޕޯޗުގަލްގެ އަންދްރޭ ގޮމޭސްއާއި ލޫކަސް ޑީނިއާވެސް އެވަޓަންއިން ވަނީ ޓީމަށް ގެނެސްފައެވެ. ވަޓްފޯޑަށް މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ރިޗާލްސަންގެ އިތުރުން ބްރެޒިލްގެ ބަރްނާޑްވެސް ކުރިއަށް އޮސް ސީޒަންގައި ފެންނާނީ އެވަޓަންއިންނެވެ.

comment ކޮމެންޓް