ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ޝުޖާއުވެސް ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އިންތިހާބުގައި ވާދަނުކުރައްވަން ނިންމައިފިއެވެ.

ޝުޖާއު ޓްވިޓާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ޕާޓީއެއްގެ އެތެރޭގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ އެކިއެކި ލީޑަރުންނަށް އޭނާ ވަނީ ބަޔާނުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝުޖާއު ބަޔާނުގައި ވިދާޅުވީ ކަންކަން މިހެން އޮތުމާ އެކު، އޭނާ ކުރަމުން ގެންދަވާ މަސައްކަތް ރައްޔިތުންނާ ހަމައަށް ވާސިލުކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރުމަށް ނިންމު ނިންމުން އަނބުރާ ގެނެސްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ގައުމުގެ ޒުވާނުން ބާރުވެރިވެ، ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންުމުގައި ނުފޫޒުތަކުން އެއްކިބާވެވޭވެ ދުވަހެއް ދެއްކެވުމެވެ. އަޅުގަނޑު މިކުރާ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ޝުޖާއު އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

https://sun.mv/109245

ޝުޖާއު އިންތިހާބުގައި ވާދަނުކުރަން ނިންމެވި އިރު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން މިއަދު އިއުލާނުކުރައްވާފައެވެ.

އުމަރާއި ޝުޖާއު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި އިރު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅި އަމިއްލަ ކެންޑިޑޭޓު ހުސައިން ނަސީރުގެ ފޯމު ބަލައިނުގަތުމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

https://sun.mv/109240

އަމިއްލަ ކެންޑިޑޭޓުންގެ އިތުރުން އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ އިދިކޮޅު ކެންޑިޑޭޓު، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި، އިއްޔެ ފޯމު ހުށަހެޅުއްވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އިބޫގެ ކެންޑިޑެންސީ އިލެކްޝަނުން ގަބޫލުކޮށްފައިވާއިރު އިއްޔެ ހެނދުނު ފޯމު ހުށަހެޅި ރައީސް ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ ގޮތުން މާދަމާ 10:30ގެ ކުރިން ގޮތެއް ނިންމާނެއެވެ.

comment ކޮމެންޓް