ޓްރައޯރޭ ގެންނަން ވުލްވްސްއިން އެ ކްލަބްގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފި

ސްޕެއިންއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަޑަމާ ޓްރައޯރޭ--

ކުރިން ބާސެލޯނާއަށް ކުޅުނު ވިންގަރ އަޑަމާ ޓްރައޯރޭގެ ސޮއި ހޯދުމަށް ޕްރިމިއާލީގަށް ޕްރޮމޯޓުވެފައިވާ ވުލްވާހޭމްޓަން އިން، އެ ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފިއެވެ.

އިއްޔެ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޓްރައޯރޭ ވުލްވްސްއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނުގައި މިޑްލްސްބޮރޯއަށް ކުޅުނު ޓްރައޯރޭގެ ވުލްވްސްއިން ގަތީ 20 މިލިއަން ޕައުންޑުގެ ފީއެއް ދައްކައިގެންނެވެ. އެ ފީގެ ތެރެއިން 10 މިލިއަން ޕައުންޑު މިޑްލްސްބޮރޯއަށް ދައްކަން ހަމަޖެހިފައި ވަނި އިންސްޓޯލްމެންޓު އުސޫލުންނެވެ.

ޓްރައޯރޭއަކީ އިނގިރޭސި ދެވަނަ ޑިވިޝަންގެ އެންމެ ގިނަ ޑްރިބަލް ފުރިހަމަ ކުރި ކުޅުންތެރިޔާއެވެ. ކޮއްޓަން ލޯބި ކުރާ ޓްރައޯރޭ ވަނީ މިދިޔަ ސީޒަނުގައި ފަސް ގޯލު ޖަހައި 10 އެސިސްޓު ހަދާފައެވެ. އަދި އޭނާގެ މޮޅު ކުޅުމެއް ދައްކައި މިޑްލްސްބޮރޯ ޕްލޭއޮފްސްއާ ހަމައަށް ގެންދިޔައެވެ.

ވުލްވްސް 2011-2012 ސީޒަނުގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި ފަހުން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގަށް ޕްރޮމޯޓުވެފައިވާ އިރު އެ ކްލަބުން ދަނީ ސްކޮޑު ވަރުގަދަ ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ. މިހާތަނަށް އެ ކްލަބުން ވަނީ ކުރިއަށް އޮތް ސީޒަނަށް އާ 10 ކުޅުންތެރިން ގެނެސްފައެވެ.

އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު ރުއީ ޕެޓްރީޝިއޯ އަދި ޖާއޯ މޯޓީނިއޯވެސް ހިމެނެވެ.

comment ކޮމެންޓް