ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ބ. އޭދަފުށި، ތ. ތިމަރަފުށި، ލ. ގަން އަދި މާލެއިން ވާދަ ކުރާ ހަމައެކަނި ޓީމު ކަމަށްވާ މާފަންނު ދަތުރުކޮށްފިއެވެ.

ރޭ އޭދަފުށި ސެމީއަށް ދަތުރުކުރީ ހދ. ނައިވާދޫއާ ދެކޮޅަށް ކުޅުނު މެޗުން 7-3 ނަތީޖާއިން ކުރިހޯދައިގެންނެވެ. އެ މެޗުގައި އޭދަފުށީ ޓީމުގެ އިޝާން އިބްރާހީމާއި އަހްމަދު އަސްރަފު ވަނީ ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމަށް ހޯލު ޖަހައިދިނީ ހަމްދާން ސައްތާރެވެ. މޭން އޮފް އޮފް ދަ މެޗް ކަމަށް ހޮވުނީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހީމެވެ.

ގަން ސެމީއަށް ދަތުރު ކުރީ އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ގަމުގެ ދެ ގޯލު ޖެހީ އަހްމަދު ހަލީމާއި އަހްމަދު އަޖުވަދެވެ. މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ ގަމު ޓީމުގެ ހަލީމެވެ.

ތިމަރަފުށި ސެމީއަށް ދަތުރު ކުރީ ކުއާޓާގައި 6-1 ގެ ނަތީޖާއިން ސ. ފޭދޫ ބަލިކޮށްގެންނެވެ. އެ މެޗުގައި ތިމަރަފުށްޓަށް ގޯލު ޖަހައިދިނީ އަލީ ފަހުމީ، މުނީޒް، ޒިޔާން އަދި ޒަޔާންއެވެ. މެޗުގައި ހެޓްރިކް ހެދި ޒަޔާންއަށް ވަނީ މޭން އޮފް ދަ މެޗް ކަން ލިބިފައެވެ.

މާފަންނު ސެމީއަށް ދަތުރު ކުރީ ކ. މާފުއްޓާ ވާދަކޮށް 1-0 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. އެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިން ޔާމިން މުހައްމަދަށް ވަނީ މޭން އޮފް ދަ މެޗްކަން ލިބިފައެވެ.

މި ހަތަރު ޓީމު ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީގެ މެޗުތައް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ގްރައުންޑް އެކެއްގައެވެ. ސެމީގައި ތިމަރަފުށި ގަމާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު އޭދަފުށި ނުކުންނާނީ މާފަންނާ ދެކޮޅަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕު ޓީމުތަކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.