ފަރުކޮއެ ޕްރޮގްރާމުގެ ވެބްސައިޓް އިފްތިތާހުކޮށްފި

ފަރުކޮއި ވެބްސައިޓް ލޯންޗްކުރަނީ---- ސަން ފޮޓޯ/ އަހްމަދު އައުޝަން

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށްގެންދާ "ފަރުކޮއި" ޕްރޮގްރާމްގެ ވެބްސައިޓް މިއަދު އިފްތިތާހްކޮށްފި އެވެ.

ނޭޝަނަލް އާޓު ގެލެރީގައި މިއަދު ބޭއްވި ހަފްލާގައި "ފަރުކޮއި" ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މި ވެބްސައިޓުން "ފަރުކޮއި"އާ ބެހޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނައިފަ އެވެ. ސްކޫލުތަކުން "ފަރުކޮއި"އަށް ދިޔަ ދަރިވަރުންގެ އަދަދު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އަދި ކޮންމެ ސްކޫލެއް ވަކި ވަކިން "ފަރުކޮއި" ޕްރޮގްރާމަށް ދިޔަ ދަރިވަރުންގެ ނިސްބަތް ވެސް އެ ޕޭޖުގައި ވަނީ ހިމަނައިފަ އެވެ.

ސްކޫލު ފެންވަރުގެ އިތުރުން ރަށު ފެންވަރުގައި ހިނގި ހަރަކާތްތަކުގެ މައުލޫމާތު "ފަރުކޮއި" ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން ވަނީ ހުރިހާ ސްކޫލްތަކަށް ފޮތިކޮތަޅު ހަދިޔާކުރަން ނިންމައިފަ އެވެ. އަދި ޔުނިސެފް އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް ފެންބޯ ފުޅި ހަދިޔާކުރަން ނިންމައިފަ އެވެ.

"ފަރުކޮއި" ޕްރޮގްރާމްގެ ދަށުން އަހަރުގެ މިހާތަނަށް ވަނީ 35،406 ދަރިވަރުން ފަރުތައް ބަލައިފަ އެވެ. އެއީ ރާއްޖޭގެ ސްކޫލުތަކުގެ ނިސްބަތުން 48 ޕަސެންޓެވެ.

"ފަރުކޮއި" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 182 ސްކޫލެއްގައި ވަނީ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފަ އެވެ.

ކުރިން ވެސް ސްކޫލު ކުދިންނަށް ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ނަމަވެސް "ފަރުކޮއި" ޕްރޮގްރާމް ހިންގަނީ އަދި މުޅިން ތަފާތު "ކޮންސެޕްޓް" އަކަށެވެ. ފަރުކޮއި ޕްރޮގްރާމްގެ އަމާޒަކީ ކުދިން ރާއްޖޭގެ ފަރުތަކަށް ލޯބި ޖައްސައިގެން އެފަރުތައް ހިމާޔަތްކުރުމަކީ ކޮންމެ ކުއްޖަކުގެ ފަރުދީ ޒިންމާއެއްކަން ވިސްނައިދިނުމެވެ.

ރާއްޖޭގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްކޫލުތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް