ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއް ކޮށްފި

އޭޑިކޭގައި މީގެ ކުރީން ކުރެވުނު ސިކުނޑީގެ އޮޕަރޭޝަނުގެ ތެރެއިން. އިއްޔެ އެ ހޮސްޕިޓަލްގައި ވަނީ ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއްކޮށްފައި -- ފައިލް ފޮޓޯ އޭޑީކޭ

ރާއްޖޭގެ ފުރަތަމަ ފަހަރަށް ކާމިޔާބުކަމާ އެކު ބައިޕާސް އޮޕަރޭޝަނެއްކޮށްފިއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ، އޭޑީކޭ ހޮސްޕިޓަލްގައެވެ.

ބައިޕާސް ހަދާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީއެއްގެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު ވިދާޅުވީ، އުމުރުން 54 އަހަރުގެ އެމީހާގެ ހިތުގެ މައްސަލައެއްގައި އިއްޔެ އެޑީކޭއަށް ގެންދިޔުމުން އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ބައިޕާސް ހެދީކަމަށެވެ.

އެންޖީއޯގްރާމެއް ހަދަން އޭޑީކޭ ހޮސްޕިޓަލުގައި އެމީހާ އެޑްމިޓް ކުރުމުން ބައިޕާސް އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވިކަމަށް ކަރެކްޝަނުން މައުލޫމާދެއެވެ.

ކަރެކްޝަނުން މައުލޫމާތު ދިންގޮތުގައި ގައިދީގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި މިވަގުތު އޭނާ އޮތީ އޭޑީކޭގެ އައިސީޔޫގައި ކަމަށެވެ.

އޭޑީކޭއިން އެ އޮޕަރޭޝަނާއި ބެހޭ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވިނަމަވެސް އެ މައުލުމާތުތައް މިއަދުގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް އެތަނުން މައުލުމާތުދެއެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުގެ ނުރައްކާ ކުރިމަތިވާ މިހުންނަށް ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކުން ނާރުތައް ނަގައި ހިތުގެ ނާރުތައް ބަދަލުކޮށް ކުރެވޭ ވަރަށް "ރިސްކީ" އޮޕަރޭޝަނެކެވެ.

comment ކޮމެންޓް