ޗައިނާއިން އެމެރިކާއަށް ބޭރުކުރި މުދާ އިތުރުވެއްޖެ

ޗައިނާގެ ޓިއަންޖިން ޕޯޓް: އެ ގައުމުން އެމެރިކާ އަށް ބޭރުކުރި މުދާ ވަނީ 13.3 ޕަސެންޓް އިތުރުވެފައި.

އެމެރިކާއާއި ޗައިނާއިން "އިގްތިސާދީ ހަނގުރާމަ"އެއް ފަށާފައިވީ ނަމަވެސް މިދިޔަ މަހު، ޗައިނާއިން އެމެރިކާއަށް ބޭރުކުރި މުދަލުގެ އަދަދު އިތުރުވެއްޖެއެވެ.

ޗައިނާގެ ކަސްޓަމުން އިއްޔެ ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެ ގައުމުން އެމެރިކާ އަށް ބޭރުކުރި މުދާ ވަނީ 13.3 ޕަސެންޓް އިތުރުވެފައެވެ. އެއީ ގާތްގަނޑަކަށް 41.5 ބިލިޔަން ޑޮލަރުގެ މުދަލެވެ.

ޖޫން މަހުވެސް ޗައިނާއިން އެމެރިކާއަށް ބޭރުކުރި މުދަލުގެ އަދަދު ވަނީ ގާތްގަނޑަކަށް، ޖުލައި މަހާއި އެއްވަރަކަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ އެމެރިކާއިން ޗައިނާއަށް ބޭރުކުރި މުދަލަށް ވުރެ 11 ޕަސެންޓް އިތުރު އަދަދެކެވެ. މާނައަކީ، ޗައިނާއިން ވަނީ އެމެރިކާއިން އެ ގައުމަށް އެތެރެކުރި މުދަލަށް ވުރެ 28 ބިލިޔަން ޑޮލަރު އިތުރު އަދަދަކަށް، އެމެރިކާއަށް މުދާ ބޭރު ކޮށްފައެވެ.

ތަޖުރިބަކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއިން އެ ގައުމަށް އެތެރެކުރާ މުދާލުން ނަގަން ފެށި 10 ޕަސެންޓުގެ ޓެކްސް، 25 ޕަސެންޓަށް އިތުރުކުރަން ނިންމީ ޗައިނާއިން އެ ގައުމާއެކު ކުރާ ވިޔަފާރިތައް، އެމެރިކާއިން ޗައިނާއާއެކު ކުރާ ވިޔަފާރިތަކާ އެއްހަމަ ކުރުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް ކުރިން ލަފާކުރީ 10 ޕަސެންޓް ޓެކްސް ނެގުމުން ދެ ގައުމުގެ ވިޔަފާރިތައް އެއްހަމައެއްގައި ހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ޓެކްސް ނަގާ ވަރަށް ޗައިނާއިން އެ ގައުމަށް އެތެރެކުރާ އެމެރިކާގެ އުފެއްދުންތަކުން ޓެކްސް ނަގަން ފެށުމުން އެކަމަށް ހުރަސްތަކާ ކުރިމަތިވީ ކަމަށް މީޑިއާތަކުން ބުނެއެވެ.

comment ކޮމެންޓް