ކޯޓުއާ ރެއާލްއަށް، ކޮވަސިޗް ޗެލްސީއަށް!

ތިބޯ ކޯޓުއާ---

ޗެލްސީގެ އެއް ނަމްބަރު ކީޕަރުކަން ކުރި ބެލްޖިއަމްގެ ތަރި ތިބޯ ކޯޓުއާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މެޓިއޯ ކޮވަސިކް ޗެލްސީއަށް ބަދަލުވާނެއެވެ.

ކޯޓުއާ ރެއާލްއަށް ބަދަލުވީ 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލާއި ޗެލްސީއާ ދެމެދުގައި ހެދި އެއްބަސްވުމުގެ ދަށުން ކޮވަސިޗް އެއް ސީޒަން ވަންދެން ޗެލްސީގައި ލޯނުގެ ގޮތުގައި މަޑު ކުރާނެއެވެ. މި ޓްރާންސްފާ ދެ ކްލަބުން ވެސް ކަށަވަރުކޮށްދީފައިވާ އިރު މިއަދު އެ ދެކުޅުންތެރިން މެޑިކަލް ހަދާނެއެވެ.

ރެއާލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ކޯޓުއާ އެ ކްލަބަށް ސޮއި ކުރީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެހެން ކަަމުން 2023/2024 ސީޒަން ނިމެންދެން އޭނާގެ ކޮންޓްރެކްޓު ދެމިއޮންނާނެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ދިޔައީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު 2014 ވަނަ އަހަރު އަނބުރާ ޗެލްސީއަށް ގޮސް އޭނާ ވަނީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރުކަން ޕެޓާ ޗެކް އަތުން އަތުލައިފައެވެ. ކޯޓުއާ ވަނީ ޗެލްސީއަށް 154 މެޗު ކުޅެދީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

އިންޓަމިލާނުން 2015 ވަނަ އަހަރު ރެއާލްއާ ގުޅުނު ކޮވަސިޗް ވަނީ އެ ކްލަބާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ އަކީ މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ ކްރޮއޭޝިއާ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ.

comment ކޮމެންޓް