26 އަހަރަށް ފަހު މެރަތަން ރޭހެއްގައި ރާއްޖެ ތަމްސީލު ކުރާ ދުވުންތެރިޔަކަށް ޝިފާޒް!

ގައުމީ މެރެތަން ރެކޯޑް އޮންނަ މުހައްމަދު ޝިފާޒް-- ފޮޓޯ: ޓްވިޓާ

އެތުލެޓިކްސް އެސޯސިއޭޝަނުން 26 އަހަރަށް ފަހު މެރެތަން ރޭހެއްގައި ރާއްޖެ ތަމްސީލު ކުރަން ފޮނުވާ ފުރަތަމަ ދުވުންތެރިއާގެ ގޮތުގައި މުހައްމަދު ޝިފާޒް ހޮވައިފިއެވެ. އެ އެސޯސިއޭޝަނުން ނިންމާފައި ވަނީ މި މަހު 18ގައި ފަށާ އޭޝިއަން ގޭމްސްއަށް ޝިފާޒް ފޮނުވުމަށެވެ.

މިހާރު ގައުމީ މެރެތަން ރެކޯޑް އޮންނަ ޝިފާޒަކީ އެ ރެކޯޑު ތިން ފަހަރަށް އާކޮށްފައިވާ ދުވުންތެރިޔެކެވެ.

އޭނާ އެ ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ. އެއީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނެވެ.

އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި 2 ގަޑި 39:40 މިނެޓުން ދުވެގެން ރެކޯޑް އާކުރުމަށް ފަހު ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެން އޭނާ ވަނީ ތިންވަނަ ފަހަރަށް ރެކޯޑު އާކޮށްފައެވެ.

މީގެ އިތުރުން މި އަހަރުގެ މޭ 19ގައި ނޭޕާލުގައި އޮތް ހާފް މެރަތަން ރޭސް 1 ގަޑި 14:01 މިނެޓުން ނިންމައިގެން އޭނާ ވަނީ ގައުމީ ހާފް މެރަތަން ރެކޯޑް ވެސް އާކޮށްފައެވެ. މިވަގުތު އެ ރެކޯޑު އޮތީ އޭނާގެ އަތުގައެވެ.

ޝިފާޒަކީ މީގެ ކުރިން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފައިވާ ދުވުންތެރިޔެކެވެ. މީގެ އިތުރުން އޭނާ ދިރާގު ރޯޑްރޭސް ވެސް ކާމިޔާބުކޮށްފައިވެއެވެ.

ޝިފާޒް ވަނީ ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ދެ މަހެއްހާ ދުވަހު ތަމްރީންތަކެއް ހަދާފައެވެ. އަދި އެއަށް ފަހު ނޭޕާލަށް ގޮސް ތަމްރީނުތަކެއް ހެދި އިރު އޭނާ އެހެން ދިވެހި ސިފައިންނާއެކު ވެސް ތަމްރީނު ހަދައެވެ.

ރާއްޖޭން އެންމެ ފަހުން ބޭރަށް ދިޔަ މެރެތަން ދުވުންތެރިއަކީ 1992 ވަނަ އަހަރުގެ ބާސެލޯނާ އޮލިމްޕިކްސްގައި ދުވި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. އަނެއް ދެ ދުވުންތެރިއަކީ ކުޑަހުސެންގެ އިތުރުން 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދުވި އަބްދުއްލަތީފް އަބްދުލްހާދީއެވެ.

comment ކޮމެންޓް