ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ޝާއިޢުކޮށްފި

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި މިއަދު އަމަލުކުރަން ފަށައިފި އެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަން ޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ.

އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެ އެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަން ޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކޯޓު އަމުރު ނެރޭނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި އެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންނާއި އަމުރު ދޫކުރުމަށް އެ ފަނޑިޔާރުންނަށް ޚާއްސަ ކޮށްފައިވާ ދުވަސްތައް އެނގޭނެ ތާވަލެއް ހެދުމަށް ފަހު ކަމާ ބެހޭ ފަރާތްތަކަށް ކޯޓުތަކުން އަންގަން ޖެހޭނެ އެވެ.

ގާނޫނާ ޚިލާފަށް މީހަކު ބަންދުން ކޮށްފައިވާ ކަމަށް ދެކޭ ނަމަ އެ މީހަކު ބަންދުން މިނިވަން ކުރުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ބަންދުގައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ވެސް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ވީ އެންމެ އަވަހަށް އެ މައްސަލައެއްގައި ގޮތެއް ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

އަދި މީގެ އިތުރުން އެ ގަވާއިދު ބުނާ ގޮތުން ކުށުގެ ތުހުމަތުގައި ހުރި މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރާ އިރު ކަނޑައަޅާ މުއްދަތު 100 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށިޔަސް، ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުން ބަލާ މައްސަލަތަކުގެ ބާވަތުން އެ ދެ ކޯޓަށް ޚާއްސަ ކުރެވިފައިވާ އިޖްރާއާތުތަކަށް ވަނީ އިސްތިސްނާ ދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް