"ގޮށްރާޅު"ގެ ތަރިންގެ ތައުރީފު ފިލްމުގެ ޓީމަށް

"ގޮށްރާޅު" ގެ ބައެއް ތަރިން ފެންނަ ޕޯސްޓަރެއް: ފޮޓޯ ގޮށްރާޅު ފޭސްބުކް ޕޭޖް...

ޑާކްރެއިން އެންޓަޓެއިންމަންޓްއިން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ގެނެސްދޭ "ގޮށްރާޅު" އެވެ. ދިވެހި ފިލްމީ ދާއިރާއަށް މިއަހަރުވެސް އާ މޫނުތަކެއް ތައާރަފުވަމުން އަންނައިރު ގޮށްރާޅުގެ ގިނަ ކާސްޓުންނަކީ ވެސް މި ދާއިރާއަށް މުޅިން އާ ފަންނާނުންނެވެ.

ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު އިއްޔެ ވަނީ "ގޮށްރާޅު"ގެ ޓްރެއިލާ އާންމުންނަށް ދައްކާލާފައެވެ. އަދި ޓްރެއިލާ ރިލީޒްކުރުމަށް ޝްވެކް ސިނަމާގައި ވަނީ ކުޑަ ހަފްލާއެއް ވެސް ބާއްވާފައެވެ.

ގޮށްރާޅުގެ ގެ ޕޯސްޓަރެއްގައި ފިލްމުގެ ބައެއް ތަރިން: ފޮޓޯ ގޮށްރާޅު ފޭސްބުކް ޕޭޖް....

ކްރައިމް ތްރިލާ ޖޯންރާ އަށް ގެނެސްދޭ އެ ފިލްމަކީ ތަފާތު ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ފިލްމުގެ ތަރިން ބުނެއެވެ. ޓްރެއިލާ ދައްކާލުމަށްފަހު ފިލްމުގެ ބައެއް ތަރިންނާ "ސަން" އިން ސުވާލުކޮށްލުމުން ބުނީ ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި މި ފިލްމު ވެގެންދާނީ ރީތި މޮޅު ފިލްމަކަށް ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތެއް މިއީ. ހުރިހާ ކާސްޓުންގެ މަސައްކަތާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ. މުޅި ޓީމުގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބުނު،" އެންމެ ފަހުން ބޭއްވެ ދިވެހި ފިލްމު އެވޯޑްސްގެ މޮޅު ބަތަލުގެ އެވޯޑު ހޯދި ތަރި ޖުމައްޔިލް ނިމާލް ބުންޏެވެ.

ޖުމައްޔިލް އިސްތަށިގަނޑު ފޮރުވައިގެން އުޅޭ ސަބަބު ޓްރެއިލާއިން ހާމަވެގެންދިޔައެވެ.

"ސަން" އާ ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު ޝިނާނު ބުނީ، ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށެވެ. އޭނާ ބުނީ "ގޮށްރާޅު" ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ އިތުރު ދެ ޓްރެއިލާ އެއް އަދި ބެލުންތެރިންނާ ހަމަޔަށް ގެންނާނެ ކަމަށެވެ.

"އަސްލު އެންމެ ފުރަތަމަ ޝޫޓްކުރަން އޮތް ދުވަހު ހިތަށް އެރި ހަމަ ނުވާނެއޭ. ކެމެރާ ކުރިމައްޗަށް އެރިއިރުވެސް ހަމަ ހިތަށް އެރި ނުވާނެއޭ. ވަރަށް ނާވަސްވެފައި ހުރީވެސް. އެކަމަކު މުޅި ޓީމްގެ މަސައްކަތް މިއީ،" ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ބަތަލާ ޔަޝްފާ ބުންޏެވެ.

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"

"ގޮށްރާޅު"ގެ އެންމެ ހާއްސަ އެއް ކަމަކަށްވާނީ އެ ފިލްމުން އައިޑަލް ސީޒަން ދޭއްގެ ބައިވެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ފެންނާތީއެވެ. ޒަކިއްޓެގެ އާދަޔާ ހިލާފު ހުނަރު އެ ފިލްމުން އޭނާ ދައްކުވައިދެއެވެ.

"އަސްލު ހިތަކަށް ނާރާ އެމީހުން ބޭނުންވާ ގޮތަށް ޑެލިވާކޮށްދޭނެޔޭ. ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ޓީމް ވޯކް ވަރަށް ސަޅި. ޓަފް ޓީމެއް. ކޮންމެ ތަރިއަކާ އެކީ ވެސް މަސައްކަތް ކޮށްލަން ފަސޭހަ،" ހުނަރުވެރި ތަރި ބުންޏެވެ.

"ގޮށްރާޅު" އަކީ ތަފާތު ފިލްމެއްކަން ފެށުނީއްސުރެ ޓީމުން ބުންޏެވެ. ފިލްމުގެ ޓްރެއިލާ ވެސް ރިލީޒްކޮށްފައިވަނީ ތަފާތުކޮށެވެ. ހާއްސަ ފަރާތްތަކަށް ދައުވަތު ދީގެން ޝްވެކްގައި ޓްރެއިލާ ދޫކޮށްލާފައިވަނީ ވެސް "ސަޕްރައިޒް"އަކާ އެކީއެވެ. ފިލްމުގައި ކުޅަދާނަ އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އުޅޭ ކަމަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ސަޕްރައިޒް ވީ ޓްރެއިލާ އިން ކޮޕީ އިއްސެ ވެސް ފެނުމުންނެވެ.

ދިވެހި ފިލްމު "ގޮށްރާޅު"ގެ ފުރަތަމަ ޕޯސްޓަރު---

ކޮޕީ އިއްސެ ސަން އަށް ބުނީ ފެނިގެންދާނީ ސަޕްރައިޒް ރޯލަކުން ކަމަށާއި ފިލްމަކީ ތަފާތު ފިލްމެއް ކަމަށެވެ.

"އަސްލު ވަރަށް ތަފާތު ރޯލެއް. ރޯލުގެ ގޮތުން ވެސް ކުޑަކޮށް އުނދަގޫވި. އެހިސާބަށް މިވަގުތު ބުނެވެން އޮތީ. ވަރަށް ހިތްހަމަޖެހޭ މަސައްކަތާ މެދު. ޔަންގް ޖެނެރޭޝަން އަށް ވަރަށް ސަޅިވާނެ." ކޮޕީ އިއްސެ ބުންޏެވެ.

ބުރަ ޝޫޓިންގެ މަސައްކަތަށްފަހު ހުރިހާ ތަރިންވެސް ތިބީ ހިތްހަމަޖެހިފައެވެ. ފިލްމު ބެލުމަށްފަހު ބެލުންތެރިން ކުރާނެ "ކޮމެންޓް"އަށް ތަރިން އިންތިޒާރުކުރެއެވެ. ހަމަގައިމުވެސް ކޮންމެ ތަރިއެއްގެ އެންމެ މޮޅު އެކްޓިން މި ފިލްމުން ފެނިގެންދާނެއެވެ.

comment ކޮމެންޓް