"ލިޓަސް" ހިތަދޫ ފިހާރައިގެ ބިއްލޫރިތައް ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

"ލިޓަސް" ހިތަދޫ ފިހާރައިގެ ބިއްލޫރިތައް ތަޅާލާފައި-- ފޮޓޯ: އައްޑޫ ލައިވް

ސައިކަލް ވިއްކާ މަޝްހޫރު ކުންފުނި "ލިޓަސް" އިން އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ފިހާރައިގެ ބިއްލޫރިތައް ރޭ ތަޅާލި މައްސަލާގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެއް ކަަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 12:38ގައި ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެެވެ.

ލިޓަސްގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލައިފައި ވަނީ ގާ އުކައިގެން ކަމަށެވެ. ބިއްލޫރިތައް ތަޅާލި ނަމަވެސް ފިހާރައިގެ އިތުރު އެއްވެސް އެއްޗަކަށް ގެއްލުން ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ލިޓަސް އިން ހިތަދޫގައި ފިހާރައެއް ހުޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫގައި ވެސް ލިޓަސް އިން ފިހާރައެއް ދަނީ ހިންގަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ލިޓަސްގެ 12 ފިހާރަ މިހާރު ހުރެ އެވެ.

comment ކޮމެންޓް