ސައުދީން ބާބުލްމަންދަބް ހުރަސްކޮށް ތެޔޮ ބޭރުކުރަން ފަށައިފި

ރަތްކަނޑާއި އަރަބި ކަނޑު ގުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ މަނަވަރެއް.-- ފޮޓޯ: އޭޕީ

ރަތްކަނޑާއި އަރަބި ކަނޑު ގުޅޭ ކަނޑުއޮޅި ކަމަށްވާ ބާބުލްމަންދަބް ކަނޑު އޮޅިން ދަތުރުކުރަމުން ދިޔަ ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް، ޔަމަންގެ ހޫތީން ދިން މިސައިލް ހަމަލާތަކެއް އެރުމާ ގުޅިގެން އެކަނޑު އޮޅި ހުރަސްކޮށް ތެޔޮ ބޭރުކުރުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

ސައުދީ ތެލާބެހޭ ވަޒީރު ޚާލިދް އަލްފާލިހް ވިދާޅުވީ ބާބުލްމަންދަބް ކަނޑު އޮޅިން ސައުދީ ތެޔޮ ޓޭންކަރުތައް ދަތުރުކުރުން ހުއްޓާލިތާ ހަފްތާއެއްހާ ދުވަސް ފަހުން، އިއްޔެ އެ ކަނޑު އޮޅިން ދަތުރުތައް ކުރަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބާބުލްމަންދަބް ކަނޑު އޮޅި ބޭނުންކުރަން ފެށީ، އަރަބި ކޯލިޝަނުން، އެ ސަރަހައްދުގައި ފުރިހަމަ ކުރަންޖެހޭ ސެކިއުރިޓީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ތަނުން ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ޔަގީން ކުރީ، ބައިނަލްއަގުވާމީ އުސޫލުތަކާއި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަންތަކާއި އެއްގޮތަށް ކަމަށް ފާލިހް ވިދާޅުވި އެވެ.

ޔަމަންގެ ވެރިކަމަށް އަތްގަދަ ކޮށްގެން އުޅޭ އެގައުމުގެ ހޫތީ ޖަމާއަތުން ސައުދީ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނީ ސައުދީން ޔަމަނަށްދޭ ވައިގެ ހަމަލާތަކާއި އެހެނިހެން މަލާތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށް އެޖަމާއަތުން ބުނެ އެވެ.

https://sun.mv/108548

ހަނގުރާމައިގެ ތެރެއިން މަދަނީ ތަންތަނަށް ހަމަލާތައް ދިނުމަކީ މަނާކަމެއް ނަމަވެސް، ސައުދީގެ އިތުރުން ހޫތީން ވެސް މަދަނީ ތަންތަނަށް ހަމަލާތައް ދެމުންގެންދެ އެވެ.

ސައުދީން ހަމަލާތައްދޭ ތަންތަނުގެ ތެރޭގައި ޔަމަންގެ ހޮސްޕިޓަލްތަކާއި ގެދޮރާއި ސްކޫލްތަކާއި ޖަނާޒާތަކާއި ކައިވެނި ޕާޓީތައް ފަދަ ތަންތަން ހިމެނެ އެވެ. ހޫތީން ހަމަލާތައްދޭ ތަންތަނުގެ ތެރޭގައި ސައުދީގެ އާންމުންގެ ގެދޮރު ފަދަ ތަންތަނާއި ސައުދީ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކާއި ތެލުގެ ސިނާއަތާ ގުޅިފައިވާ ތަންތަން ހިމެނެ އެވެ.

އެމެރިކާގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އަދި އެ ގައުމުގެ ފަންނީ މާހިރުންގެ އެހީތެރިކަމާ އެކު ސައުދީން ދޭ ހަމަލާތަކުގައި، ޔަމަންގެ އާންމުންގެ އެތައް ހާސް ބަޔަކު މަރުވެ ޔަމަންގެ ބޮޑުބައެއް ސުންނާފަތި ވެފައިވާއިރު ހޫތީންގެ އަތުގައި ޒަމާނީ ހަތިޔާރު ނެތުމުން އެ މީހުންގެ ހަމަލާތައް އެހާ ގެއްލުން ބޮޑެއްނޫނެވެ.

comment ކޮމެންޓް