ޔޫއޭއީގެ ވަލީއަހްދު މުހައްމަދު ބިން ޒައިދަށް އިސްލާމްދީން އޮޅިވަޑައިގެންފައިވާކަމަށް، އިތިއޯޕިއާގެ ލީޑަރު އަބީ އަހުމަދު އަލީ ތުހުމަތުކުރައްވައިފިއެވެ.
އަލް ހަލީޖް އޮންލައިންއިންް ރިޕޯޓްކުރިގޮތުގައި އެފަދައިން އަބީ ވިދާޅުވީ އެމެރިކާގައި ދިރިއުޅޭ އިތިއޯޕިއާގެ މީހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކެއްގެ ތެރެއިންނެވެ.
އަބީ ވިދާޅުވީ އިތިއޯޕިއާގައި އިސްލާމިކް އިންސްޓިޓިއުޝަނެއް އެޅުމާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކެއްގައި، އިސްލާމްދީނާއި ބެހޭ ހުރިހާ ކަމެއް ދަސްކޮށްދޭނެ ކަމަށް ވަލީއަހަދު ވިދާޅުވި ކަމަށެވެ.
" އަޅުގަނޑު ދެންނެވިން، ތިބޭފުޅުން އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭން ނުޖެހޭނެ ކަމަށް. ތި ބޭފުޅުން ތިތިބީ އިސްލާމްދީން އޮޅވަޑައިގެންފައި ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި އަރަބި ބަސް ރަނގަޅަށް ދަސްކޮށް އިސްލާމްދީނުގެ އަސާސްތައް އަލުން ދަސްކުރަން ކަމަށް އަޅުގަނޑު ދެންނެވިން،" އަބީ ވިދާޅުވިއެވެ.
އަބީ ވިދާޅުވީ އިސްލާމް ދީން ފެށުނުއިރާ މިހާރު އަރަބިން އުޅެމުންދާ ގޮތާ މެދު ވަރަށް ތަފާތު ކަމަށެެވެ. އަދި ހަގީގީ އިސްލާމް ދީން ބުނެދެނީ އެކަކު އަނެކަކަށް މާފްކޮށް ސުލްހަވެރިކަން އިސްކުރަން ކަމަށެވެ.
އިތިއޯޕިއާގެ އާބާދީގެ ބޮޑު ބަޔަކީ ކްރިސްޓިއަނުން ނަމަވެސް އެގައުމުގައި 35 މިލިއަން މުސްލިމުން ދިރިއުޅެއެވެ. މިއީ ގަލްފްގެ ގިނަ ގައުމުތަކުގެ ޖުމްލަ އާބާދީއަށް ވުރެވެސް ބޮޑު އަދަދެކެވެ.
ދާދި ފަހުން ސައުދީއާއި ޔޫއޭއީގެ އިތުރުން އެހެނިހެން އަރަބި ގައުމުތައް ގުޅިގެން ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި، އިތިއޯޕިއާއިން ވަކި ފަރާތަކަށް ނުޖެހުނު މައްސަލައިގައި ޔޫއޭއީއާ އިތިއޯޕިއާއާ ދެމެދު ވަނީ ގުޅުން ގޯސްވެފައެވެ. އަދި އެ މައްސަލައިގައި ޔޫއޭއީން، އިތިއޯޕިއާގައި ދާހިލީ ހަމަނުޖެހުން އުފައްދަަން މަސައްކަތް ކުރާކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަންއިން ވެސް ވަނީ އެކަން ކުއްވެރިކޮށްފައެވެ.
ޔޫއޭއީން ދަނީ ސައުދީން އެކުލަވާލައިފައިވާ ކޯލިޝަނާ ގުޅިގެން ޔަމަނާ ދެކޮޅަށްވެސް ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައިގައި ޔަމަނުގެ ކުށެއްނެތް އެތަކެއް ހާސް ބަޔަކު މަރުވެ ހާލުގައި ޖެހުމުގެ އިތުރުން އިންސާނީ މުސީބާތެއް ވަނީ ކުރިމަތިވެފައެެވެ.