ގައުމު ތަރައްގީވިޔަސް ގިނަމީހުން މިވަނީ ނާތަހުޒީބު!؟

މާލޭގެ މަގުމައްޗަށް ކުނި އަޅާފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދިވެހިންނަކީ ތަހުޒީބަށް ލޯބިކުރާ ބަޔެކެވެ. އެންމެ ފަހުގެ ފެޝަންތަކާއި ޓެކްނޮލަޖީއަށް ދިވެހިން ފަރިތައެވެ. ލިބޭ މުސާރަ ހޭދަކުރަނީ އެންމެ ފަހުގެ ޒަމާނީ ހެދުން ގަތުމަށާއި ފަހުގެ ފޯނުތައް ގަތުމަށެވެ. ދިވެހިންގެ ކަށީގައި ހިފާފައި ހުރި އަނެއް ކަމަކީ ލިބޭ އާމްދަނީ ބޭކާރު ގޮތުގައި ހޭދަކުރުމެވެ. މިއީ ތަހުޒީބު، އަދި ހަރުދަނާ ސިފައެކޭ ބުނުމުގެ ޖާގައެއް ނެތެވެ.

ފަހުގެ ފެޝަންތަކުގެ ހެދުން ލައިގެން، އެންމެ ފަހުގެ ފޯނު އަތަށް ލައިގެން ބޫން ޖަހާފައި ސައިކަލުގައި ދިޔަނަމަވެސް ދިވެހިންގެ ކިބައިން ތަހުޒީބު ބައެއްގެ ފަރާތުން ފެންނަންޖެހޭ ސިފަތައް ފެނޭހެއްޔެވެ؟

މިވާހަކަ ދައްކަން މިޖެހުނީ މަގު ހިނގާފައި ދާއިރު ފެންނަ މަންޒަރުތަކުންނެވެ. މާލޭގައިވެސް މިހާރު ފްރެންޗައިޒް ގިނަ ރެސްޓޯރެންޓުތައް ހުޅުވައިފިއެވެ. މިތަންތަން އާންމުންނަށް އެންމެ ފުރަތަމަ ހުޅުވާލާނެ ދުވަސް އިއުލާނުކުރުމާއެކު ގޮސް ތިބެނީ ކުރިމަތީ ކިޔު ދަމާލައިގެންނެވެ. ކައިގެން ބަނޑުފުރައިގެން ނިކުންނަނީ ބާކީ ވާ ކާއެތިކޮޅު އަތަށް ލައިގެންނެވެ. އެހެން ބަޔަކު އިށީނުމަށް ތަން ދީފައި ނަމަވެސް ރެސްޓޯރެންޓުން ނިކުންނައިރު އަތުގައި އޮންނަ ހުސް ދަޅު ނޫނީ ފޮށި އެއްލާލަނީ މަގުމައްޗަށެވެ.

މާލޭގައި ކުނި ގިނަވުން: މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލަ ފަހަކަށްއައިސް ވަނީ އިތުރުވެފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތަހުޒީބު ބައެއް ކަމަށް ދައުވާކުރާ ދިވެހި ޒުވާނުންގެ ކިބައިން ފެންނަ މި ސިފައަކީ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. މަގުމައްޗަށް ކުނި އެޅުމުން ހަޑިވާނީ ހަމައެކަނި ސަރުކާރަކަށް ނޫނީ އެ މަގުގައި ދިރިއުޅޭ މީހުންނަށް އެކަންޏެއް ނޫނެވެ. މިއީ ހުރިހާ ދިވެހިންނަށްވެސް ހަޑި ކަމެކެވެ. ގިނަ އަދަދެއްގެ ބިދޭސިން ވެސް ދިރިއުޅޭ އަދި އެކި ކަންކަމުގައި ޒިޔާރަތްކުރާ މާލޭގެ މަގުތަކުގެ ސާފުތާހިރުކަމަށް ސަމާލުވާންޖެހޭނެ ބަޔަކީ މަގުތައް ބޭނުންކުރާ މީހުންނެވެ. ސުޕާރީ ކާލުމަށްފަހު ނޫނީ ކިއްލިއެއް ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު މަގުމައްޗަށް އެއްލާލަނީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. މަގުމަތީގައި ހިނގަމުން ދަޅެއް ބޮމުން ގޮސް، އެ ދަޅު ހުސްވުމުން އެ ދަޅު ވައްޓާލާނީ ޕާކްކޮށްފައި ހުންނަ، ކޮންމެވެސް މީހެއްގެ ސައިކަލްގެ ވަށިގަނޑަށެވެ. ނުވަތަ ބަހައްޓަނީ މަގުމަތީގައި ހުންނަ ކަރަންޓު ބޯޑެއްގެ މަތީގައެވެ. ވައިގަދަ ދުވަހެއް ނޫނީ ވިއްސާރަ ދުވަހެއް ނަމަ މިތަކެތި މަގުމައްޗަށް ވެއްޓި މަގުމަތީ ކުނި ގިނަވެއެވެ.

"ވިއްސާރަ ދުވަހަކު މަގުމައްޗަށް ނިކުމެލަބަލަ. ސުޕާރީ އާ ކިއްލި ކައިފަ އުކާފަ ހުރިއްޔާ ހުރި އެއްޗެއް ފެންނާނެ މަގުމަތިން. މާލެ މިއީ ކުުޑަ ތަނެއް. ހިނގާލާފަ ދެވޭ ހިސާބުގައި ޑަސްބިންތައް އެބަހުރި. ހުރިތަނަށް ކުނިކޮޅު އެއްލާލުމަކީ އެކަން ކުރާ ބަޔެއްގެ ނާތަހުޒީބުކަން،" މަގުމައްޗަށް ކުނިއަޅާފައި ހުންނަ މައްސަލާގައި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

އަނެއްކާ އެހެން ވާހަކައެކެވެ. ހުޅުމާލޭ ފެރީއަށް އަރަން ދާ އިރު މޫދުން ފެންނަނީ ހުސް ޕްލާސްޓިކް ހުސްފުޅި އާ ކުންޏެވެ. ކަނޑުގެ ސަރަހައްދަށް ކުނި އެޅުމަކީ ބައިނަލްއަގުވާމީ މުވާހަދާތަކާއި ރާއްޖޭގެ ގާނޫނުންވެސް މަނާކަމެއް ކަމަށްވާއިރު މޫދާއި ފަޅުތެރޭގައި ކުނި ޖަމާވެފައި ހުންނާނީ ކޮންމެވެސް ބަޔަކު އެކަން ކުރާތީތާއެވެ. ހުޅުމާލޭ ޕޭވްމެންޓުތަކާ ދިމާގައި ހައްދާފައި ހުންނަ ގަސްތަކު ތެރޭގައި ކުނި އަޅާފައި ހުންނައިރު ކުނިވަސް ދުވާތީ ބައެއްފަހަރުު މަގު ހިނގަން އުނދަގޫ ވާހަކަ ދައްކާ އަޑުވެސް އިވެއެވެ.

މަގުމައްޗަށް އަޅާފައި ހުންނަ ކުނިތައް ހޮވައި މަގު ސާފުކުރަން ވެމްކޯގެ މުވައްޒަފުން ކޮންމެ ރެއަކުވެސް ނިކުމެއެވެ. އެކަމަކު މަގުތައް ސާފުކޮށް ބޭއްވުމަކީ ހަމައެކަނި ކުނިކަހާ މީހުންގެ ޒިންމާއެއް ނޫނެެވެ. މަގު ހިނގާ މީހުންނާއި މަގު ބޭނުންކުރާ މީހުންގެވެސް ޒިންމާއެކެވެ.

މަގަށް ކުނިއެޅުން ހުއްޓުވުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފައެވެ. މި މަސައްކަތުގެ ދަށުން ޗާންދަނީ މަގުގައި މިހާރު ޑަސްބިން ބަހައްޓާފައިވާއިރު އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި ޕާކުތަކުގައިވެސް ކުނި އެޅުމަށް ޚާއްސަ ޑަސްބިންތައް ބަހައްޓާފައި ހުރެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓްރައިއަލް އެއްގެ ގޮތުގައި ޗާންދަނީ މަގުގައި ބެހެއްޓިޑަސްބިންތައް ވަރަށް "އިފެކްޓިވް" ކަމަށެވެ. ކުރިއަށް އޮތްތަނުގައި މާލޭގެ ހުރިހާ ސަރަހައްދެއްގައި ޑަސްބިންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"މަގުމަތި ސާފުކޮށް ބޭއްވުމަށް، މޫދަށް ކުނި ނޭޅުމަށް އާންމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްތައް ކުރެވޭ،" ކަމަށް އެންވަޔަމެންޓުން ބުންޏެވ.ެ

މި ހުރިހާ ކަމަކާއެކު ބޯން ގެންގުޅުނު ދަޅު މަގުމައްޗަށް އެއްލާ ނުލާ، ނޫނީ މަގުމަތީ ހުންނަ ކަރަންޓު ބޯޑަކީ ޑަސްބިނަށް ނުހަދައި ޑަސްބިނަކާ ހަމައަށް ދެވެންދެން އެ ދަޅު އަތުގައި ބާއްވަން މަސައްކަތް ކުރަމާދޯ އެވެ. ސުޕާރީ ކެއުމަށްފަހު އޭގެ އުރަ މަގުމައްޗަށް އެއްލާނުލައި ޑަސްބިނަށް ލާން ހަނދާން ކުރަމާދޯއެވެ. ތަހުޒީބު ތަރައްގީ މުޖުތަމައުތަކާ އެއް ހަމައެއްގައި ފައިހަމަ ކުރުމަށް ކުރާ މަސައްކަތުގައި އެންމެ މުހިއްމު ވާނީ ފަރުދީ ޒިންމާއެވެ. ތަހުޒީބުވުމަކީ މޮޅެތި ފޯނު ޖީބަށް ޖަހައިގެން ރީތި ހެދުމުގައި ބާރަށް ސައިކަލު ދުއްވުން ކަމުގައި ނުހަދާށެވެ.

comment ކޮމެންޓް