ގޫގުލްއިން ޗައިނާގައި 'ސެންސަރުކޮށްފައިވާ ސާޗް އިންޖީނެއް' ތައާރަފު ކުރަނީ

2010 ވަނަ އަހަރު ޗައިނާގައި ވަނީ ގޫގުލް ސާޗް ބޭނުން ކުރުން މަނާކޮށްފައި -- ފޮޓޯ: އޭޕީ

ގޫގުލް ސާޗް އިންޖީނުގެ ސެންސަރުކޮށްފައިވާ ވާޝަންއެއް ޗައިނާއަށް ތައާރަފް ކުރުމަށް އެކުންފުނިން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ގޫގުލްއާ ގުޅުން ހުރި ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެކުންފުނިން ދަނީ ޗައިނާ ސަރުކާރުން ބްލެކްލިސްޓުކޮށްފައިވާ މައުލޫމާތު ނުފެންނަ ސާޗް ސޮފްޓްވެއާއެއް އުފައްދަމުންނެވެ.

ދި އިންޓަސެޕްޓުގައިވާ ގޮތުން ޑްރެގަންފްލައިގެ ނަން ދީފައިވާ އެޕްރޮޖެކްޓުގެ ދަށުން އުފައްދާ ސާޗް އިންޖީނުގައި ވާނީ އިންސާނީ ހައްގުތަކާއި ދީން ފަދަ ބަސްތައް ބްލޮކްކޮށްފައި އެވެ.

ނަމަވެސް ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ ސެކިއުރިޓީސް ޑެއިލީން ވަނީ އެރިޕޯޓުތައް ދޮގުކޮށްފައި އެވެ. އަދި ގޫގުލްއިން ވަނީ އެކުންފުނިން މުސްތަގުބަލުގައި ކުރާނެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައި އެވެ.

ޗައިނާގައި ގޫގުލްގެ ސާޗް އިންޖީން ސެންސަރު ކުރުން ހުއްޓާލަން ނިންމިކަން 2010 ވަނަ އަހަރު އެކުންފުނިން އިއުލާން ކުރުމުން، ޗައިނާއިން ވަނީ އެގައުމުގައި ގޫގުލް ސާޗް މަނާކޮށްފައި އެވެ. އޭރު ގޫގުލްއިން ވަނީ ޗައިނާއިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ވެބްސައިޓުތައް ބްލޮކްކޮށް، ގޫގުލްގެ ކޮމްޕިއުޓާ ސިސްޓަމްތައް ހެކް ކުރަމުގެ ތުހުމަތުކޮށްފައި އެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ އެގައުމުގައި ފޭސްބުކާއި އިންސްޓަގްރާމާއި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ސައިޓުތަކާއި ޓެލެގްރާމް ފަދަ އެންކުރިޕްޓެޑް މެސެޖިން އެޕްތައް ބްލޮކްކޮށްފައި އެވެ. (ބީބީސީ)

comment ކޮމެންޓް