ސަންޖޭގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒެއް އުފައްދަނީ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒެއް އުފައްދަން އުޅޭ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމަކުން ސަންޖޭގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފެއްދުމަށް ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ ސަންޖޭގެ ބަޔޮޕިކް "ސަންޖޫ" ރިލީޒް ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

މިދިޔަ ޖޫން މަހުގެ 29ގައި ރިލީޒް ކުރި "ސަންޖޫ" އަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ލިބިފައި ވާއިރު، އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ހަތަރު ވަނައަށް އެންމެ ކާމިޔާބު ފިލްމަށެވެ.

ބޮޑު އާމްދަނީއެއްގެ އިތުރުން އެ ފިލްމަށް ކްރިޓީކުންގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އަދިވެސް ސިނަމާތަކުގައި ފިލްމު ދައްކަމުން އަންނަ އިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ.

ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ "ސަންޖޫ"އިން ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ހާދިސާތަކެއް ފެނިގެންދެ އެވެ. އެގޮތުން ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ ހާދިސާތަކެވެ.

ނަމަވެސް ސަންޖޭގެ ހަޔާތުގެ މުހިންމު ސަފުހާތަކެއް ފިލްމުގައި ގެނެސްދީފައި ނުވާކަމަށް ބުނެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޚަބަރުތައް ބުނާގޮތުން މިހާރު މަޝްވަރާތައް ފަށައިފައިވާ ވެބް ސީރީޒްގައި ސަންޖޭގެ މުޅި ހަޔާތަށް އަލިއަޅުވާލާނެއެވެ. އަދި އެ ޝޯ ގެނެސްދޭނީ ތިން ސީޒަނަކަށް ބަހާލައިގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް