މާލެ ސަރަހައްދު ގުޅާލަން އިތުރު ތިން ބްރިޖު އަޅަނީ

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަނީ: މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދު ގުޅާލުމަށް ހަތަރު ބުރިޖެއް އަޅާނެ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުގެ އިތުރުން ވިލިމާލެ އަދި އަލަށް އާރާސްތުކުރާ ވިލިމާލެ-2، މާލެއާ ގުޅާލުމަށް ތިން ބްރިޖެއް އެޅުނަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ތިލަފުށިން ފެށިގެން ގޮސް ހުޅުމާލެ-2 ހަމައަށް ހަތަރު ބްރިޖަކުން ގުޅާލާނެ ކަމަށެވެ. އޭގެތެރެއިން ހުޅުމާލެ އާއި މާލެ ގުޅާލުމަށް މާލެއިން ހުޅުލެއަށް އާޅާ ސިނަމާލެ ބްރިޖު ނިމުމާ ގާތަށް ވަނީ ގޮސްފައެވެ.

"ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލެ2 އަދި ވިލިމާލެ އާއި މާލެ އާއި މާލެއިން ގޮސް ހުޅުލެއަށް އެއްކޮށް ގުޅިގެން ހުޅުމާލެ-2އާ ހަމައަށް އެއްކޮށް ގުޅިފައި އޮންނަ ޕްލޭން ލިންކެއް އޮންނާނީ. ބްރިޖުތަކަކުން ގުޅިފައި އޮންނާނީ. އެހެންވީމަ ހަތަރު ބްރިޖު ގުޅިފައި އޮންނާނީ،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދު ބްރިޖުތަކަކުން ގުޅާލުމުން ދަތުރުކުރުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށާއި ދެން ފެނިގެން ދާނީ އެއްފަސް ވެފައިވާ ތަނެއްގެ ގޮތުގައިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"ބްރިޖު މަޝްރޫއަކީ އެންމެ ބޮޑު މަޝްރޫއު އެމަނިކުފާނު [ރައީސް ޔާމީން] ވައުދުވެވަޑައިގެންނެވި. އެތައް ބަޔަކު އެކަމާ ސުވާލު އުފައްދަވަމުން ދިޔަ ތަބުތައް ޖަހަމުން ދިޔަ އިރުވެސް ސުވާލުއުފައްދަވަމުން ދިޔަ ފަރާތްތައް އުޅޭ. ތަނބު ޖަހާ ނިމިގެން ޑެކު އަޅާ ހިސާބަށް ދިޔަ އިރުވެސް ސުވާލު އުފައްދަމުން ދިޔަ މީހުން ތިބި،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނަކީ ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދަވާ ބޭފުޅެއްކަން މިހާރު ރައްޔިތުން ގަބޫލު ކުރާނެ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ވިލިމާލެ-2 ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިންމާލައި އެ ސަރަހައްދު މާލެއާ ގުޅާލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ހުޅުލެ އަދި ތިލަފުއްޓާއި ގުޅީ ފަޅުވެސް ހިމެނޭ ގޮތަށް މާލެ ސަރަހައްދު ބްރިޖަކުން ގުޅާލާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ރައީސް ޔާމީން ވަނީ ދެއްވާފައެވެ. ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވީ މި ސަރަހައްދުގައި ގާއިމް ކުރެވޭ ބައިނަލްއަގުވާމީ އެންމެ ބޮޑު ސީޕޯޓު މާލޭ ކައިރިން ގުޅީފަޅު އަދި ތިލަފުށީގައި ހަދާނެ ކަމަށާއި އަދި އެ މަޝްރޫއުތަކުގެ ތެރެއިން އެ ދެ ރަށާއި މާލޭގައި ހެދިފައި އޮތް ބްރިޖާވެސް ގުޅިގެންދާން ޖެހޭ ކަމަށެވެ.

ނަމަވެސް އެ މަޝްރޫއާ ބެހޭ މާ ބޮޑު ތަފްސީލެއް ރައީސް ޔާމީން ނުދެއްވަ އެވެ. ރައީސް ޔާމީން ތަފްސީލަށް ވަޑައިނުގަތް ނަމަވެސް ބްރިޖަކުން މާލެ ސަރަހައްދު ގުޅާލާނެ ކަމުގެ ވާހަކަތަކެއް މީގެ ކުރިންވެސް މި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަނީ ދައްކަވާފަ އެވެ.

comment ކޮމެންޓް