"ވިލިމާލެ-2" މަޝްރޫއުގެ ފްލެޓާއި ބިމަށް ކުރިމަތި ލުމުގު ފުރުސަތު ހުޅުވާލަނީ

'ހިޔާ އެކޮމްޕްލިސްޑް' މަޝްރޫއުގެ މައުލޫމާތު ދިނުމަށް މިއަދު ހައުސިން މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުޅީ ފަޅާއި ފުށި ދިއްގަރު ފަޅު ގުޅާލައި ފްލެޓާއި ބިން ބޭނުންވާ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފާށާ 'ހިޔާ އެކޮމްޕްލިޝްޑް' އަށް އަންނަ މަހުގެ ހަތް ވަނަ ދުވަހު ފޯމް ދޫކުރުމަށް ނިންމައިފިއެވެ.

ގާތްގަނޑަކަށް 315،000 މީހުންގެ އާބާދީއަކަށް ޓާގެޓްކޮށްގެން ތަރައްގީ ކުރާ "ވިލިމާލެ-2" އިން ފްލެޓް ދިނުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅުންނެވެ. އަދި ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖެހިގެން އޮތް ފުށި ދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގުޅީ ފަޅުގެ އެއްބައި މިހާރު ހިއްކާފައި އޮތް ނަމަވެސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އެ ފަޅު އެއްކޮށް ހިއްކަން ކަމަށެވެ. އެގޮތުން ގުޅީ ފަޅުން ހިއްކާ 230 ހެކްޓަރުގެ ބިމުގައި 1000 އަކަފޫޓުގެ 82،000 ފްލެޓް އެޅޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ބިން ދޫކުރުމަށް ހިއްކާ ފުށި ދިއްގަރު ފަޅުން ވެސް ދޫކުރާނީ 1000 އަކަ ފޫޓުގެ ބިން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ހަތަރު ފޭސްއަކަށް ބަހާލައިގެން އެ ފަޅު ހިއްކާނީ ބިމަށް އެދި ކުރިމަތިލާ މީހުންގެ އަދަދަށް ބަލައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ދެ ސަރަހައްދެއްގައި ހިއްކިގެން އެބަދޭ. މި ހުޅުވާލާ ފުރުސަތަކީ 1000 އަކަފޫޓުގެ ފްލެޓް ބޭނުންވަންޏާ ފްލެޓަށް ކުރިމަތިލުން 1000 އަކަފޫޓުގެ ބިމެއް ބޭނުންވަންޏާ ބިމަށް ކުރިމަތިލުން. ދެ އޮޕްޝަން ލިބިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓާއި ބިމަށް އެދި ކުރިމަތިލުމަށް އެދާ ފަރާތްތަކުން ފުރިހަމަ ވާން ޖެހެނީ ދެ ޝަރުތެވެ. އެއީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށް ވުމާއި އަމިއްލަ ނަމުގައި 1000 އަކަފޫޓަށް ވުރެން ބޮޑު ބިމެއް ނެތުން ނުވަތަ މައިންބަފައިންގެ ބިމަކުން ވާރުތަވެގެން 1000 އަކަ ފޫޓުގެ ގޯއްޗެއް ލިބެން ނެތް މީހަކަށް ވާން ޖެހޭނެއެވެ.

މާލެ އަދި ހުޅުމާލެއިން ކުރިން ފްލެޓް ދޫކުރަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނަމަވެސް ވިލިމާލެ-2އިން ފްލެޓާއި ބިމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މީހަކަށް ވެސް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޝަރުތު ހަމަވެގެން ކުރިމަތިލާ ހުރިހާ ފަރާތްތަކަށް ވެސް ފްލެޓާއި ބިން ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް މިއޮތް 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކު ވެސް އޮޓެމެޓިކަލީ އެބަ ފުރުސަތު ލިބިގެންދޭ،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ފޯމް ދޫކުރަން ފަށާއިރު ފްލެޓާއި ބިމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އެ މަހުގެ 15 ވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިވަގުތަށް ފޯމް ދޫކުރުމާއި ބަލައިގަންނާނީ ހަތަރު މަސް ދުވަހަށް ކަމަށާއި އަދި ފަހުން ދެވަނަ ފުރުސަތަކަށް ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް