ހިންނަވަރު ރައްޔިތުން އިބޫއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް: ނާޒިމް

މިނިސްޓަރު ނާޒިމް: އޭނާ ވިދާޅުވީ ހިންނަވަރު ދާއިރާގެ މެންބަރުން އިބޫއަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް -- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ޅ. ހިންނަވަރުގެ ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ނަން އޮތުމަކީ އެ ރަށުގެ ރައްޔިތުން އޭނާއަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މީހަކު ތަނަކަށް ނިސްބަތްވަނީ އެ ތަނެއްގައި އެ މީހެއްގެ ރަޖިސްޓްރީ އޮންނާތީ ނޫން ކަމަށާއި މީހަކު ތަނަކަށް ނިސްބަތްވަނީ އެ މީހެއް ގުޅުން ބާއްވާ ބައެއްގެ ގޮތުން ކަމަށެވެ.

އެގޮތުން ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އަކީ އެ ދާއިރާގެ ރައްޔިތުންނާ ގުޅުން ކުޑަ 'ފިލައިގެން' އުޅޭ މެންބަރެއްގެ ގޮތުގައި މިނިސްޓަރު ނާޒިމް ސިފަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންނަށް މެންބަރު ހޯދާ ނުފެންނާތީ އިގޭތޯ. އަޅުގަނޑު ދެކޭ ގޮތުގައި މިސަބަބުތަކަށް ރިއާޔަތްކޮށް ފަހަރެއްގައި ވެސް ރާއްޖޭގެ ވަލިއްޔުލް އަމުރެއްގެ މަގާމަށް ވަކި މީހެއް ގެންނަން އަޅުގަނޑުމެން ވިސްނާއިރު ހިންނަވަރު ރައްޔިތުން ކޮންމެހެން އެ ބޭފުޅާއަކީ ހިންނަވަރުގެ ރަޖިސްޓްރީއަށް ނިސްބަތްވާ ބޭފުޅަކަށްވީތީ ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

އިބޫއަށް ހިންނަވަރުގައި އޮތް ތާއީދު ކުޑަވެފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ތާއީދު ކުޑަވި ފުރަތަމަ ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އިބޫއަށް ލިބިވަޑައިގަތް ޖުމްލަ ވޯޓުގެ އަދަދު ކުރީގެ އިންތިޚާބުތަކަށް ވުރެ މަދުވުމެވެ. ނާޒިމާ ވާދަކުރައްވައި އިބޫ ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 161 ވޯޓުގެ ތަފާތުންނެވެ.

އިބޫއަށް ތާއީދު ކުޑަވެފައިވާ ދެވަނަ ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ މިދިޔަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި އާއި އަދި ހިންނަވަރު ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް އިން ނަގާފައި ވުމެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުން އެރަށެއްގެ މީހެއްގެ ގޮތުގައި ބަލައިގަންނާނީ ރަށުގެ ރައްޔިތުންނާ ގުޅުން ބާއްވައި އެމީހުންގެ ހާލު ބަލާ މީހަކަށް ކަމަށެވެ.

"އެތަނަށް އެ މީހާ ބިލޯންގްވުމަކީ އެތަނެއްގެ މީހުންނާއެކު ގުޅި ޝާމިލްވެގެން އުޅުން. އެތަނުގެ އަކަންކަމާއި ވިސްނާ ފިކުރު ހިންގުން. އެތަނެއްގައި އުޅޭ މީހުންގެ ހާލު އަހުވާލު ބެލުން. އަކަން ނުވާކަމުގައި ވާނަމަ ކޮބައިތޯ އަޅުގަނޑުމެނަށް އެކަމުން ލިބޭ ހިތްހަމަ ޖެހުމަކީ،" ނާޒިމް ވިދާޅުވިއެވެ.

މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ރައްޔިތުންނާ ގާތުން ރައްޔިތުންނަށް މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރެވޭ މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންނަށް ފައިދާއެއް ވާނެ ކަމަށް ވިސްނުމަކީ ނާތަހުޒީބު ވިސްނުމެއް ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރެއްގެ ގޮތުގައި 25 އަހަރު ހުންނަވައިގެން އެ ރަށުގެ ތަރައްގީއަށް އިބޫއަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ގޮވައިގެން ރިޔާސީ އިންތިޚާބަށް ނިކުންނާތީ ނާޒިމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ތަފާތު ފިކުރުތަކެއްގެ ޕާޓީތަކެއް އެއްވެގެން ގެންނަ ވެރިކަމަކުން ރައްޔިތުންނަށް ފައިދާ އެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު މައި ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވުނު ނަމަވެސް އެމްޑީޕީގެ ފިކުރަށް އަދި ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

"އެ ބޭފުޅުންގެ ސިޔާސަތުތަކެއް ނެތްކަން އެނގޭ އެއް ސަބަބަކީ އެ ވިދާޅުވަނީ ތިމަންނަމެން ހުރިހާ ޕާޓީއެއް ގުޅިގެން މެނިފެސްޓޯއެއް ހަދާނަމޭ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ ގޮތެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ހުރީ މަސްހުނި ސިޔާސަތުތަކެއްކަން ކަމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ގައުމަށް އަދި ރައްޔިތުންނަށް ވެސް ފައިދާއެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް