ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާ ފްރެންޗައިސް ރެސްޓޯރެންޓުތައް އަންނަ މަހު ހުޅުވާނެކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
އޮސްޓްރޭލިއާގެ ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް އެއާޕޯޓު ޑިޕާޗާ ހޯލުގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުނފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ހުޅުލޭ ވޯޓާ ފްރަންޓުގައި ހުޅުވާ ރެސްޓޯރެންޓުތައް އަންނަ މަހު ހުޅުވާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިންޓީރިއާ އާއި ބަދިގޭގެ މަސައްކަތް ކަމަށް އާދިލް ވިދާޅުވި އެވެ.
މިއަދު ހުޅުވި ގްލޯރިއާ ޖީންސްގެ އައުޓްލެޓަކީ ރާއްޖޭގައި ހުޅުވި ގްލޯރިއާ ޖީންސްގެ ދެވަނަ އައުޓްލެޓެވެ. ރަސްފަންނު ޕެވީލިއަންގައި ވެސް ވަނީ ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ހުޅުވައިފަ އެވެ.
ސާދަހާސް އަކަފޫޓުގެ އިމާރާތެއްގައި ގާއިމްކުރާ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުމަށް އިންޓަނޭޝަނަލް ފްރެންޗައިސްތައް ގެނައުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް އާއެވެ. މިތަނުގައި ކޭއެފްސީ، ޕިއްޒާހަޓް އަދި ކޯސްޓާ ކޮފީގެ އައުޓްލެޓުތައް ހުޅުވާނެ އެވެ.
އާދިލް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ބޭނުންވާނެ ޚިދުމަތްތައް ވެސް ފުޅާ ކުރާނެ ކަމަށެވެ.
comment އަލީ
7 year 8 month ago
އެއަރޕޯޓްގަ ހިންގަމުން އަންނަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަރަށް ރަނގަޅު. އައު ޓާމިނަލްގެ މަސައްކަތް ނުފެށި ލަސްވާތީ މައްސަލައަކީ.