އެމެރިކާގެ އިގްތިސާދީ ދުވެލި ބާރުވެ، ރެކޯޑް ކުރިއެރުމެއް

އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތުން ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގެ އިގްތިސާދު އެންމެ ބާރަށް ކުރި އަރާފައިވަނީ މިދިޔަ މަހު ނިމުނު، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހުކުރު ދުވަހު އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެ ވަނަ ކުއާޓަރު ނިމުނު އިރު އެ ގައުމުގެ އިގްތިސާދު ވަނީ 4.1 ޕަސެންޓަށް ކުރި އަރާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިގްތިސާދަށް އެހާ ބޮޑު ކުރިއެރުމެއް އައީ މީހުން ހަރަދުކުރި ވަރާއި، އެކްސްޕޯޓް ކުރި ވަރު އިތުރުވުމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިގްތިސާދީ ދުވެލި ބާރުވެގެން ދިޔައީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވަރުގަދަ ވުމުން ކަމަށެވެ.

ޓްރަމްޕް އެހެން ވިދާޅުވި އިރު، އެ ގައުމަށް އެތެރެކުރާ ޗައިނާގެ ބައެއް އުފެއްދުންތަކުން ޓެކްސް ނަގަން ފެށުމުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އެއާ އެކު ޗައިނާއިން ވެސް ވަނީ އެމެރިކާގެ ގިނަ އުފެއްދުންތަކަކުން ޓެކްސް ނަގަން ފަށައިފައެވެ.

އެމެރިކާގެ އިގްތިސާދު ކުރިއެރި މައިގަނޑު ސަބަބުތައް

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި ދެ ވަނަ ކުއާޓަރުގައި މީހުން ހަރަދު ކުރި ވަރު ވަނީ ހަތަރު ޕަސެންޓް ކުރި އަރާފައެވެ. އެ އަދަދު ފުރަތަމަ ކުއާޓަރުގައި ހުރީ 0.5 ޕަސެންޓުގައެވެ.

އޭގެ އިތުރުން، ޗައިނާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ އެކު އެ ގައުމުން އެމެރިކާގެ އުފެއްދުންތަކުން ޓެކްސް ނަގާނެކަން އިއުލާނު ކުރުމުން، އޭގެ ކުރިން ގިނަ ތަކެތި އެމެރިކާ އިން ބޭރު ކޮށްފައި ވުމަކީ ވެސް އިގްތިސާދު ކުރިއެރި އެއް ސަބަބެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ވަނަ ކުއާޓަރުގައި އެ ގައުމުން ބޭރުކުރި މުދަލުގެ އަދަދު ވަނީ ނުވަ ޕަސެންޓް އިތުރުވެފައެވެ. މިއީ 2013 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ފަހުން އެމެރިކާގެ އެކްސްޕޯޓް އެންމެ ބޮޑަށް ކުރިއެރި ފަހަރެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާގެ އިގްތިސާދަށް ލިބުނު ކުރިއެރުމަކީ ގާތްގަނޑަކަށް، އެ ގައުމުގެ ޖީޑީޕީގެ އެއް ޕަސެންޓުގެ ކުރިއެރުމެކެވެ.

ދެ ވަނަ ކުއާޓަރުގައި އިގްތިސާދު ކުރި އެރިނަމަ ވެސް، ޗައިނާ މައްސަލަ ހައްލު ނުވާ ނަމަ، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

comment ކޮމެންޓް