އިންޑޮނޭޝިއާއަށް އައި ބިންހެލުމެއްގައި 10 މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާއަށް މިއަދު އައި ބިންހެލުމުގައި ގެއްލުންވެފައިވާ ގެއެއް -- ފޮޓޯ: އޭޕީ

ޖަކާޓާ (ޖުލައި 29): އިންޑޮނޭޝިއާއަށްދާ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ރަށެއް ކަމަށްވާ ލޮމްބޮކްއަށް އައި ބާރުގަދަ ބިންހެލުމެއްގައި 10 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ބާލީއާ 40 ކިލޯމީޓަރު އިރަށް އޮންނަ ލޮމްބޮކްއަށް 6.4 މެގްނިޓިއުޑުގެ ބާރުމިނުގައި އެބިންހެލުން އައީ މިއަދު ހެނދުނު ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުންޏެވެ. އަދި އެއަށް ފަހު 60އަށް ވުރެ ގިނަ، ކުދި ބިންހެލުން އައި ކަމަށާއި އޭގެ ތެރެއިން އެންމެ ބާރުގަދައީ 5.7 މެގްނިޓިއުޑުގެ ބިންހެލުމެއް ކަމަށް އެއޭޖެންސީން ބުންޏެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ ސާޗް އެންޑް ރެސްކިއު އޭޖެންސީން ވަނީ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި މެލޭޝިއާގެ މީހަކު ހިމެނޭ ކަމަށް ބުނެފައެވެ. އަދި އިތުރު 40 މީހަކަށް އަނިޔާވުމުގެ ސަބަބުން އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށް ބުނެފައެވެ.

އެބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައި ނުވެއެވެ. (ބީބީސީ)

comment ކޮމެންޓް