މެގުއާ ޔުނައިޓެޑަށް ދިއުމަށް ލެސްޓާ ހުރަސް އަޅާނެ

އިންގްލެންޑާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާނަމަ، އެކަމަށް ލެސްޓާ ސިޓީން ހުރަސް އަޅާނެކަމުގެ ނިޝާނެއް ކްލަބުން ދީފިއެވެ.

މިދިޔަ ސީޒަންގައި ލެސްޓާއަށް ހުރިހާ މެޗެއްގައިވެސް ކުޅުނު މެގެއާ ވަނީ ޓީމަށް މޮޅު ކުޅުމެއް ދައްކާ، ވޯލްޑް ކަޕަށް ދިޔަ އިނގިރޭސި ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ. އަދި 52 އަހަރަށްފަހު އިންގްލެންޑް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ގެންދިއުމުގައިވެސް މެގެއާގެ ދައުރު ބޮޑެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު މެގެއާ ގެންދިއުމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ޔުނައިޓެޑުން ލެސްޓާއަށް 65 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ޔުނައިޓެޑުން މެގެއާގެ ސޮއި ހޯދުމަށް މަސައްކަތް ފަށާފައިވާ އިރު، ލެސްޓާއިން އޭނާގެ ކޮންޓްރެކްޓް އާކުރަން މަސައްކަތްކުރާ ކަމަށް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލެސްޓާއިން މެގެއާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން ވަނީ މިހާތަނަށް މި ހިނގާ ޓްރާންސްފާ ސީޒަންގައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑްވެސް އެޓީމަށް ގެންގޮސްފައެވެ.

އެހެން ނަމަވެސް ލެސްޓާ ފާހަގަކޮށްލެވެނީ އާންމުކޮށް ކުޅުންތެރިން ހިފަހައްޓަން މަސައްކަތް ކުރާ ކްލަބެއްގެ ގޮތުގައެވެ. އެގޮތުން އެޓީމުގެ އަލްޖީރިއާ ތަރި ރިޔާދު މަހަރޭޒް، ކްލަބުގައި ހިފެހެއްޓުމަށް އެ ކްލަބުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިދިޔަ ދެ ޓްރާންސްފާ ސީޒަންގައިވެސް މެންޗެސްޓާ ސިޓީން މަހަރޭޒް ހޯދުމަށް މަސައްކަތް ކުރި އިރު، ލެސްޓާއިން ވަނީ އޭނާ ހިފަހައްޓަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި ހިނގާ ޓްރާންސްފާ ސީޒަންގައި ސިޓީން މަހަރޭޒްގެ ސޮއި ހޯދައިފައިވާ އިރު، އޭނާގެ އަގަކީ 60 މިލިއަން ޕައުންޑެވެ.

comment ކޮމެންޓް