ތަފާތު ލޯތްބެއް (24)

"ޔޯ ޕެޝަން ފޯ އާޓް އިސް އަންބިލީވަބްލް. ކިހިނެއް އެކުރެހުންތައް އެނދީ؟ "ނަތާލީ އަހާލައިފިއެވެ. ކެމީލާ ނޭވާ ހިފަހައްޓައިލިއެވެ. ނާޔަލްއާއި ދިމާލަށް ބަލައިލެވުނީ އެވާހަކަ ނުބުނާށޭ ބުނެ އާދޭސްކުރާފަދަ ނަޒަރަކުންނެވެ. ނަތާލީއަށް އެކަމުގައި އޭނަގެ އަތެއްވާކަން އެނގިއްޖެއްޔާ އޭނަގެ އަތް ކަނޑާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. މިއީ ޝާހީ މުއްސަދި އާއިލާއެކެވެ. އެމީހުންގެ ކާބަފައިންގެ ޝާހީކަމުގައި އަދިވެސް ހިފަހައްޓައިގެން އުޅޭ ރަސްދަރިކޮޅުން އައިސްފައިވާ ޚާންދާނެކެވެ. ނާޔަލް އޭނަ ކުށްވެރިކުރާނެކަން ޔަގީނެވެ.

"އައި ޑިޑް އިޓް. އެކްސިޑެންޓަލީ......" ކެމީލާގެ ޖުމްލައިން ނާޔަލްވެސް ހައިރާންވިފަދައެވެ. ނަތާލީގެ އަނގަޔަށް ހަދައިލިގޮތުން ނުބައި ބޭހެއް ބޮވުނުފަދައެވެ. ކުއްލިއަކަށް ކުރިއަށް ޖެހިލީ ކެމީލާގެ މޫނަށް ހޫނު އެތިފަހަރެއް ވީއްލާލުމުގެ ނިޔަތުގައެވެ. އެކުވެރިޔާ ހުރުމުން އެކަން ބޭއަދަބީ ކަމަކަށްވިއެވެ.

"ބޭބީފޭސްއެއް ހުއްޓަސް ހިޔެއްނުކުރަން ކުޑަކުއްޖެއްގެ އުޅުންކަމަށް ހުރީ. އަލިފާނާއި ކުޅެނީ ތަންދޮރު ވަކިނުވާވަރު ކުޑަކުދިންކަމެއް ނޭގުނު ދޯ. ސްޓޫޑިއޯ އަންދާލާފައި ނިންމައިލިކަން ރަގަޅު..........." ނަތާލީ ދަތްތަކުގެ ތެރެއިން އެހެން ބުނުމަށްފަހު އެކުވެރިޔާ ހުރިކަން ހަދާންވެ މޫނުމަތި ރީތިކޮށްލައިފިއެވެ. އޭނަ ވާހަކަދެއްކީ ސަމާސާއެއްކަމަށް ދައްކަންވެގެން ހިނިގަނޑެއް ޖަހާލިއެވެ. އަދި ކެމީލާގެ ގައިގާ ކުޑަކޮށް ޖެހިލިއެވެ. ނަތާލީއާއި އެޑްރިއާނާ އަދި ނާޔަލް ވާހަކަދައްކާލަން ސޯފާތަކުގައި ހަމަޖެހިލިތަން ފެނިފާ ކޮންމެވެސް އެއްޗެއް މެހުމާނުންނަށް ގެނެސްދޭން ކެމީލާ ނިންމިއެވެ. ކާކޮޓަރިއަށް ވަދެފާ ތައްޔާރުކޮށްލީ ނަޓެއްލާ ހޮޓް ޗޮކްލެޓެވެ. މާޝްމެލޯ އަދި ހިމުންކޮށްފައިވާ ހޭޒަލްނަޓް އަދި ޗޮކްލެޓް ޗިޕްސްއާއިއެކު ނަޓެއްލާކޮޅެއް ވިއްސާލުމުން ހީފިލުވައިލާނެ ބުއިމަކަށްވިއެވެ. ކްރީމް ޗީޒްޖެހި ރެޑް ވެލްވެޓް ކުކީސްވެސް ކުޅުދިޔާވާހާ މީރެވެ. އެކަތީގެ ރަހަ ބަލާލާފައި ކެމީލާ ދެލޯމަރައިލިއެވެ. ކެމީލާ ތަބައް ގެނެސް ކްރިސްޓަލް މޭޒުމަތީ ބެހެއްޓުމުން އެޑްރިއާނާ ޝުކުރު އަދާކުރިއެވެ. ތައުރީފުވެސްކުރިއެވެ. ނަތާލީ ފަޚުރުވެރިވާފަދަ ރީތި ގެވެހި ޅީދަރިއެއްކަމުގައި ބުނުމުން ނަތާލީ އެއަށް ވަކި ޖަވާބެއް ނުދިނެވެ. މަސްނޫއީ ހިނިތުންވުމަކުން ފުއްދާލީއެވެ.

އެހާ ފަސޭހައިން އެކަން އޮބިގެން ދިޔުމުން ކެމީލާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނަސް ހިތުގައިވާ ކުށްވެރިކަމުގެ އިހުސާސްތައް ދޭތެރެއަކުން އިތުރުވެގަނެއެވެ. އެފަދަ ކަމެއް ދުވަހަކު ނުކުރަން ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ.

ނަތާލީ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްގެން ހުއްޓަސް އޭނަގެ ހިތުގައި ކެމީލާއަށްޓަކާ އުފެދުނު ރުޅިވެރިކަމާއި ހަސަދަވެރިކަން ހުރިހާކަމަކަށްވުރެ ބޮޑުވިއެވެ. ނާޔަލް އެހާ ލޯބިން ގެންގުޅޭ އަގުބޮޑުކުރެހުން ތަކެއް އަންދާލުމުން ނާޔަލް ހިމޭނުން އެހެރީ އެހިތުގައި ކެމީލާއަށްޓަކާ ވާ ލޯތްބެއްގެ ބޮޑުކަމުންކަމަށް ހީކޮށް ނަތާލީ މޮޔަވާވަރުވިއެވެ. އޭނަގެ ދަރިފުޅު މަންމައަށްވުރެ އެހެން އަންހެނަކު އިސްކުރީހެއްޔެވެ. އެހާ ލޯބިން ގެންގުޅެ ބޮޑުކުރި ދަރިފުޅު އެހެން ފަރާތަކަށް ގޮސް ހުސްވުމުން ހިތަށް އަސަރުނުކުރާ ވަރެއް ނޫނެވެ. ކަމުދާ މީހެއްނަމަވެސް އެންމެ ރަގަޅެވެ. ކުނި ގޮނޑުން ހޮވާލާފައިވާ ކުލަ ރީތި ދަޅަ އަރާ އެހެއްގެވެސް އަގެއް ނުހުންނާނެއެވެ. ކެމީލާވެސް އެފަދަ ބިއްލޫރި އެހަކާއި ތަފާތެއްނެތެވެ. އެއީ އޭނަގެ ފުރިހަމަ ފިރިހެން ދަރިފުޅާއި އެކަށީގެންވާ މީހެއްނޫނެވެ. ހިތާމައިން ފޯވެފައި ހުރި ނަތާލީ ނަތާޝާއަށް ގުޅައިގެން މަޝްވަރާ ކުރިއެވެ. ދެމީހުން ހުސް އަނގަ ތަޅައިގެން މިކަން ހައްލުވާކަށް ނެތެވެ. ފިޔަވަޅެއް ނާޅައިފިއްޔާ ހިތާމަކުރަން ޖެހިދާނެއެވެ.

ނަތާލީމެން ދިޔުމަށްފަހު ކެމީލާ ވަރަށް ވިސްނިއެވެ. ނާޔަލްގެ ކައިރިން މާފަށް އެދެން ނިންމިއެވެ. އޭނަ ނުފެނިގެން އެއޮތް ބޮޑު ގޭގައި ބުރެއް ޖަހާލައިފިއެވެ. ގޭގެ ފަހަތުބައިގެ ފެންޑާއަށް ނުކުތީ އެ ހިސާބުގައި އުޅެފާނެކަމަށް ޝައްކުކުރެވިގެންނެވެ. ފެންޑާގެ ދޮރުފަތް ހުޅުވާލުމާއިއެކު ފްރިޖަކަށް އެރެވުނުފަދަ އިހުސާސެއް ކުރެވުނެވެ. އެހާ ފިނިގަދައެވެ. ކޮންމެވެސް ވަރަކަށް އަވި ދީފައި އޮތުމުން ސްނޯ ވިރެން ފަށައިފިއެވެ. ނާޔަލް ރޯކޮށްފައިވާ އަލިފާންގަނޑު އަދާ ހުލިވެ އަޅި ފުންޏަކަށްވެފައިވާއިރު ކޮންމެވެސް ވަރަކަށް ކުރެހުންތަކުން ބައެއް ނާދާ ހުރިތަން ފެނުނެވެ. ކެމީލާގެ ހިތަށް އަސަރުކުރިއެވެ. އެކުރެވުނު ނުބައިކަން ހަނދާންވެ ލަދުވެސް ގަތެވެ. ސްވިމިން ޕޫލްކައިރިން ލާފައި ކެމީލާ ކުރިއަށް ހިނގައިގަތެވެ.

ގަސްތަކުގައި ހަރުލާފައިވާ ސްނޯތައް އިރުގެ އަވީގެ ސަބަބުން ވިރިގެން ފައިބަނީއެވެ. ތަންކޮޅެއް ދުރުގައި އޮތް ހިލަގަނޑެއްގެ މަތީ ނާޔަލް އިންތަން ފެނުމުން ކެމީލާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

"ނާޔަލް ހާދަ އެކަނިވެރިވެފައި އެ އިނީ. ރުޅި ފިނިކޮށްލަން އެކަނިވެރި ހިސާބަކަށް އައިސް މިއިނީ....." ކެމީލާ އުދަގުލުން ނާޔަލް އިން ހިސާބާއި އަރާ ހާމަވެފައި ތިރިއަށް ބަލައިލިއިރު ބޮލަށް އެނބުރުން އެރިއެވެ. ރޯލިންހިލްސްތަކުގެ މަތީގައި އަޅާފައި ވާ ގެތަކުގައި ދިރިއުޅެން ކެމީލާ އެންމެ ބިރުގަންނަ ސަބަބަކީ މިއީއެވެ. ގޭގެ ވަށައިގެން ފެންނަނީ ކުދި ފަރުބަދައިގެ މަލަމަތި ފެންނާން އޮވެއެވެ. ހަމަ ބިންމަތިން ވެއްޓުމާއި މިފަދަ ތަނަކުން ކައްސާލުމާއި ހާސްބައި ތަފާތުވާނެއެވެ. ފަރުބަދަމަތިން ފުރޮޅާލައިގެންގޮސް އެންމެ ތިރީގައި ޖެހޭއިރު މީހާގެ ދުވަސް ހިނގައިދާނެއެވެ. އަދި މި ހިސާބު ވަކިން އުހެވެ. ނާޔަލް އިނީ އޮރެންޖްކުލައިގެ ފުޅިއެއް ހިފަހައްޓާލައިގެންނެވެ. އަނެއް އަތުގައި ސިގްރެޓެކެވެ. ގަނޑުފެން އަޅާފައި ހުރި ބިއްލޫރިތަށްޓަކަށް އެތިފޮދެއް އަޅާފައި ބޯލިއެވެ.

"ނާޔަލް ވަޓް އާ ޔޫ ޑުއިން...." ނާޔަލް ބޮނީ ސްކޮޗް ކަހަލަ އެއްޗެއްކަން ވިސްނުމާއިއެކު ކެމީލާ އަނގަޔަށް ގޮތެއް ހަދާފައި ފަހަތަށް ޖެހިލިއެވެ. ކެމީލާ ބުނި އެއްޗެއް އޭނައަށް އިވުނުހެން ހިޔެއްނުވެއެވެ. ދެވަނަފަހަރަށް އޭގެ އެތިފޮދެއް ތަށްޓަށް އަޅައިގެން އެއް ނޭވައިން ހުސްކޮށްލައިފިއެވެ. ނާޔަލް ތެދުވެފައި ކެމީލާއާއި ދިމާލަށް ބަލައިލިއެވެ. ގާތްކަމެއް ނުވެއެވެ. އެކުވެރިކަމެއްވެސް ނެތެވެ. އެހާ ބީރައްޓެހި ނަޒަރެކެވެ. ކުއްލިއަކަށް އޭނަ ކެމީލާގެ އަތުގައި ހިފާ ދަމައިގަތްގޮތަށް އަނބުރުވާލިއެވެ. ކެމީލާއަށް ނާޔަލްގެ ކޯޓުގައި ހިފައިލެވުނީ ސަލާމަތަށް އެދޭ ފަދައަކުންނެވެ. އޭރު އޭނަގެ ބޫޓު ކިރިޔާ އެ ހިލައިގެ އެންމެ ކޮޅުގައި ޖެހޭކަމެވެ. ނާޔަލް އޭނަގެ ގައިން ދޫކޮށްލައިފިއްޔާ ނުބައިގޮތަކަށް ތިރިއަށް ވެއްޓޭނެކަމާއިމެދު ޝައްކެއްނެތެވެ.

"ޑޫ ޔޫ ނޯ ވަޓްސް ސްޓޮޕިން މީ ފްރޮމް ލެޓިން ޔޫ ގޯ ދިސް އިންސްޓެންޓް؟ "ނާޔަލް ވާހަކަދެއްކިއިރު މަސްހުނި އަސަރުތަކެއްވިއެވެ. އެދެލޮލުގައި ވި ވިދުން އިތުރުވިއެވެ. " ސަބަބަކީ........ތި ކުއްޖާއާއި ގަޔާވެވޭތީ....."

ނާޔަލް ކައިރިވުމުން ކެމީލާއަށް އުދަގޫވާފަދަ ވަހެއް ދުވިއެވެ. ބޭންޑް އެއިޑްސް ނޫނީ ހޮސްޕިޓަލުގައި ދުވާ ކެމިކަލް ވަހެކެވެ. އޯކަށް ދަމާގޮތްވިއެވެ.

"އެތައް އަހަރެއްގެ މަސައްކަތް ވިދިން ސެކަންޑްސް ހަލާކުކޮށްލީމަވެސް އައި ކާންޓް ޑޫ އެނީތިން ޓު ޔޫ. އެވަރުވާއިރު ކެމީލާދެކެ އަހަރެން ވާ ލޯބި ހަމަނޭގެނީތަ؟ އަހަންނަށް ހުރިހާ ގެއްލުމެއް ދޭއިރުވެސް އަހަރެން އެބަ ކަމެއް ކުރަންތަ؟ އެކަމަކު އެނގެއެއްނު ކޮންފަދަ ބޮޑު ގެއްލުމެއްކަން ދިނީ. " ނާޔަލްގެ ވާހަކަދެއްކުމުގައި ހިތާމައާއިއެކު ރުޅިވެރިކަން އެކުލެވުނެވެ. ހުރިހާ ޖަޒުބާތުތަކެއް އެކުވެފައިވާކަން އޭނަގެ ކޮންމެ ޖުމްލައަކުން ކެމިލާއަށް އިހުސާސްކުރުވާ ދިނެވެ.

"އަހަރެން މިދުނިޔެއިން އެންމެ ލޯބިވި އެކައްޗަކީ އެކުރެހުންތައްކަން އެންމެނަށް އެނގޭ. އަދި ބައްޕަގެ ކުރެހުންތައްވެސް ނައްތާލީ. ކިހިނެއް އަހަރެން މާފުކުރާނީ. ހުރިހާ އެއްޗެއް ނައްތާލިޔަސް ބައްޕަގެ ކުރެހުންތައް. އެކަމުގެ އަދަބު ދޭނަން. ބައްޕަގެ މެމޮރީސްތައް............" ނާޔަލް ވާހަކަދެއްކީ ހުއްޓަ ހުއްޓާފައެވެ. ވާހަކަދައްކަން އުދަގޫވެގެން އުޅޭފަދައިންނެވެ. އޭނަ ކެމީލާގެ ލޮލަށް ބަލަން ހުރީ ނުރައްކާތެރި ނަޒަރަކުންނެވެ. ކުއްލިއަކަށް ކެމީލާގެ މެދުހަށީގައި ހިފާ ބިންމަތިން އުފުލާލުމާއިއެކު ކެމީލާ ރޮއިގަތެވެ. އެންމެފަހު ވަގުތުކަމަށް ހީކުރެވުނެވެ. އޭނަގެ ގައިން ދޫކޮށްލާއިރަށް އޭނަ ވެއްޓި މަރުވެސް ވެދާނެއެވެ. ނަމަވެސް ނާޔަލް އޭނަ ކޮނޑުމައްޗަށް ލީގޮތަށް ފިޔަވަޅު އެޅީ ގެއާއި ދިމާލަށެވެ. ވާހަކަދެއްކުމުގައި އުދަގޫކަމެއް ހުރިއިރު އޭނައަށް ހިނގެނީވެސް ކާލިއަޅަމުންނެވެ. ތަންކޮޅަކަށް ހިނގާލާފައި ވަރުބަލިވެގެން ކެމީލާ ބިންމަތީގައި ބެހެއްޓިއެވެ. އެއާއެކު ހިލަގަނޑެއްގައި އަޅައިގެންފައި ނާޔަލް ސްނޯގަނޑުމައްޗަށް ވެއްޓުނުތަން ފެނިފައި ކެމީލާއަށް އިރުކޮޅެއްވާންދެން ބަލަން ހުރެވުނީ ހަދާނެގޮތް ހުސްވެފައެވެ. ނާޔަލް ބޮއިގެން މަސްތުވެގެން ހުރެ ވާނުވާ ނޭނގިގެން އުޅޭއިރު ކައިރިވެއްޖެއްޔާ ހަދާލާނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. ހާސްވެ ކަންބޮޑުވެފައި ހުރި ކެމީލާ ވަގުތުން ގުޅުނީ ނޯޔާއަށެވެ. ނާޔަލް ކޮންމެވެސް އެއްޗެއް ބޮއިގެން ޚަބަރުހުސްވެފައި އޮތްވާހަކަ ބުނުމުން ނޯޔާ ބުނީ އޭނަ ނާޔަލްގެ ބޮޑީގާޑުންނަށް ގުޅާނެކަމުގައެވެ. އާއްމުކޮށް އެމީހުން އުޅޭނީވެސް އެގެއާއި ކައިރީގައި ހުންނަ ކޮޓެޖެއްގައެވެ. ނަސީބަކުން އެމީހުންނަށް ނާދެވެނީސް ނާޔަލް ތެދުވެގެން ހިނގައިގަތުމުން ކެމީލާ ފަހަތުން އައީ ފުދޭވަރެއްގެ ދުރުމިނެއްގައި ހުރެއެވެ. ނާޔަލް ފަދަ ރާ ބޯ މީހަކާއިއެކު އުޅުމަކީ އޭނައަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ. ރާބޮއިގެން އަމަލުވެގެން ތިބެ ކުރެވޭ ނުކުރެވޭކަމެއް ނޭގުނަސް ބޯން އެބަޖެހެއެވެ. އަބަދުގެ އަބަދަށްޓަކާ ނާޔަލްއާއި ވަކިވެގެން ދުރަށް ނުގޮސްފިއްޔާ ވަގުތު ފާއިތުވެދާނެއެވެ. މިއަދުވެސް އޭނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އުމުރުގައި ތަންހުރީމައެވެ. އެގޮތަށް ރާބޯ މީހުންނާއި ކައިވެނިކުރުމަކީ އާއިލާއަށާއި ދަރިންނަށް ދެވޭ ކެތްނުކުރެވޭފަދަ އަނިޔާއެކެވެ. އެމީހުން ބޮއިގެން ތިބެ އަނބިދަރިންނަށް ކުރާ އަނިޔާތައް ވާހަކަތަކާއި ފިލްމުތަކުން އޭނަވަނީ ދެކެފައެވެ. ދީނުގައި އެކަން ހަރާމްކުރައްވާފައިވާއިރު މުސްލިމުން އެފަދަ ފާފަތަކަށް އަރައިގަންނަނީ ކީއްވެހެއްޔެވެ. ނާޔަލްގެ މައިންބަފައިން ބުނެނުދިނަސް އަމިއްލައަށް ދީން ދަސްކުރަން އޭނަ ނުޖެހޭހެއްޔެވެ. އޭނަ ނާޔަލްއާއިއެކު ނޫޅެން ޖެހޭ ސަބަބުތައް ފެންނަވަރަކަށް ފޫހިކަން އިތުރުވިއެވެ. ކައިޒާން ހާސްބައި ރަގަޅެވެ. ނާޔަލް އޭނަގެ ގައިގާ އަތްނުލާކަމީ ހެޔޮފާލެކެވެ. އެކަމުން އޭނައަށް ދޭހަވަނީ ކޮންމެވެސް ދުވަހެއްގައި ނާޔަލްގެ ފަރާތުން ސަލާމަތްވެ އޭނައަށް ކައިޒާންގެ ލޯބި ކާމިޔާބުކުރެވޭނެ ކަމެވެ.

ކެމީލާ ކޮޓަރިއަށް ވަދެފާ އެންމެ ފުރަތަމަ ހުޅުވައިލީ ފޯނެވެ. ކައިޒާންއަށް މެސެޖްކޮށްލަންވީއެވެ. އޭނަ ބަލާ އަވަހަށް އައުމަށް އެދި އަލުން މެސެޖްކޮށްލާނީއެވެ. ވައިބާއިން އިތުރު މެސެޖެއް އައިސްފައި ހުރިތަން ފެނިފާ ކެމީލާ ހުޅުވައިލުމާއިއެކު ހިތުގެ ވިންދު މަޑުޖެހިލިއެވެ. އެއީ އޭނަގެ ހާލަތު ބަޔާންކޮށްދިނުމުން ޝޭޚު ފޮނުވާފައިއިން މެސެޖެވެ. ޝޭޚު ބުނެފައިވާގޮތުން އެ ކައިވެނި ސައްހަވާނެއެވެ. ބައްޕަ ވަލީދިނުމަށްފަހ އަންހެންކުއްޖާ ރަން ކިޔާ ކައިވެނިކުރެވިފައިވާނަމަ ފިރިމީހާއާއި ނުރުހުނަސް އެއީ ރަނގަޅު ކައިވެންޏެކެވެ. އަންހެންކުއްޖާއަށް ނުޅެވޭކަމުގައިވާނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން ވަރިއަށް އެދެވިދާނެއެވެ. ސަބަބު ބަޔާންކޮށްދެވިދާނެއެވެ.

ކެމީލާއަށް އެނދު މައްޗަށް ވެއްޓިގަނެވުނީއެވެ. އިރުކޮޅެއްވާންދެން ސީލިންއަށް ނަޒަރު ހުއްޓާލައިގެން އެސްފިޔަ ޖަހައިލަންވެސް ނޭގިފައި އޮތެވެ.

"ބަދުނަސީއޭ ކިޔުމަކީ މުއުމިނުންނަށް އޮތްކަމެއް ނޫން. މިއީ ހައްތަހާވެސް އިމްތިހާނުތައް. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ލޯބި ކާމިޔާބުވާނެ. އެހާވަރަށް ދުޢާކުރެވިއްޖެ. ސައްހަ ކައިވެންޏެއްކަމަށް ވަންޏާ ނާޔަލް ކިތަންމެ ނުލަފާ މީހަކަށްވިޔަސް އޭނަވާނީ ފިރިމީހާއަށް ކަމުގައި ގަބޫލުކުރަން އެބަޖެހޭ. އަންބެއްގެ ހައްގު އަދާކުރަން މަޖުބޫރުވާނެ. އެއީ ދުނިޔޭގައި ހުރި އެންމެ ފޫހިވާ އެންމެ ރުޅިއަންނަ ފަރާތްކަމުގައި ވިޔަސް ދީނުގައި އެންގެވިގޮތަށް އުޅެން ބޭނުން. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ކޮންމެ ކަމެއްވާނީ އެންމެ ރަގަޅަށޭ ބުނެއުޅެއެއްނު. ފަހުންވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ އެފަރާތުން ކަމަށްވާއިރު އަޅުތަކުންނަށް ޖެހޭނީ ކެތްކުރަން. ކޮންމެވެސް ދުވަހަކުން އެދޭ ކަންތައް ދެއްވާނެ......." ކެމީލާ ކުޝަން މޫނުގައި ޖައްސާ ބާރުކޮށްލައިގެން އޮތްއިރު ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކުޝަންއަށް ފޭދުނެވެ.

"ނުރޮއި. ނާޔަލް އެއުޅެނީ ދުރުން. އެއީވެސް ލެއްވި ރަހުމަތެއްކަން ނޭގޭ. އިރާދަކުރެއްވިއްޔާ އަދި މިކަންވެސްނިމޭނެ. ނާޔަލްކަހަލަ ނުލަފާ ފިރިހެނަކާއިއެކު އުޅޭކަށް ފަސޭހައެއްނުވާނެ. ނަމަވެސް މިހާރު ކައްކާ އޭނައަށް ކުރަން ޖެހޭ އެހެން ޚިދުމަތްތައް ކޮށްދޭން ޖެހޭނެ. ވަރިވާން ސިޓީ ލާފައި ވަރި ނަގަންދެން ހުރިހާ ކަމެއް ކޮށްދިނީމަ ރަގަޅުވާނެކަން ނޭގޭ......" ކެމީލާ އެކި ގޮތްގޮތަށް ޚިޔާލުކޮށް ހިތަށް ވިސްނައިދިނެވެ. އެންމެފަހުން ނޯޔާއަށް ގުޅިއެވެ. މިފަހަރު ނޯޔާ ފޯނު ނަގާކަށް ނޫޅުނެވެ. އޭނަ އުޅުނީ ނޯޔާ ގޮވައިގެން ބާޒާރުކުރަން ދާށެވެ. ކޮންމެފަހަރަކު ނަތާލީ މިގެއަށް ކާއެއްޗެހި ނުފޮނުވިޔަސް އޭނައަށް ދެމީހުންނަށް ވާވަރަށް ކެއްކިދާނެއެވެ. މިތަންތާ މީހުން ކައްކާ އެއްޗެއްސަށް ރާ ނާޅާ ކަމެއްވެސް އޭނައަކަށް ނޭގެއެވެ. އަމިއްލައަށް ސުޕަމާކެޓަށްގޮސް ހަލާލު އެއްޗެހި ގަނެގެން ކެއުމަށް ކެމީލާގެ ހިތް ބާރު އެޅިއެވެ. ގެރިމަހާއި ކުކުޅުވެސް ހަލާލު ގޮތަށް ކަތިލާފައި ނެތިއްޔާ ކައިގެން ނުވެސް ވާނެއެވެ. "ހަލާލު" މާކެޓްތަކާއި ރެސްޓޯރެންޓްތައް އެމެރިކާގައިވެސް ހުންނާނެކަމަށް އޭނަ ގަބޫލުކުރެއެވެ. މޫނުދޮވެލާ ހެދުމަށްފަހު ތިރިއަށް ފޭބިއިރު ނާޔަލް ކައުޗްގައި އޮށޯވެލައިގެން ބާލީސް މޭމަތީގައި ބާއްވާލައިގެން ދެލޯ މަރާލައިގެން އޮތެވެ.

"ނާޔަލް އައިމް ސޮރީ...."

"ފޯ ވަޓް؟ " ނާޔަލް ކުޑަކޮށް ދެލޯ ހުޅުވައި ނަމަވެސް ކެމީލާގެ މޫނަށް ބަލާނުލައެވެ. އެއް އަތް ނިތްކުރީގައި ޖައްސާލައިގެން އޮތްގޮތުން ފިކުރެއްގައި އޮތް މީހެއްފަދައެވެ.

"އެކުރެހުންތައް ހަލާކުކޮށްލެވުނީމަ......" ކެމީލާ މާފަށް އެދުނީ ހިތުގެ އަޑިންނެވެ. ދުޝްމިނަކާއިމެދުވެސް ބައެއްފަހަރު ހިތުގައި ހަމްދަރުދީ އުފެދެނީ އޭނަ "ސްވީޓް" ކުއްޖަކަށްވީމަ ހެއްޔެވެ. ހަގީގަތުގައި އެއްވެސް މީހަކަށް އެފަދަ ބޮޑު އަދަބެއް ދޭން އޭނަގެ ހިތް ދެކޮޅެވެ. ނާޔަލްގެ ފަރާތުން އޭގެ ބަދަލުހިފަން ވެގެން އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އޭނަ ބިރުންގޮސް މާފަށް އެދުނީކަމުގައި ނާޔަލް ހީކޮށްފާނެއެވެ. ހަގީގަތަކީ އެއީއެއްނޫނެވެ. އެފަދަ ބޮޑު އަމަލެއް ހިންގުމަށްފަހު ހިތަށް ހަމަޖެހުމެއް ނުލިބުނީ މީހެއްގެ ހައްގަކަށް އަރައިގަނެވުނީމައެވެ. ބަދަލު ހިފުމަކީ ރީތި ސިފައެއް ނޫނެވެ. ނާޔަލްއަށް އެހާ ބޮޑު ގެއްލުމެއް ލިބުމުން އޭނަގެ ގައިގާ ތަޅައިނުގަނެ އެހެރީ ތިމާގެ ޝަޚުސިއްޔަތު ގެއްލިދާނެކަމަށް ބާވައެވެ. ނޫނީ ކެމީލާގެ ކައިރި ދެރަނުވާންވެގެން ހަމަޖެހިލައިގެން ހުރީއެވެ. ހިތުން ކަރުނަ އޮއްސާނެއެވެ. ދެރަނުވާނީ ކާކުހެއްޔެވެ. ބޮއިގެން ހުރެ އަދި އެކަހަލަ ކަމެއް ކުރިޔަސް ނާޔަލްއަށް އެކަމެއް ނޭގޭނެތާއެވެ. އޭނަދެކެ ލޯބިވާ ކަމަށްވެސް އިއުތިރާފުވީއެވެ.

"އެއްވެސް އެއްޗެއް ދާއިމަކަށް ނުހުންނާނެކަން އެނގޭ. އެންމެ އަގުހުރި މާތް ބަޔަކީ އިންސާނުން. އެމީހުންވެސް މަރުވުމަށްފަހު މަސްގަނޑު ހަލާކުވެގެންދޭ. ނަތިން ލާސްޓްސް ފޯ އެވާ. އެވަގުތު ރުޅިގަދަވީމަ އެހާ ބޮޑު ކުށެއްކުރެވުނީ. ވަރަށް ބޮޑަށް މާފު............" ނާޔަލް އެއްޗެކޭ ނުބުނުމުން ކެމީލާ އިތުރުކޮށްލިއެވެ.

"އައި ކާންޓް ފޮގިވް..." ނާޔަލްގެ މޫނުމަތިން ރުޅިވެރިކަމެއް ނުފެނުނަސް ސަމާސާގެ ކުލައެއްވެސް ނެތެވެ. އެހެން އޮވެ ހަނި ނަޒަރަކުން ބަލައިލިއިރު ކައިޒާންގެ މަތިން ހަދާންވާފަދަ ގޮތެއް އެލޮލުގައި ހުއްޓެވެ. ކަތި ނަޒަރަން ބަލައިލުމުން ލޮލުގައި ހުންނަ ބާރު އިތުރުވާފަދައެވެ. ނާޔަލްގެ ލޮލަށް ބަލައިލެވުމުންވެސް ކައިޒާން ހަދާންވާތީ ކެމީލާގެ ހިތަށް ތަދުވިއެވެ. ނާޔަލް މާފު ނުދޭނަމޭ ބުނިކަން ރޭކާލީ އިރުކޮޅެއްފަހުންނެވެ.

"ވެލް........"

"ޔޫ ހޭވް ޓު ޕޭ ފޯ ދެޓް ކެމީލާ.........." ނާޔަލް ބުނެލިއެވެ.

"އައި ވިލް ޓްރައި..ކޮންމެވެސް ދުވަހަކުން އިންޝާﷲ. މިލިއަނުން އަގުދޭވަރަކަށް ފައިސާ ނެތްކަން އެންމެ ރަގަޅަށް އެނގޭނީވެސް ނާޔަލްއަށް..............." ކެމީލާ އެކަމާއި ދެރަވިއެވެ. މިޖެހުނީ ކޮންފަދަ ބޮޑު މައްސަލަތަކެއް ހެއްޔެވެ. އެތައް މިލިއަން ރުފިޔާ އޭނަ އުމުރަށް މަސައްކަތްކުރިޔަސް ލިބޭނެކަމެއް ނޭގެއެވެ.

"އޭގެ އަގު ފައިސާއިން ދޭން އުޅެގެން ދުވަހަކު އެކަމެއްނުވާނެ. އަހަރެން ބުނާކަމެއް ކޮށްދޭނީ؟ " ނާޔަލް ގެ އެ ޖުމްލައިން ކެމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ. ކޮންމެ މަސައްކަތެއް ޖެއްސިޔަސް އެންމެ ރަގަޅެވެ. ނަމަވެސް އޭނައާއިއެކު އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން ހިތް ދެކޮޅެވެ.

"އަހަންނާއިއެކު ސުޕަ މާކެޓަށް ދެވިދާނެތަ؟ އަދި ބޭނުން މާމައަށް ވިޒިޓްކޮށްލަން......... " ކެމީލާ މައުޟޫ އޮޅުވާލަންވެގެން އަވަސް އަވަހަށް ބުނެލިއެވެ.

"ހޫމް...." ނާޔަލް ވާހަކަދައްކަން ބޭނުންނުވާފަދައެވެ.

"މަންމަ ކާ އެއްޗެހި ނުފޮނުވިޔަސް މިގޭގައި ކައްކަން ބޭނުން. ހަލާލު އެއްޗެހި ކަން ޔަގީންނުވާތީ ގިނަ އެއްޗެހި ކާން ނުކެރިފައި މިހުންނަނީ. ހަލާލު ސުޕަމާކެޓާއި މީޓް ވިއްކާ ތަންތަން ހުންނާނެތަ؟ " ކެމީލާ ސުވާލުކޮށްލިއެވެ. ނާޔަލް އާއެކޭ ބުނެލީ އިޝާރާތުންނެވެ.

"ހަރާމް އެއްޗެހި ކައިގެން ކުރާ ދުޢާވެސް އިޖާބައެއް ނުވާނެކަން މުސްލިމް ކުދިންނަށް އެނގެންވާނެ....."

"ރިއަލީ؟ " ނާޔަލް އަހައިލިއެވެ.

ޔަގީން ނުވެފައި އަހާލިނަމަވެސް ކެމީލާގެ ކޮންމެ ވާހަކައަކަށް ޝައުގުވެރިވާ ގޮތްވެއެވެ. ކެމީލާގެ ފަރާތުން ދީނީ ކަންތައްތައް އެނގެން ފެށުމުން ޝައުގުވެރިވެ ދީނީ ލެކްޗާތައް ބަލަން ފެށުނެވެ. ކުރިން އޭނަ ހުރީ ހަމައެކަނި ނަމެއްގައި މުސްލިމަކަށެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތް ދިނުން އެއީ އޭނަގެ ދިރިއުޅުމާއި މުޅިން ބީރައްޓެހި ކަންތައްތަކެވެ. އޭނަ ދިރިއުޅުނީ އޭނަގެ އެކުވެރި ކްރިސްޓިއަނުން ފަދައިން ދުނިޔަވީ އުފާތަކުގެ ތެރެއަށް ގެނބިގެންނެވެ. ހުރިހާ ފާފަތަކަށް އަރައިގަނެ ނައިޓްކްލަބުތަކުން ފެށިގެން ކެސިނޯތަކަށްގޮސް އެތަންތާ ހޭދަކުރި ވަގުތުތައް މަދެއްނޫނެވެ. ހެއްދެވިފަރާތާއިމެދު ވިސްނާނެ ވަގުތެއްވެސް މުއްސަދި ޒުވާނުންނަށް ނުވާފަދައެވެ. ވަށައިގެންވަނީ ބޭނުންހާ ނިއުމަތްތަކާއި އަރާމާއި އުފާތަކެވެ. ރީތި އަންހެންކުދިންނާއި އަގުބޮޑު ހުރިހާ އެއްޗެއް އެމީހުންގެ ފައިބުޑުގައެވެ. ނުލިބެނީ ހަމައެކަނި ރޫހާނީ ހިތްހަމަޖެހުމެވެ. ހެއްދެވިފަރާތާއި ގުޅުން ބަދަހިނުވެ ދިރިއުޅުން އެހިސާބަށް އައުމަށްފަހު މިހާރަކަށް އައިސް ނާޔަލްއަށް ހުސްކަމެއް އިހުސާސްކުރެވެން ފެށިއެވެ. މިއުޅެވެނީ އެންމެ ރަގަޅަށް ނޫންކަން ފުރަތަމަ އެނގެންފެށީ ކެމީލާ އޭނަގެ ހަޔާތަށް އައިފަހުންނެވެ.

ނާޔަލް ކޯޓު ލުމަށްފަހު ސްކާފް ކަރުގައި އޮޅާލިއެވެ. ގޭގެ މައިދޮރުން ބޭރުގައި ފިޔަވަޅު އެޅުމުން މޫނުގައި ބީހިލި ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތަކުގެ ސަބަބުން ކެމީލާ ހީކަރުވާގޮތްވިއެވެ. ސްނޯ ނުވެހެންޏާ މާ ބޮޑަށް ފިނިގަދަވަނީ ކީއްވެހެއްޔެވެ. ހާދަ ފިންޏެވެ. ނާޔަލްއާއި އެކު ބާޒާރުކުރަން ދިޔުމަށްފަހު ކެމީލާ ބޭނުންވާ އެތައް ސާމާނުތަކެއް ގަނެލިއެވެ. އޯގޭނިކް މޭވާއާއި ތަރުކާރީއިން ފެށިގެން ކައްކަން ބޭނުންކުރާ ސާމާނުތައް ގަނެލުމަށްފަހު އެތައް ކޮތަޅުތަކުން ކާރުގެ ޑިކީ ފުރާލައިފިއެވެ. ކެމީލާ ހިތްހަމަޖެހޭވަރުވިއެވެ. ބާޒާރުކޮށް ނިމިގެން ނާޔަލް އޭނަ މާމަމެން ދިރިއުޅޭ ގެއަށް ލާފައި މާމައާއި ވާހަކަދައްކާލަން އިރުކޮޅެއްވާންދެން ފެންޑާގައި މަޑުކޮށްލިއެވެ. ފަހުން ބަލާ އަންނާނެކަމަށް ބުނެފައި ދިޔައީއެވެ.

އުލާ އާއި މާމާއާއިއެކު ހޮޓް ކޮކޯ ބޯލަން ކެމީލާ ފަޔާ ޕްލޭސްކައިރީ އިށީދެލައިގެން އިނެވެ. އުލާ "މަގޭ ލޯބިވާ ބްދަރަ އިން ލޯ" އޭ ކިޔާފައި ނާޔަލް ސްނޯތެރޭ ހުރި ފޮޓޯއެއް އިންސްޓާ ކުރުމުން އަރީން މޮޔަވާވަރުވިއެވެ. ވަގުތުން ވައިބާއިން ގުޅާފައި އުލާގެ ކައިރިން އޮޅުން ފިލުވިއެވެ. ހަގީގަތް އެގުމުން އަރީން މޮޔަވާވަރުވިއެވެ. ނާޔަލް މާލެ އަރައިފިއްޔާ ފުޑާލާނަމޯ ބުނުމުން އުލާވެސް ރައްދުދިނެވެ. ނާޔަލްއަކީ އެމެރިކަން ރައްޔިތެއްކަމަށާއި މާލެ ދާން ނުވެސް ޖެހޭނެކަމަށާއި ދިޔަސް ބަލިވާނީ އަރީން ކަމުގައި ބުނެލިއެވެ.

"ހީ އިޒް ސޯ ކޫލް. އަބަދާއަބަދު ގަންސް ގެންގުޅޭ މީހަކާއި ކައިރިވާން އަރީންއަށް ކެރޭނެތަ؟ ނާޔަލް ގެ ބޮޑީގާޑުން ތިބޭ. ނޯޔާ ބުނިގޮތުން އެއީ ބިލިއަނަރެއް. ދޮންތައަށް ލިބުނީ އެންމެ ޕަފެކްޓް ހަޒްބެންޑް. އެކަހަލަ ހަޒްބެންޑެއް ލިބެން ހުއްޓާ އަރީންއާއި ދިމާލަށް ބަލައިލާނީ ހަމައެކަނި ސަފަރު ކަތްދަ. ކަލެއަށް ކުރާނީ އަސަރެއް. ދެން ހަނި ދޭތެރެއަކަށް ވަދެ އޮވޭ. ނޫނީ ހަކުރުބޮއިގެން މަގުމައްޗަށް ދެމިފައި އޮވޭ. ނޫނީ ފެންބަޑިއެއް ހިފައިގެން ހިންޏާއި މަދިރި މަރަން ދޭ. އެކަހަލަ ކަމެއް ކަލެއަށް ކުރެވޭނީ. އަހަރެމެން ނިއުޔޯކާސް އިންނާއިއެކު ހޭވިން ފަން. މާދަން މިއުޅެނީ ބްރައިންޓް ޕާކަށް ސްކޭޓްކުރަން ދާން................." އުލާ އިނީ ވޮއިސް ކޯލަށް ލައިގެން ކަމުން އެހުރިހާ ވާހަކަތަކެއް ކެމީލާއަށް އިވުނެވެ.

"ކޭންޓް އިވެން ކޮމްޕެއާ ދޯ ތިކަހަލަ ހޫލިގަންއަކާ މަގޭ ހެންޑްސަމް ރިޗް ބްރޯއާ. ޔޫ ސަކް. ބިގް ޓައިމް......" އުލާ ދޫ ނެރެލާފައި ފޯނު ކަނޑާލައިފިއެވެ. އަރީން ކިތަންމެ ނުބައި މީހަކަށްވިޔަސް އެގޮތަށް ވާހަކަ ނުދައްކަން ކެމީލާ އެދުނެވެ.

"މީހުންނަށް މަލާމާތްކުރާކަށް ނުވާނެ އުލާ. ދޯ މާމާ..." ކެމީލާއިނީ މާމަގެ ގައިގާ ބައްދާލައިގެންނެވެ. މިރަށް ކިހިނެއްހެއްޔޭ އެހުމުން މާމަ ބުނީ މާލެއަށް ވުރެ ހިތްހަމަޖެހޭ ކަމުގައެވެ. ހަމައެކަނި ކުޑަދޮރުތަކުން ބޭރަށް ބަލަން އިނަސް އުފާވާނެ ނޫންހެއްޔެވެ. މާލޭގައި އެކަހަލަ ހިތްހަމަޖެހުމެއް އޮންނަނީއެއް ނޫނެވެ. ކޮންކްރީޓް ޖަންގައްޔަކުން ލިބޭނެ އުފަލެއް މާމަމެންފަދަ މުސްކުޅިންނަކަށް ނެތެވެ. މާމަ ގެންގުޅުނީ ޖަލެއްފަދަ ތަނެއްގައެވެ. ނަމަވެސް އެމީހުން އެމެރިކާގައި ދިރިއުޅޭ ސަރަހައްދު ގުދުރަތީ ރީތިކަމުން ފުރިފައިވާ ތަނަކަށްވެފައި ވައި އެހާ ސާފެވެ. އަދި ބަހާރު މޫސުމް އައިސް ތަފާތު ވައްތަރުގެ މާލެލާމެލިން ގަސްތައް ބަރާވުމުން ހިތްތަކަށް ލިބޭނެ އުފާތައް ބަޔާން ނުކުރެވޭނެކަން ގައިމެވެ. ގޭގެ ފެންޑާގައި ހުންނަ ސޯފާ ގޮނޑިއެއްގައި އިށީދެގެން ތަސްބީހަ ކިޔަން ނޫނީ ގުރުއާން ކިޔަވަން އިނުމަކީވެސް މާމަ ހިތްހަމަޖެހޭ ކަމެކެވެ.

ކްރިސްމަސްއަށް ލިބުނު ޗުއްޓީ ހަމަވެ ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ފެށޭނީ ޖެނުއަރީ ދޭއް ނުވަތަ ތިނެއްގައެވެ. އާ އަހަރުވެސް ފާހަގަކޮށްފައެވެ. އުލާ ހުންނަލެއް ފަލަކަމުން ސްކޫލްގައި ކޮންމެވެސް ވަރަކަށް ގަނާކޮށް ހެދިޔަސް އުލާއަށް ލިބިފައިވާ އުފާވެރިކަމާއި "ޕޮޒިޓިވް" ކަމުން އެކަން ހާމައެއްނުކުރެއެވެ. އެމެރިކާފަދަ ތަނަކަށް އާދެވުމަކީ ހުވަފެނެކެވެ. އޭނަގެ އަޒުމަކީ ކަސްރަތުކޮށް ހަދާލައިގެން ހިކިގެން އެހެން ކިޔާކުދިންގެ އަނގަ ބަންދުކުރުމެވެ. އޭނަ މަޖާކަމުންނާއި ސަކަރާތްޖަހާވަރުން ކްލާސް ޖޯކަރުކަމުގައި ވެފައިވާތީ ދެތިން އެކުވެރިންވެސް ލިބުނެވެ. އެއީ އުލާ އަށް ލިބުނު ފަޚުރެކެވެ. އެހެންނޫނަސް އޭނަ އިންސްޓަގްރާމަށް ލާ ފޮޓޯތަކުން ރާއްޖޭގައި ތިބި އޭނަ ދަންނަހާ މީހަކު ހަސަދަވެރިވާނެކަން އެނގޭތީ އުލާ ހުންނަނީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. ދޮންތައަށް ރީތި ބައިވެރިޔަކު ލިބުނުކަމީވެސް އުފަލެކެވެ.

އެރޭ ނާޔަލް ކެމީލާ ބަލާ އައިއިރު އޭނަ ސުޕަމާކެޓުން ގަތްހާ ކޮތަޅުތަކެއް ކާރުތެރޭގައި ހުރިތަން ކެމީލާއަށް ފެނުނެވެ. ނާޔަލްގެ މަގުސަދު އޭރު ކެމީލާއަކަށް ނޭގެއެވެ. ނާޔަލް ކާރުދުއްވީ ތަފާތު މަގަކުން ކަން ފާހަގަކުރެވުމުން ދަނީ ކޮންތާކަށްތޯ ކެމީލާ ސުވާލުކުރިއެވެ. ނާޔަލް ބުނީ އޭނަގެ ކެބިންއެއް ގަނެފައިވާ ކަމަށާއި އެތަނުގައި ދުވަސްކޮޅެއްވާންދެން ހުރެލަންކަމުގައެވެ. ކެމީލާ ކިތަންމެ ހިތްވަރުކުރިޔަސް އޭނައަށް ހިތުގެ މައްޗަށް ބާރު ފޯރުވޭގޮތެއްނުވިއެވެ. ހިތާހިތުން ނާޔަލްއާއި ދިމާލަށް އެތައް އެއްޗެއްސެއް ކިޔުނެވެ. މުއްސަދިން މިއުޅެނީ ކޮން ވައްތަރަކަށް ހެއްޔެވެ. ދުވަހަކު ގެއެއްގައި އުޅުމުގެ ބަދަލުގައި އެތަންތަން ޔަތީމު ޚާނާތަކަށް ހަދާލިޔަސް މާ ރަގަޅެވެ. ބޯ ހިޔާވަހިކަން ނެތި ކިތައް އިންސާނުން ދުނިޔޭގައި އުޅޭކަން ނާޔަލްއަށް ނޭގެނީހެއްޔެވެ. ޕެންޓުހައުސްއަކާއި ގެއަކާއި ހެމްޕްޓަންސްގައި ހުންނަ ހޫނުމޫސުމް ހޭދަކުރާ ގެއަކާއިއެކު ޖަންގަލީގައި ކެބިންއެއްވެސް ހުންނަން އެބަޖެހެއެވެ. ފަރުބަދަމަތީގެ މަގުތަކުން ދުއްވަންފެށުމުން ކޮންމެވެސް ވަރަކަށް ބޯ އަނބުރާގޮތްވެ ދެލޯ މަރާލައިގެން އިންދާ ކެބިންއާއި ހަމަޔަށް ފޯރައިފިއެވެ. އެގެވަނީ ތަންކޮޅެއް އުހުގައެވެ. ރީތި ޑިޒައިންއަކަށްވާ އެ ކެބިން ފެނުމުން ހާދަ ރޮމެންޓިކްއޭ ހިތަށް އެރިއެވެ. އެއާއިއެކު ނާޔަލްގެ ބަދަލުގައި އޭނަގެ ފިރިއަކަށް ކައިޒާން ވިނަމައޭ ހިތަށް އަރާފައި މޫނުގެ ކުލަ އޮއްސުނެވެ. " ނަމަ" އަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ. ޑިޒައިންތަކެއް ހުރި ގަލުން ހަދާފައިވާ ހަނި މަގަކުން މައްޗަށް އަރަމުން ދިޔައިރު އަނެއްފަރާތުގައި ގާފޮޅުތަކެވެ. ގާފޮޅުތައް ހުރިފަރާތުގައިވާ ބޮޑެތި ގާގަނޑުތަކުގެ މަތީގައި ސްނޯ ހަރުލާފައިވާއިރު ހިތްގައިމެވެ. އަނެއް ފަރާތް އޮތީ ތަންކޮޅެއް އަޑި ގުޑަންކޮށެވެ. ވާދީއެއްފަދައިންނެވެ. ފަތްތައް ވެރި އެކަނިވެރިވެފައިވާ ގަސްތަކެވެ. ގެއަށް ވަންނަން އަރަން ޖެހުނީ ވަކަރަކުން ހަދާފައިވާ ފަތްތަރުތަކުންނެވެ. ފެންޑާގައި ހިޔާކޮށްފައިވާ ބައިގާ ސޯފާ ގޮނޑިއެއްވެއެވެ. ދެޕޮޓްގައި ރަތްކުލައިގެ މާތަކެއް ފޮޅޭ ގަސްތަކެއް ހުރިއިރު އެހެން ޕޮޓްތައް ހުރީ ފަޅަށެވެ. އާ ވައްތަރެއްގެ ވަކަރެއްގެ މީރުވަސް ނޭފަތުގެ ހިދުރީގައި ހަރުލިއެވެ.

"މިއީ އަހަރެން ވަރަށް ފަހުން ގަތް ކެބިންއެއް. ވައިޓް ޕައިން އިން ހަދާފައިވާތީ ތާޒާ ގުދުރަތީ ޕައިންގެ ސެންޓްވަސް މިތާ ދުވަނީ. ހަނީމޫން ހަދާލަން އެންމެ ސަޅިތަނޭ އަހަރެން ބުނާނީ........" ނާޔަލް ދޮރު ހުޅުވާލައިފިއެވެ. ކެމީލާ ފިނިވާން ފެށުމުން ދެއަތްތިލަ އުގުޅަންފެށިއެވެ.

"ކޮންއިރަކުން ދެން ގެއަށްދާނީ؟ ކޮލެޖްވެސް ފެށެން ކައިރިވެއްޖެ...."ކެމީލާ އަހާލައިފިއެވެ.

"މިގެއަށް ވަންތާ މިނިޓެއް ނުވެ މިތަނުން ދާނެ އިރެއް ނެގިގެން ސުވާލުކުރަން ތި ފެށީ. ޑޯންޓްވޮރީ ގެއަށް އަދި ކޮލެޖަށްވެސް ދެވޭނެ. މި ކެބިންގައި ތިބެފައި އާހަރު ފާހަގަކުރަންވެސް ދާނީ. ޓައިމްސް ސްކުއޭގައި ކޮންމެފަހަރަކު ވަރަށް ކަންތައް އޮވޭ. ޔޫ ވިލް ލަވް ދަ ފަޔާ ވޯކްސް. އެކަމަކު ފުރަތަމަ އަހަރެން ބޭނުންވާ ގޮތަށް އުޅެބަލަ................" ނާޔަލް ކެމީލާ ކައިރި އެދުނީ ސިޓިންރޫމްގެ ސޯފާގައި ޖައްސާލުމަށެވެ. ނާޔަލްގެ އެ ކެބިންގައި ވައިފައި ނެޓްފްލިކްސްފަދަ ޚިދުމަތްތަކުގެ އިތުރުން ހީޓިން ސިސްޓަމް ހަރުކުރެވިފައިއެވެ. ތިން ނިދާ ކޮޓަރީގެ އިތުރުން ބަދިގެއަކާއި ކާބަޔެއް ވެއެވެ. ނާޔަލް ކޮތަޅުތައް ހިފައިގެން ގޮސް ބަދިގެއަށް ލާފައި އައިއިރު ކެމީލާ އިނީ ސޯފާއެއްގައި ޖައްސާލިގޮތަށެވެ. ނާޔަލް ކެމީލާގެ އަތުގައި ހިފާ ތެދުކޮށްލިއެވެ.

"ވަރުބަލިވެފައިދޯ. ހިނގާ ބެޑްރޫމަށް......" ނާޔަލް ކެމީލާގެ މޫނުގައި އިނގިލިތަކުން ބީހިލުމުން ކެމީލާ ހާސްވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލާލީ ބިރެއްފެނިގެން ކަހަލަ ގޮތަކަށެވެ.

"އަހަރެންދެކެ ބިރުންތަ؟ އައި ޑޯންޓް ތިންކް ސޯ. ބިރުގަންނަކަމަށް ހެދުނަސް ތިހާ ބްރޭވް ގާލްއެއް ނުދެކެން. ސޯ..............." ނާޔަލް ކެމީލާގެ ތުންފަތުގައި ފިރުމައިލިއެވެ." ބްރޭވް އެކަމަކު އެހާ ނާޒުކް އަންހެންކުއްޖެއް؟ ސޮފްޓް އެންޑް ޕްރިޓީ. ފިނިފެން މަލެއްގެ ފިޔަފަދައިން މިސާލު ޖެހިދާނެ. ނަމަވެސް ފިނިފެންމަލުގައި ކަށިތައް ހުރީމަ އެހާ ނުރައްކާތެރިދޯ. ބިންނަން އުޅުނަސް ކަށިތައް ހެރި އެމީހެއްގެ ގައިން ލޭ އޮހޮރުވާލާނެ. ޔޫ ޑިޑް ދަ ސޭމް ޓު މީ......................"

ކެމީލާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ނާޔަލްގެ އެ ގާތްކަމުން އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. މިހާ އެކަނިވެރި ފަޅުތަނެއްގައި ނާޔަލްއާއިއެކު ވުމުން އެދޭތެރެއަށް ޝައިތާނާ ވަދެ ނާޔަލް ލައްވާ ކޮންމެފަދަ ޖަރީމާއެއްވެސް ހިންގުވާފާނެއެވެ. ކެމީލާގެ ފިކުރުތައް އެހިސާބަށް ދިޔުމުން އޭނަ ބޭނުންވީ އަވަހަށް އެތަނުން ދުވެ ފިލުމަށެވެ.

"ވަރަށް ބަނޑުހައިވެއްޖެ. އެއްޗެއް ތައްޔާރުކޮށްލަންތަ؟ "

"ހެހެ......އޯކޭ އަހަންނަށް ވަރަށް މީރު ޕެޕަމިންޓް ކްރީމް. މަންމަ ގެއިން ފޮނުވާފައި އެބަހުރި. ފުރަތަމަ ކެއުމުގެ ބައި ނިންމާލާނީ............."

"މެގީ ތައްޔާރުކުރާ އެއްޗިއްސަށް ރާ އަޅާ ވާހަކަ ނޯޔާ ބުނި. ޝައްކެއްވެގެން އަހައިލީމަ ނޯޔާ ބުނީ. އެކަހަލަ އެއްޗެހި ހަލާލެއްނުވާނެ. ހޮޓް ޗޮކްލެޓްކަހަލަ އެއްޗެއް ކިރިޔާވެސް ކަމުދަނީ........"

"ކީއްވެ ކުރިން ހުރިހާ އެއްޗެއް ކަމުން އައިއްސަ ކުއްލިއަކަށް ނުކާންވެގެން ދުނިޔޭގައި ލެއްވިހާ ބަހަނާއެއް ތިދައްކަނީ؟ ތިހާ ރަގަޅު އަންހެންކުއްޖެއް ވީމަ ކައިޒާންގެ ގައިގާ އަތްލަނީ؟ އޭނަ މޫނުގަޔާއި އަތުގައި އަތްލަނީ؟ އެކަންތައް ފޮބިޑްންއެއް ނޫންތަ؟....... "ނާޔަލް ޖިންސްގެ ޖީބަށް އަތް ޖަހާލައިފިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކައިޒާންއާއި މިފަހަކަށް އައިސް ހަސަދަވެރިވާންފެށީ ކީއްވެކަމެއް އޭނައަކަށް ނޭގެއެވެ. ކެމީލާގެ ފިރިމީހާއަށް އޭނަވެފައި އެހާ ކައިރީގައިވާއިރުވެސް ކެމީލާގެ ހިތްވަނީ ކައިޒާންއަށް ދީފައެވެ. އެއީ އިންސާފެއް ނޫނެވެ.

"ދިނުގައިވާ ހާ ގޮތަކަށް އުޅެން ބޭނުން. ބަޓް އައިމް ނޮޓް ފްލޯލެސް. ބައެއްކަންތައް ނޭގިވެސް ހުރޭ. ހަމަ ދަސްކުރަމުން މިދަނީ. ކުރިން ދަސްވި އެއްޗެއް ދަސްވީ މާމަކައިރިން. ފަހުން ލެކްޗާސްތައް ބަލަންފެށީ. އެހެން ބަލަމުންގޮސް އެނގުނީ ކާއެއްޗެއްސަށް ޕޯކް ހިމެނޭ އެއްވެސް އެއްޗެއް ހުރެގެން ހަލާލުނުވާނެކަން. ހަލާލު އައިޓަމްތައް ކާން ބޭނުންވަނީ އެހެންވެ. ދީންވެރިވާން މަސައްކަތްކުރުމަކީ އަދި ދީނުގެ ހުރިހާ ކަމެއް އެނގުމެއްނޫން. ނަމަވެސް އެންމެންވެސް ހޯދަންޖެހޭނެ. ނޭގުނީމައޭ ކިޔައިގެން އެދުވަހަކު ސަލާމަތެއް ނުވެވޭނެ. ހަތަރުދަމު ފިލްމު ބަލާ ނޫނީ ސޯޝަލް މީޑިއާގައި ތިބޭ ބަޔަކު އެންމެ ކުރިން ދީން ދަސްކުރަން ޖެހޭ. އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައް އޮޅުންފިލައިފި. ލައިކް އައި ވޯންޓް އީޓް ރިބާ. ހިލޭ ފިރިހެނަކާއި އެއްވެސްކަހަލަ ރިލެޝަނެއް އޮތުމަކީ ހުއްދަކަމެއް ނޫންކަން ނޭގެނީއެއްނޫން. އެންމެ ފަހު ދުވަހު ކައިޒާން ރުއިވަރުން ކައިރިއަށްދެވުނީ. އެހެންވެ ކައިޒާންގެ ގައިގާ ކުޑަކޮށް ހަގްކޮށްލާފައި މޫނުގައި އަތްލެވުނީ. އެނގޭ ގޯސްކަމެއްކަން. އެކަމާ ހިތާމަކުރިވަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. އައި ވޯންޓް ޑޫ ދެޓް އެގެއިން....." ކެމީލާ ބުނެލީ ދުރަށް ބަލައިލަމުންނެވެ.

ނިއުޔޯކަށް އައިފަހުން ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް ހީނުކުރާފަދަ ކަންތައްވާން ފެށުމުން ދީނާއި ދުރުވިކަން އިހުސާސްވެ އެކަމާއި އޭނަވަނީ ހިތާމަކޮށްފައެވެ. ހެއްދެވިފަރާތާއި ދޭތެރޭ އޮތް ރޫހާނީ ގުޅުން އިތުރުނުކޮށް ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނަބޭނުމީ ވިހާވެސް ރަގަޅު އަންހެންކުއްޖަކަށްވާށެވެ. ހިދާޔަތް ލިބުމަށް އެދި އެތައްފަހަރު ދުޢާކުރެވިފައިވެއެވެ.

ކައްކަން އުޅުނުއިރު ނާޔަލްވެސް އެހީތެރިވެދިނެވެ. އެއްފަހަރު ކެމީލާ އެނބުރުނުއިރު ނާޔަލްއާއި މުޑިޖެހުނެވެ. ނާޔަލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. ސެންޑްވިޗަކާއިއެކު ހޮޓް ޗޮކްލެޓެއް ތައްޔާރުކޮށްލުމަށްފަހު ދެމީހުން ކާން ތިބިއިރު ނާޔަލްއާއި ކެމީލާ އެހާ ވާހަކައެއް ނުދައްކައެވެ. ކެއުމަށްފަހުވެސް ކެމީލާއަށް އެކަނި ނިދާ ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. ފަޅުގެއެއްގައި އުޅެންވުމުން ބުނެދޭން ނޭގޭކަހަލަ ބިރުވެރިކަމެއް ހިތުތެރޭގައިވިއެވެ. ކިރިޔާ އަޑެއް އިވިލިޔަސް ކަނދުރާގައިވާހާ ލޯލިތައް ކޮޅަށް ޖެހިލައެވެ. ނާޔަލް ބޮޑު އަލިފާންގަނޑެއް ރޯކޮށްލާފައި ދަރު އަޅަންފެށުމުން އަލިފާނުގެ އޮރެންޖު އަލިން މުޅި ހިސާބު އަލިކޮށްލިއެވެ. މަޑު މަޑު އޮރެންޖްކުލަ ނާޔަލްގެ މޫނަށް އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. މުށި އިސްތަށިގަނޑަށްވެސް އަރާފައި އޮތީ ރީތި ކުލައެކެވެ. ދަރުތަކުގައި އަލިފާން ރަގަޅަށްހިފުމުން އަޑުކިޔާފައި އަނދައިގަތްއަޑާއިއެކު ހުޅުތައް އެކިދިމާލަށްދާން ފެށިއެވެ. ފެންނަ ކޮންމެ އެއްޗެއް ދިރުވައިލަން އުޅޭ މަޚުލޫގެއްގެ ދޫތަކެއްފަދައިންނެވެ. މަޑުމަޑު ހޫނުކަމެއް އިހުސާސްވެ ހީފިލިއެވެ.

"އާދޭ މިތާ އިށީދެލަން..." ނާޔަލް ދައުވަތުދިނެވެ. ފަރުބަދަމަތި ކަމުން އެހިސާބު އޮންނަނީ އަޑިގުޑަންކޮށެވެ. އަދި ބަލާނުލަ އުޅެންޏާ ދާދި ފަސޭހައިން ފުރޮޅެމުން ކިތަންމެ ތިރިއަށްވެސް ވެއްޓިގެން ހިނގައިދާނެއެވެ. ކެމީލާ އެދިމާލަށް ހިނގައިގަންނަން އުޅެނިކޮށް ފައި ކައްސާލިއެވެ. ހަޅޭއްލަވައިގަނެވުނީ ބިރުންނެވެ. އެއާއިއެކު ނާޔަލް ނިކަން ހުޝިޔާރުކަމާއިއެކު ތެދުވެ އޭނަގެ އެއަތުތެރޭ ހައްޔަރުކޮށްލަމުން އަލިފާންގަނޑު ކައިރީ އިށީދެލިއެވެ. ކެމީލާއަށް އިނދެވުނީ އޭނަގެ ފައިމަތީގައެވެ. އަލިފާނާއިއެކު ނާޔަލްގެ އަތުތެރޭ ވުމުން ފިނިކަން ކެނޑުނެވެ.

"މާ ފިނިވީމަ ކަން ނޭގޭ ބިންމަތީ ހަރުނުލައިގެން ތިއުޅެނީ؟ ހީފިލުވާލަދީފާނަން. މިކަހަލަ ރެއެއް ބޭކާރުކޮށްލައިފިއްޔާ އަހަރެން ވާނީ ސައިކޯއަކަށް. ވަން މޯ ތިންގް. އެކްޓްނުކުރޭ. މައުސޫމް ބަސްއަހާ އަންހެންކުއްޖެއްގެ އިމޭޖް ދައްކަން އުޅުނަސް ގަބޫލުކުރާކަށް ފަސޭހައެއްނޫނޭ ކެމިލާ. ތިއީ އެހާ އިނޮސެންޓް ގާލްއެއްނޫން........" އަލިފާނުގެ ސަބަބުން ރަތްވެފައިވާ ކެމީލާގެ ދޮން ކޯތާފަތުގައި ނާޔަލް އަތް ބީއްސާލިއެވެ. ނާޔަލްގެ މޫނު ކުރިއަށްވުރެ ކައިރިވިއެވެ. ފިނިކަމުން ގަނޑުފެންކޮޅެއްހެން ވެފައިވާ ތުންފަތަށް ކުރެވުނު އިހުސާސުން ދެލޯ މަރައިލެވުނީ ބިރުންގޮހެވެ. ހިތް ތެޅޭވަރުން މޭ ފަޅާފައި ނުކުމެދާނެފަދައެވެ. ނާޔަލްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލަންވެގެން އުޅުމުން ނާޔަލް ނުލަފާ ހީލުމަކާއިއެކު އަދިވެސް ކައިރިކޮށްލައިފިއެވެ. އެދޭތެރެއަށް ވައިރޯޅިއަކަށް ސިއްރުން ވަދެނުލެވޭހާ ކައިރިއަށެވެ. އެވަރުންވެސް ކެމީލާ މަސައްކަތްކުރީ ނާޔަލް ދުރުކުރާށެވެ. އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ކަނދުރާގައި ވިކައިގަތެވެ. އެއިން ތަދެއް ނާޔަލް އިހުސާސް ނުކުރާފަދައެވެ. ލިބުނު އެންމެ ސިކުންތުކޮޅުގެ ބޭނުން ހިފާ ކެމީލާ ނާޔަލްއާއި ދިމާލަށް ދެލޯ އަޅައިލިއެވެ.

"އަހަރެންގެ ހުއްދަނެތި އަތްނުލާނަމޭ ބުނި މީހާ.." ކެމީލާގެ ލޮލުގައިވިދަ ވިދާ ހުރި ކަރުނައިގެ އަސަރެވެ.

(ނުނިމޭ... )

comment ކޮމެންޓް