ތަފާތު ލޯތްބެއް (38)

"ދިސް އިޒް ދި އެންޑް ސްޓޭޖް. ދެން އަހަރެންގެ ލޯބި ރަގަޅުވާނެ ބާ..." ކެމީލާ ޕޯޓިކޯގައިވާ ތަބަކަށް ލެނގިލައިގެން ހުއްޓިލައިގެން ހުރިއިރު އެކިކަހަލަ ޚިޔާލުތައް ހިތަށް އުދަގޫކުރިއެވެ. އަދިވެސް ފިނި މޫސުމެވެ. ގަސްތަކުގައި ހަރުލާފައިވާ ސްނޯތަކުގެ ސަބަބުން ގޮފިތަކަށް ނުކުޅަދާނަވެގެން ލެނބިފައިވާއިރު ބިންމަތީގައި ފުނިޖެހިފައިވާ ސްނޯތަކަށް އަވި ދީފައި އޮތުމުން ދަޅައަޅައެވެ. ހިތްގައިމުކަމާއި ޗާލުކަމުން ބަލާބަލާ ފޫހިވާވަރެއް ނޫނެވެ. ކުއްލިއަކަށް ގޭޓުން ވަދެގެން އަންނަ މީހަކު ފެނިފާ ލިބުނު ހައިރާންކަމާއިއެކު އަނގަ ހުޅުވުނުގޮތަށް ހުއްޓާ އެމީހަކު އައިސް އަރާ ހަމަކުރިއެވެ. ބައްޕަ އެގޮތަށް އަންގާވެސް ނުލާ އަތުވެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މަންމަ ކޮބާހެއްޔެވެ. ހިތާމައާއި މޮޅިވެރިކަމުގެ ސާލު އޮޅާލައިގެން ހުއްޓަސް އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިއެވެ. ބައްޕަގެ އިސްތިގުބާލަށް ކުރިއަށް ފިޔަވަޅެއް އެޅުނުއިރު ޔާސިރު އައިގޮތަށް ދަރިފުޅު މޭގައި ޖައްސާ ބޮނޑިކޮށްލިއެވެ.

"އުލާގެ ފަރާތުން ދެކުދިން ބަލި ޚަބަރު ލިބުނީ...."

"މަންމަ ނާދޭތަ؟ " ކެމީލާއަށް އަހާލެވުނެވެ. އެނަން އިވުމުން ޔާސިރުގެ ނިތްކުރީގައި ކުރި ރޫތައްގިނަވިއެވެ.

"މަންމަ އިހަށް މާލޭގައި ބަހައްޓާ. މިއައީ މާމަ ކައިރީ އެގޭގައި ހުރެފައި. ލަގެޖްތައްވެސް އެގެއަށް ލާފައި" ޔާސިރު ބުނެލިއެވެ. ގަދަ ފިންޏަށް ކެތްނުކުރެވިގެން ދެއަތްތިލަ އުގުޅާތަން ފެނި ކެމީލާ ބައްޕަ ގެއަށް ވެއްދިއެވެ. ސެވެންސްޓާ ހޮޓަލަކަށްވުރެ ހިތްގައިމު ރީތި ގެ ފެނި ޔާސިރުގެ ތަލިން ކުޅުހިކުނެވެ. ބަލައިލާ ކޮންމެ ދިމާލަކުން މުއްސަދިކަމާއި ފަޚުރުވެރިކަން ހަނާ އަޅައެވެ. ދަރިފުޅަށް މިފަދަ އުފަލާއި ނަސީބު ދެއްވިކަމަށްޓަކާ ހިތާހިތުން އުފާކޮށް ހަމްދުކުރިއެވެ. އަލިފާން އަންދާތަނުގެ ކުރިމަތީގައި ހުރި ކައުޗްގައި ބައްޕަ ބައިންދާފައި އަރާމު ބޯ ރަޖާގަނޑެއް ގައިގާ އަޅާލަދިނެވެ. ކެމީލާ އަވަސްވެގަތީ ބައްޕައަށް ހޫނު ކޮފީއެއް ގެނެސްދިނުމަށެވެ. ދަރިފުޅުގެ މެހުމާންދާރީއާއި ރަގަޅުކަން ފެނި ޔާސިރުގެ ހިތަށް ތަފާތު އަސަރެއްކުރުވިއެވެ. ދަރިފުޅަށް އެއްވެސް ލޯތްބެއްނުދީ އަޅާނުލާ ދޫކޮށްފައި ހުރެ ބޮޑުވިނަމަވެސް އެ ދަރިފުޅު އޭނަގެ ވާޖިބު އަދާކޮށްފިއެވެ. ދަރިންނަށްޓަކާ ގުރުބާނީވާ މައިންބަފައިން ތިއްބަސް ކެމީލާގެ މައިންބަފައިންނަށް އެކުއްޖާއަށްޓަކާ ކޮށްދެވުނު އެއްވެސް ކަމެއްނެތެވެ. ކެމީލާ މިވީ ނަސީބު ރަގަޅު އަންހެންކުއްޖަކަށެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ މުއްސަދި ދިރިއުޅުމެއް ލިބުމުން ބަލާބޮޑުކުރި މައިންބަފައިންނަށްޓަކާ އޭނަ ކަމެއްކޮށް ނުދިނަސް ޔާސިރުގެ އެއްވެސް ޝަކުވާއެއް ނޯންނާނެއެވެ. އެމީހުންނަށް އެވަރުގެ ހައްގެއް އޮތްކަމަކަށް އޭނަވެސް ނުދެކެއެވެ. ނަމަވެސް ޔާސިރު ހައިރާންވާހާ އޯގާތެރި ދަރިއަކަށް ކެމީލާ ވިއެވެ.

ފުޅާ ބިއްލޫރި ދޮރުތަކުން ސްނޯ ވެހޭ މަންޒަރުވެސް ޔާސިރުއަށް އާ ކަމަކަށްވިއެވެ. ފިނިމޫސުމްގެ ހިތްގައިމުކަމުން އާޝޯޚުވާވަރުވިޔަސް މިގަދަ ފިންޏަށް ކެތްވާވަރެއް ނޫނެވެ.

"ބައްޕާ މިހިރީ ކޮފީ......" ކެމީލާ މޭޒުމަތީގައި ތަބައް ބަހައްޓަމުން ގޮވައިލީ މަޑުމައިތިރިކޮށެވެ.

އެއާއިއެކު ޔާސިރުގެ ނަޒަރު އަމާޒުވީ ކެމީލާގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުމެގެން އައި އަންހެންމީހާއަށެވެ. ޔާސިރުއަށް ކޮޅަށް ތެދުވެވުނުއިރު ސޯފިއާވެސް ހީވީ ފުރޭތައެއް ފެނިގެން ބިރުންހުރިހެނެވެ. އަނގަމަތީގައި އަތް އަޅައިލެވުނުގޮތަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ.

"ސޯފީ؟ " ޔާސިރުއަށް ކިޔާލެވިއްޖެއެވެ. "ވަޓް އާ ޔޫ ޑުއިން ހިއާ؟ "

ދެމީހުންގެ މޫނަށް ފަހަރަކު ބަލަމުން ދިޔަ ކެމީލާވެސް ހުރީ މި އިއްތިފާގާއި މެދު ހައިރާންވެ ބުނާނެ އެއްޗެއް ނޭގިފައެވެ. ބައްޕައަށް ސޯފިއާ އެނގުނުގޮތެއް އޮޅުން ފިލުވައިލަން ބޭނުންވިއެވެ. ސުވާލުތައް ކުރަންފެށުމުން ޔާސިރު ސޯފިއާއާއި ކެމީލާކައިރީ އިށީންނަން އެދުނެވެ. މާޒީގެ ސަފުހާތައް ނިއުޅެމުން ދިޔަ ވަރަކަށް ކެމީލާއަށް އަނދިރީގެ ތެރެއިން ނިކުމެވެމުން ދިޔައެވެ. ޔާސިރުއާއި ސޯފިއާ ދިމާވީ ސޯފިއާ ރާއްޖޭގެ ރިޒޯޓަކަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ޔާސިރު މީހަކާއި އިނދެގެން އުޅޭކަން ސިއްރުކޮށްގެން ހުރެ ސޯފިއާއާއި ލޯބީގެ ކުޅިގަނޑެއް ކުޅުނެވެ. ބީރައްޓެހިކުއްޖަކަށްވެފައި ޔާސިރުގެ ފަތިފުށްނޭގޭ ސޯފިއާ އޭނައަށް އިތުބާރުކުރިއެވެ. ދެމީހުން ކައިވެނިކުރީ ލަންކާގައެވެ. ޔާސިރުގެ އަންބެއް ހުންނަކަން ސޯފިއާށް އެނގުނީ ވިހަން ކައިރިވެފައި ހުއްޓައެވެ. ވިހެއުމަށްފަހު ޕޯސްޓްމާޓަމް ޑިޕްރެޝަންއަށްގޮސްގެން އޭނައަށް ވަރަށް ބޮޑުވަރުވިއެވެ. ދަރިފުޅުވެސް ގެންގުޅޭކަށް ބޭނުމެއްނުވިއެވެ. ޔާސިރުގެ އަންހެނުންނަށް ދަރިފުޅު ދީފައި ސޯފީ ރާއްޖެއިން ފުރައިގެން ދިޔައީއެވެ. ބޭސްކޮށް ރަގަޅުވާއަތަށް އެޅުމާއިއެކު ދަރިފުޅުމަތިން ހަދާންވެ އަލުން ރާއްޖެއައެވެ. ތަމަންނާއާއި ބައްދަލުކުރިއެވެ. ތަމަންނާ ލޮލަށް އެންމެ ވަންނިއެއްވެސް ނާރުވާ ޖެއްސި ޑްރާމާގެ ސަބަބުން ސޯފިއާ ރަގަޅަށް އޮޅުނެވެ. ސޯފިއާ ދިޔަތަނާހެން ވަރުގަދަ ހުމެއް އައިއްސަ ދަރިފުޅު މަރުވީ ކަމުގައި ބުނުމުން ސޯފިއާގެ މުޅި ދުނިޔެވެސް ފުނޑު ފުނޑުވެގެން ދިޔައެވެ. ތަމަންނާ އޭނަ ގޮވައިގެން ދަރިފުޅުގެ މަހާނަ ދައްކާލަންވެސް ގަބުރުސްތާނަކަށް ގެންދިޔައެވެ. ދަރިފުޅަށްޓަކާ މިއަދާ ހަމަޔަށް ކަރުނަ އޮއްސީ ކިތައް ދުވަހުކަން ބުނާކަށްވެސް ސޯފިއާއަކަށް ނޭގެއެވެ. ޔާސިރު ހީލާފައި ބުނީ ތަމަންނާ ޑްރާމާ ކުޅެން މޮޅުވާނެކަމަށާއި ސޯފިއާގެ ދަރިފުޅަށް އެމީހުން ދިން ނަމަކީ ލިޒީ ނޫންކަމާއި ކެމީލާ ކަމެވެ. ތަމަންނާ ލިޒީއެއްގެ މަހާނަ ދައްކާފައި ސޯފިއާގެ ދަރިފުޅު ނިޔާވެފައިވާ ކަމުގައި ބުނުމުން ގަބޫލުކޮށްގެން ދިޔައީތީ ހައިރާންވާކަމުގައި ޔާސިރު ބުނެލިއެވެ. ޔާސިރުގެ ހިތަށްވެސް އުފާވެރިކަމެއް ލިބުނެވެ. އެތައް ޒަމާނަކަށްފަހު ކެމީލާގެ މަންމައާއި އަލުން ބައްދަލުވުމުން ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހިނގައިގެންފިއެވެ. ލޯބިވާ ދަރިފުޅުގެ މަންމައާއިއެކުގައި އާ ހަޔާތެއް ލިބުމުގެ އުއްމީދު އާވިއެވެ.

"ކެމީލާ. މަންމައަށް އެނގޭ މާފަށް އެދުނަސް އެއީ އެހާ ފަސޭހައިން ވާނެކަމެއް ނޫންކަން. ވިހެއުމަށްފަހު އައި ހޭޑް ޑިފިލަކްޓީ އިން ބޮންޑިން ވިތް މައި ބޭބީ. ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަށް ދިޔުމުގެ ސަބަބުން ނުވަމަސްވާންދެން އަމިއްލަ ހަށިގަނޑުގެ ބަޔެއް ކަމުގައި ހިމެނުނު ދަރިފުޅު ހިލޭ އަންހެނެއްގެ ކައިރިއަށް އެއްލާލާފައި ދެވުނީ. އެއީ ދުލުން ބުނެލިކަމުގައިވިޔަސް އަދި މާފުދެވޭނެ ފަދަ ކުށެއްނޫން. ނަމަވެސް ތަގުދީރުގެ ސަމާސާ ދެކެބަލަ. ނޭގިނަމަވެސް އަމިއްލަ ދަރިފުޅުގެ ޚިދުމަތުގައި މިހުރެވުނީ. ނޭގި ނަމަވެސް އަމިއްލަ ދަރިއެއްފަދައިން ގެންގުޅޭ ޖޫލްއަކީ ބޭބެގެ ދަރިފުޅު...." ސޯފިއާގެ ވާހަކަތައް އަހަން އިންއިރު ކެމީލާގެ ދެއަތްތިލަ ގުޅުވާލައިގެން އުނގުގައި ބާއްވައިގެންނެވެ. ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އެހިތަށްކޮށްފައިވާ އަސަރުތައް މޫނުމަތިން ފެންނާން ހުއްޓެވެ. އަދިވެސް އިނީ އެކަންތައް ނަގައި ނުގެނެވިފައެވެ. އޭނަގެ މަންމައަކީ ސޯފިއާ ކަމުގައި ބުނުމުން އެކަންތައް އެހާ ފަސޭހައިން ސިކުނޑިއަށް ނުވެއްދުނެވެ.

ތަމަންނާ ދޮންމަންމައެކޭ ތަފާތެއް ނެތްއިރު އޭނަ ވިހެއީ އެހެން އަންހެނަކަށްވެދާނެއޭ ހިތަށް އަރާފައެއްވެސް ނުވެއެވެ. ތަމަންނާގެ ނުލަފާކަމާއި ރަހުމް ކުޑަކަމާއި އެކުގައިވެސް ހިތުގައި އެ މަންމައަށްޓަކާ ވީ ލޯތްބާއި އޯގާތެރިކަމެވެ. އޭނައަށްޓަކާ މަންމަގެ ހިތުގައި ލޯބި ލެއްވުމަށް އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ. ނަމަވެސް އާޚިރުގައި ތަމަންނާ އޭނައާއި ތިމާގެ ކަން އޮތް މީހަކަށްވެސް ނުވިއެވެ. އޭނަ ވީ ހިލޭ މީހަކަށެވެ. ހިލޭ މީހަކާއިމެދު ކަންތައް ކުރާނެ އުސޫލުން ކަންތައް ކުރީ ހަގީގަތުގައިވެސް ތަމަންނާއަކީ އޭނައަށްޓަކާ ދުރުހިލޭ މީހަކަށްވީމައެވެ. ސޯފިއާއާއި ދިމާވުމަށްފަހު އެންމެ ދުވަހަކުންވެސް މަންމަގެ ފަރާތުން އުމުރު ދުވަހު ނުލިބުނު ލޯބި ލިބުނުކަމުގެ އިހުސާސްވިއެވެ. އެހާ ހެވެވެ.

"އަހަރެންގެ ފިރިހެން ދަރިފުޅު މާކް ލިބުމަށްފަހުވެސް އެ މައްސަލަ ދިމާވި..." ސޯފިއާ އިތުރަށް ކިޔަދިނެވެ.

"ކިތަންމެ ވަރަށް ރިގްރެޓް ކުރިޔަސް އަހަންނަށް މާކްއާއި ކެމީލާގެ ޅަ ދުވަސްތައް އަލަކުން ނުގެނެވޭނެ. އެކުދިންނަށް މަންމައެއްގެ ލޯބި ދޭން އަހަރެން ނުކުޅެދުނު. އެކަމާ ހިތާމަ ނުކުރާ ދުވަހެއް ކަރުނަ ނޯއްސާ އެންމެ ދުވަހެއްވެސް ނުދޭ. އަހަންނަށް އެންމެ އަސަރުކުރަނީ މިއޮތް ހުރިހާ ދުވަހު އަމިއްލަ ދަރިފުޅު ކުރިމަތީގައި ހުރިއިރުވެސް ދަރިފުޅުކަން ނޭގުނީމަ. މަންމައެއްގެ އިންސްޓިންކްޓް ނެތީވެސް ދަރިންތައް އެއްލާފާފައި ދުރަށް ދިޔައީތީ. ނަމަވެސް ކެމިލާ ފެނުނިއްސުރެ މިހިތުގައި ތަފާތު ލޯތްބެއް އުފެދުނު. އެލޯބި އިތުރުވަމުން ދިޔައީ. ވަކިވެގެން ދުރަށް ނުދެވޭ ހިސާބަށް ކެމީލާދެކެ ލޯބިވެވުނު. އަމިއްލަ އަންހެންދަރިއެއް ހުއްޓަސް ހަމަ އެފަދަ އިހުސާސްތަކެއްވާނީ..." ސޯފިއާ ވާހަކަދެއްކިއެވެ.

ކެމީލާ ސޯފާއިން ތެދުވެ އެއްފަރާތުގައި އޮތް ކޯޓު ނަގައިގެން ގޮސް ދޮރު ހުޅުވާލުމާއެކު ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތައް ވަދެ ހީކަރުވާގޮތްވިއެވެ.

"ކެމީލާ..." ސޯފިއާ އާދޭހާއިއެކު ގޮވައިލިއެވެ. ނަމަވެސް ފިޔަވަޅުތައް މަޑުކޮށްލުމެއްނެތި ކެމީލާ ދޮރު ލައްޕާލާފައި ވައިރޯޅިއެއްހެން ނުކުތީ ސޯފިޔާއާއި މެދު ނުރުހިފައިވާކަން އެންގުމަށެވެ.

"އިޓްސް އޯކޭ. ގިވް ހާ ސަމް ޓައިމް ސޯފީ. މީ މަންމައޭ ބުނެލާއިރަށް ވަގުތުން އެކްސެޕްޓް ނުވެސް ކުރާނެ ދޯ އެހާ ފަސޭހައިން އެކަން ގަބޫލުކުރާކަށް ބޭނުމެއްވެސް ނުވާނެ. މުޅިހަޔާތުގައި މަންމަ ކަމުގައި ގަބޫލުކުރަމުން އައި ފަރާތަކީ ތަމަންނާ. މަންމަ ކިޔަމުން އައީ ހަމަ އޭނައަށް. ކެމީލާއަށް މި ޚަބަރުތައް އެގުނީ ޝޮކެއްގައިހުރީ. އަދި ރަގަޅުވާނެ މަންމައަކާއި ދަރިއެއްގެ ދެމެދުގައި ސްޕެޝަލްގުޅުމަކީ ކަނޑުވާލެވޭ ވަރަށް ވުރެ މާތް ގުޅުމެއް. ލޭގެ ގުޅުން ކަނޑުވާލުމަކީ ވެވޭނެކަމެއްނޫން. މިހުރިހާ ދުވަހުވެސް ސޯފީ ތިއުޅުނީ ދަރިއެއް ނެތްކަމަށް ނިންމައިގެނެއް ނު. ދެންވެސް ހުރެވިދާނެ. ކެތްކުރޭ. އަދި ކެމީލާއަށް ވިސްނިގެން އަންނާނެ.." ޔާސިރުގެ ދެލޮލުން ފެނުނީ އޯގާތެރިކަމެވެ. އެދެލޮލުން ފެނުނު އޯގާތެރިކަން މީގެ ކުރިންވެސް އޭނަވަނީ ދެކެފައެވެ. ލިބުނީ ކެއްސެވެ. އެމަޅީގައި ދެން ޖެހޭވަރަށްވުރެ ސޯފިއާގެ އުމުރުން ދުވަސްވެއްޖެއެވެ. ސޯފިއާވެސް އެތަނުން ތެދުވެގެން ހިނގައިގަތީ ޔާސިރުއާއިއެކު އިތުރަށް އެންމެ ހިދުކޮޅަކަށްވެސް ނީންނަންވެގެންނެވެ.

ނާޔަލްގެ ވަކީލުންގެ ޓީމު ގެނެސްގެން އެހާވަރުން ތައްޔާރުކުރުވީ ކޯންޗެއްކަން ނޭގިގެން ކެމީލާ އޮޅުން ފިލުވާހިތްވިއެވެ. އެނދުގެ މަގަތުގައި އިށީދެލާފައި ނާޔަލްގެ މޫނުގައި އެތައްފަހަރު ބޮސްދިނެވެ. ލޯބިވާ ވާހަކަ ކޮންމެ އިރަކު ބުންޏަސް މަދުކަމުގައި ނޫނީ ކެމީލާ ނުދެކެއެވެ.

"އެމީހުން ކީއްކުރީ؟ " ކެމީލާ އެހިއެވެ.

"ވިލް ތައްޔާރުކުރީ..." ނާޔަލްއަށް ކުރު ޖުމްލައެއް ބުނެލާކަށްވެސް ފަސޭހައެއްނުވިއެވެ. އެވަރުގެ އެއްޗެއް ބުނަންވެސް ސިކުނޑިއަށް ބާރުލާން ޖެހުނެވެ. ކެމީލާގެ ހިތަށް ނުބައި އަސަރުތަކެއް ކުރުވިއެވެ. ނާޔަލްއަށްވެސް ދިރިއުޅުމާއިމެދު އުއްމީދު ކަނޑައިލި ކަމުގެ ހެއްކެކެވެ. އެހެންނޫންނަމަ ވަސިއްޔަތްނާމާ ލިޔުއްވާ ދާން ތައްޔާރެއް ނުވީހެވެ. އެކަމާ ހިތުގައި ޝަކުވާ އުފެދުނެވެ. ބޯ އަޅައިލެވުނީ ނާޔަލްގެ މޭގައެވެ. ކަރުނަތިކިތައް ގިނަވާން އުޅުމުން ކެމީލާ އަވަސްއަވަހަށް ދެލޯ ފޮހެލައިފިއެވެ. ނާޔަލްއަށް އެ މަންޒަރު ދައްކައިގެން ނާޔަލްއަށް އިތުރު ހިތްދަތިކަމެއްދޭކަށް އޭނަ ނޭދެއެވެ. ކެމީލާ ކިޔައިދިނީ މިއަދު ބައްޕަ އައުމަށްފަހު ހިނގި ހާދިސާއެވެ. އޭނަގެ މަންމައަކީ ކާކުކަން އެނގުނުގޮތެވެ. ސޯފިއާ އޭނަ ދޫކޮށްލާފައި ދާން ޖެހުނު ސަބަބެވެ. މާފަށް އެދުނު ވާހަކައެވެ. ޕޯސްޓްމާޓަމް ޑިޕްރެޝަނަށް ގޮސްގެން ދެކުދިން ލިބުމަށްފަހުވެސް އެކުދިންނާއި މައިވަންތަކަމުގެ ގުޅުމެއް ނުބޭއްވުނެވެ. ދުރުކޮށްލެވުނީއެވެ. ކައިރީގައި ހުރި މާކަސްއަށްވެސް މަންމައެއްގެ ލޯބި ލިބުނީ ތަންކޮޅެއްފަހުންނެވެ. ދުވަސްކޮޅަކަށެވެ. ކައިޒާންގެ ބޮޑީގާޑް މިވީ އޭނަގެ ބޭބެއަށެވެ. ނާޔަލްވެސް އެ ވާހަކަ އަހަން އޮތީ ޝައުގުވެރިވެފައެވެ.

"ބޭބީ. ހަމަ އެންމެ ރަގަޅު ފެމިލީއެއް ތިލިބުނީ. އެމީހުން އަހަރެންގެ ކެމްއަށް ކެއާ ކުރާނެކަން އެނގޭތީ ވަރަށް އުފާވެއްޖެ. ކުރިން ހުރި މަންމައަކީ ނެތް މީހެއް. ސޯފީ އެހެނެއް ނުވާނެ. މަންމަކަން ނޭގޭއިރުވެސް ސޯފީ ކިހާ ހެޔޮ. އައިމް ގްލޭޑް ޔޫ ފައުންޑް ޔޯ ފެމިލީ....." ނާޔަލް އާއިލާގެ ވާހަކަދެއްކުމުން ހިތުގައި ޖެހި ރޮވޭގޮތްވެއްޖެއެވެ. އޭނައަށްވެސް އެފަދަ ދިރިއުޅުމެއް ލިބޭނެނަމައެވެ. ލޯބި ކުދިންކޮޅެއް ހޯދައިގެން ނާޔަލްއާއި އޭނަ އެއްގެއެއްގައި އުޅޭއިރު ކޮންފަދަ ފުރިހަމަވާނެހެއްޔެވެ. ނާޔަލްވަރުގެ ފިރިއެއް ބައްޕައެއްވެސް ލިބޭނެކަމެއް ނޭގެއެވެ. ނަމަވެސް އެހުވަފެންތައް ހަގީގަތަކަށްވާނެކަމާއިމެދު ޝައްކެވެ. ނޫނެވެ ޝައްކުކުރާކަށް ނުވާނެއެވެ. ހެއްދެވިފަރާތަށް އެންމެފަހު ވަގުތުވެސް އުއްމީދު ކަނޑާލައިގެނެއް ނުވާނެއެވެ. ކަރާމާތްތައް ދުނިޔޭގައި ހިގާލެއް މަދެއް ނޫނެވެ. ކެންސަރުގެ އެންމެފަހު ސްޓޭޖުގައި ތިބެފައިވެސް ރަގަޅުވާ މީހުން ތިބިކަމަށް އޭނަ އަށް ގޫގުލްއިން ފެނުނެވެ. ދުއާއަކީ ހުރިހާވެސް އެއްޗެކެވެ. އެންމެ ބާރުގަދަ ހަތިޔާރެވެ.

ނާޔަލް ހެނދުނު ހޭލިގޮތަށް ކުޑަދޮރު ކައިރީގައި ހުރި ސޯފާގައި އިށީދެލައިގެން ބޭރަށް ބަލަންއިނެވެ. މިގޮތަށް ހޭލައިގެން ފެންނާނީ ކިތައް އާ ހެނދުނު ބާވައޭ އެވަގުތު ހިތަށް އެރިއެވެ. އިރުއޮއްސޭ މަންޒަރު ފެންނާން ބާކީ އޮތީ ކިތައް ދުވަސްހެއްޔެވެ؟ އިނގިލިން ގުނާލެވޭނެ ދުވަސްތަކެކެވެ.

ގަސްތަކުގެ ގޮފިތަކުގައި ހަރުލާފައިވާ ސްނޯތަކުން ފެށިގެން މުގޮށީގެ ހަރަކާތްތަކަށް ދާންދެން ބަލަން އިނދެވުނެވެ. އެކި ޚިޔާލުތައް އުދަގޫކުރިއެވެ. އޭނައާއި ދިމާނުވެ ވަކިވެގެންދާނީ ކިތައް މީހުންބާވައެވެ. ބައްދަލުވީ މީހުންނާއި ދެކެވުނު ވާހަކަތަކާއިމެދު ވެސް ވިސްނުނެވެ. އެންމެފަހުން އޭނަ ދިޔަތަންތަނާއިމެދު ވެސް ޚިޔާލުކުރެވުނެވެ. ޚާއްސަކޮށް ކެމީލާއާއި އެކު ހޭދަކުރި ފިނިރޭތަކާއި ޚަރީފު މޫސުމްގެ އެކި ދުވަސްތައް ފިލްމެއްގެ މަންޒަރުތައް ފަދައިން ނިއުޅުނެވެ. އަތު ގުޅުވާލައިގެން ހިނގާލަން ދިޔަ ހަވީރުތަކެވެ. ބީޗްގައި ވާ ގޭގައި ހޭދަކުރި އުފާވެރި ހޫނު މޫސުމެވެ. ޚިޔާލީ ދުނިޔެއިން ނިކުމެވެނީ ފުރާނަފަދަ ލޯބިވާ ކެމީލާ ކޮޓަރިއަށް ވަންތަން ފެނިފައެވެ. ޕެއިންޓް ސާމާނުތަކާއިގޮސް މޭޒުމަތީ އަތުރާލަމުން އޭނައަށް ހިނިތުންވުމެއް ދިނެވެ. ނާޔަލްއަށް ކެމީލާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެވުނެވެ. އެ އަޅި ދެލޮލުގައި އެތައް ހާސް އަސަރުތަކެއްވިއެވެ.

"މިއުޅެނީ ޕެއިންޓްކޮށްލަންވެގެން...." ކެމީލާ އިސްއުފުލާފައި ބަލައިލިއިރު އަދިވެސް ނާޔަލް އިނީ ބަލަހައްޓައިގެންނެވެ. އަޅިފެހިކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްލައިގެން އިންއިރު އެ މޫނުމަތިން މިއަދު މާޔޫސްކަން ފެނެއެވެ. ކެމީލާ ބޭނުންވީ ނާޔަލް އުފާކުރުވުމަށެވެ. ހިތުގައިވާ އިހުސާސްތައް ފޮރުވައިގެން ހުރެ ކެމީލާ ޕެއިންޓްގެ މަސައްކަތްކުރިއަށް ގެންދިޔައެވެ. އޭނައަށް އެނގުނުގޮތަކަށް ކުރެހީ ގިންކޯ ގަހަކުން ފަތް ފައިބަމުން ދިޔަ މަންޒަރެވެ. ފިހިގަނޑުން ގޮތްގޮތަށް ކުލަ ޖެއްސުމަށްފަހު ގެނެސް ނާޔަލް އަތަށް ދިއްކޮށްލައިފިއެވެ. ކުރީ ފަހަރަކު ނާޔަލް ފަތެއްދިނުމުން އޭގައި އައި ހެޓް ޔޫ ޖެހުނުކަމަށްޓަކާ އައިލަވް ނާޔަލް ޖަހާފައި ލެމިނޭޓްކުރުވިއެވެ. އެފަތްވެސް ނާޔަލްއަށް ދިއްކޮށްލިއެވެ.

"ބިއުޓިފުލް...އެވްރީތިން ޔޫ ޑޫ އިޒް އާޓް ޓު މީ......" ނާޔަލްގެ ޖުމްލައިން ކެމީލާގެ ހިތަށް ލިބުނު ފިނިކަމާއި އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ.

"އައި ލަވް ޔޫ ނާޔަލް..." ކެމީލާ ނާޔަލްއާއި ޖެހި ފިތިގެން އިށީނެވެ.

"ލަވް ޔޫ ޓޫ......" ނާޔަލް ކެމިލާގެ މޫނުގައި އިނގިލިތަކުން ބީއްސާލިއެވެ. ކެމީލާއާއިއެކު ސްނޯވެހޭ މަންޒަރު ބަލައިލެވޭ އެންމެފަހު ދުވަސް ނޫންބާވައޭ ހިތަށް އެރިއެވެ. މަޑުމަޑުން ގެނެސް ގަޔާލާ ފިތާލިއިރު އެއަތުގައި ކުރިން ހުންނަ ބާރުގެ ތިންބައިކުޅަ އެއްބައިވެސް ނެތެވެ. އެހާވެސް އޭނަ ވަރުބަލިވެއެވެ. ނިދި އާދެއެވެ. ކޮޅަށް އިންނާނެ ވަރު ނެތަސް އޭނަ ނެތް ހިތްވަރުލާފައި ތެދުވެ އުޅެނީ އެހެން މީހުންނަށް ދުވަސްކޮޅަކަށް ނަމަވެސް އުފާވެރިކަން ގެނެސްދިނުމަށެވެ. ކެމީލާ ފޯނުން ސެލްފީ ނަގަންފެށިއެވެ. މިއިން ކޮންމެ ރީތި ހަދާނެއް އަބަދަށްޓަކާ ހިތުގައި ރައްކާކުރެވުނަސް ފޯނުން ބަލައިލަންވެސް ހުންނަން ޖެހޭނެއެވެ. އެތައް އިރެއްވާންދެން ހިމޭންކަމާއިއެކު ތިބިއިރު ހިތުގެ ތެޅުމުގެ އަޑު ނޫން އަޑެއްނީވެއެވެ. އެހާވެސް ހިތްގައިމު ހިމޭން މާހައުލެކެވެ. ނާޔަލް ބޭނުންވެގެން ކެމީލާ ނާޔަލް ގޮވައިގެން ބަގީޗާތެރެއަށް ހިނގާލަން ދިޔައެވެ. ފުރޮޅުލީ ގޮނޑި ދުއްވަމުން ގޮސް ބައެއް ތަންތަނުގައި މަޑުކޮށްލައިގެން ވާހަކަދައްކަން ތިބިއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ކެމީލާ އުޅޭލެއް ލޯބިކަމުން އެ ހަރަކާތްތަކަށް ބަލަން ނާޔަލް އިނީ ފޫހިވުމެއްނެތިއެވެ.

ނަތާލީވެސް ދުނިޔޭގެ އެހެން ހުރިހާކަމެއް ހުއްޓާލާފައި ހެނދުނު އަންނަގޮތަށް ގިނަވަގުތު ނާޔަލްގެ ކައިރީ ހޭދަކުރެއެވެ. އެކަނިވެއްޖެއްޔާ ރުއިން ނޫންކަމެއް ނުކުރެއެވެ. އެކަމުގެ ސަބަބުން އެދެލޯ ހުންނަނީ ދުޅަވެ ރަތްއަރާފައެވެ. ޒުވާން ފިރިހެންދަރިފުޅުގެ ބަލީގެ ސަބަބުން މަރުމަތިން ހަދާން ނުވިޔަސް ނާޔަލްވަނީ މަންމައާއި ކޮއްކޮމެންނަށް ނަމާދު ހަދާންކޮށްދީފައެވެ. އެހާ ބަލިވެ އުޅޭއިރުވެސް ނަމާދުގަޑި އަހައިގެން ނާޔަލް ވުޟޫކުރުވައެވެ. ނަމާދުކުރެއެވެ. ނުސީދާކޮށް މަންމަމެން ކައިރީ އޭނަ ނަމާދުކުރަން ބުނެއެވެ.

"އިޓްސް ޕްރޭޔަ ޓައިމް މަންމާ. މަންމަވެސް ނަމާދުކޮށްލައިގެން އަންނަންވާއިރަށް އަޅުގަނޑުވެސް ނަމާދުކޮށްލާނަން. އިޓްސް ދަ މޯސްޓް އިމްޕޯޓެންޓް ތިންގް. ވަގުތުން ނަމާދުނުކުރަން އެއްވެސް އެކްސްކިއުޒެއްނެތް....................." ނާޔަލް ބުނާނީ ހިނިތުންވެލަމުންނެވެ. ދެލޯ ހުޅުވައިލާނެ ވަރު ނުހުންނަ އިރުވެސް ނާޔަލް ހީލާފައި ނޫނީ ވާހަކަ ނުދައްކާނެއެވެ. ހިތްވަރުގަދަކަމުން އެއްވެސް ޝަކުވާއެއް ނެތެވެ. ކޮއްކޮމެންނަށް ނާޔަލްދިން އެންމެފަހުގެ ނަސޭހަތަކީވެސް ގަޑިން ނަމާދުކުރުމެވެ. ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރަންޏާ އެހެން ފާފަތަކަށް އަރައިގަތުން ހުއްޓިދާނެއެވެ.

ނާޔަލް ނަމާދުކޮށް ނިމިގެން ގޮސް ޖައްސައިލީ ސޯފާގައެވެ. އަލިފާން އަންދާތަނުގެ ކުރިމަތީގައި ސޯފާ ހުރުމުން މަޑުމަޑު ހޫނުކަން ލިބުމުން ހަށިގަނޑުގައި ވި ފިނިކަމުން ސަލާމަތްވިއެވެ. ކެމީލާ ބޯ ރަޖާގަނޑެއް ގައިގާ އަޅާލަދިނެވެ. ފައި ފޮރުވުމުން އިތުރަށް ހީފިލިއެވެ. އެވަގުތު ނަތާލީވެސް ޗިކަން ސޫޕް ހިފައިގެން ގެނެސް ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީ ބަހައްޓާފައި ސަމުސަލުން ނާޔަލްގެ އަނގައިގާ ލައްވާދިނެވެ. ނާޔަލް ކާހިތެއްނުވެއެވެ. ނަމަވެސް ގަދަކަމުން ރަހަ ބަލައިލީވެސް މަންމަ ކާންދޭން އުޅޭވަރުންނެވެ.

"ގައިގާ ވަރުޖެހޭނެ މިކަހަލަ އެއްޗެހި ބުއީމަ. މަންމަ އެންމެ ފަހު ވަގުތާއި ޖެހެންދެން ފައިޓްކުރާނަން. ހިޖާމާ އެކިއުޕަންކްޗާ ހާބަލް މެޑިސިން މިހެންގޮސް ހުރިހާ ކަމެއް ކޮށްގެންވެސް ދަރިފުޅަށް ހީލްވާން މަންމަ ބޭނުމީ. ކޯމީތެރަޕީކަހަލަ ވިހަތަކުން ހަށިގަނޑަށް ލިބޭ ގެއްލުންމާބޮޑު. ވީ ވިލް ރެސްޕެކްޓް ޔޯ ވިޝަސް ދަރިފުޅާ. އެކަމަކު މަންމައަށްޓަކާވެސް އެއްބަސްވައްޗޭ.........." ނަތާލީ ނާޔަލްގެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

ނާޔަލް މަންމައަށްޓަކާ އެ ހުރިހާކަމެއް ކުރަން ހުއްދަދިނެވެ. އެހެންނޫނަސް ތަދުތަކަށްވެސް އެފަރުވާތަކުން ފަސޭހަވާނެއެވެ. ހަށިގަނޑަށްވާ އުދަގޫތަކަށް ލުޔެއް ހޯދޭނެއެވެ. އެދުވަހު އެކިއުޕަންކްޗާ ހަދަން އެންމެ ގާބިލު މޮޅު މީހެއްގެނެސް އެކަން ކުރުވިއެވެ. ހަގީގަތުގައިވެސް ނާޔަލްގެ ހަށިގަނޑަށް އަރާމުވިއެވެ. ބުރަކަށީގައާއި ކަނދުރާގައި ރިއްސުން މައިގްރޭން އަދި މޭނުބައިކުރުންފަދަ ކަންތައްތަކަށް ވެސް ފަރުވާއެކެވެ.

"ވަޓް ދަ ހެލް ޑިޑް އައި އެވާ ޑޫ ޓު ޑިޒާވް އޯލް ދިސް...." ނަތާލީ އާއި ނަތާޝާ ސްނޯމަތިން ހިނގާލާފައި ގޮސް މާބްލްބެންޗެއްގެ މަތީ ޖައްސައިލިއެވެ.

"އަހަރެމެންގެ އިމާންތެރިކަން ކުޑައީ ކަމަށްވާނީ. ފެއިތް ވަރުގަދަކޮށް ޕްރެޔާސް ގިނަކޮށް ގުރުއާން ކިޔަވަންވީ. ގުރުއާން އެންމެފަހުން ކިޔެވި ދުވަހެއް ނަތާ ހަދާން އެބަހުރިތަ......." ނަތާޝާ އަހާލިއެވެ. ނަތާލީ ގަދަޔަށް ބޯ ހޫރައިގަތެވެ. އޭރު ދެލޮލުން ކަރުނައިގެ ރޮގެއް ތިރިއަށް ދެމިގެންފިއެވެ. " ބަޓް ވަކި ކަމެއްކޮށްގެން ވަކި ގޮތަކަށް ދިރިއުޅުން ބައްޓަންކޮށްގެންނޫނަސް އިންސާނުންނާއި ހިތާމަތައް ކުރިމަތިވާނެ. ކެންސަރުގެ ޝިކާރައަކަށް ވާ މީހުން މަދެއްނޫން. ކިތަންމެ ރަގަޅަށް އުޅުނަސް ހިތާމަތައް ކުރިމަތިވާނެ. ސަބަބަކީ މިއީ އިމްތިހާނުގެ ބިންކަމަށް ވީމަ އަހަރެމެން ޖެހޭ އިސްލާހުވާން. ދަރިންނަށްޓަކާ ރަގަޅު މަގު ދައްކަދޭން. އެނެމެނަށް ތައުބާ ވުމުގެ ފުރުސަތެއް ނުލިބޭ. ނަތާވެސް ޗޭންޖުވާނެ ފުރުސަތެއް މިއޮތީ........"

ނަތާލީގެ ޝަކުވާތައް އަޑުއަހަން ނުޖެހޭ އެންމެ ވަގުތުކޮޅަކާއި ނަތާޝާއާއި ދިމާނުވެއެވެ. ވާނީވެސް އެހެންނެވެ. އެންމެ ލޯބިވާ ފިރިމީހާ ޒުވާން އުމުރުގައި ނިޔާވިފަހުން ނަތާލީއަށް އެފަދަ ލޯބިވާ މީހަކާއި ދިމާވެފައެއްނެތެވެ. އަލީމައިކަލްގެ ލޯބީގެ ނިޝާނެއްކަމުގައި ވި ޒުވާން ފިރިހެންދަރިފުޅުވެސް އެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެ މަރާއި ހަގުރާމަކުރަމުންދާއިރު މުޅި އާއިލާއަށްވެސް ކުރިމަތިވެފައިވަނީ ކަޅު ދުވަސްތަކެވެ. އެއާއިލާއިން ނިޔާވެފައިވާ އިއްބާން ރައްހާލް މައިރާފަދަ ޒުވާން ކުދިންގެ ލިސްޓަށް ނާޔަލް އިތުރުވާން އެދޭ އެކަކުވެސް ނެތެވެ. އެންމެން ހިތާމައިގެ ސާލު އޮޅާލާފައިވާއިރު އެކުވެރިންނާއި ނާޔަލްގެ ބަލިމީހުންވެސް ނާޔަލްއަށްޓަކާ ކަރުނަ އޮއްސައެވެ. އެންމެންގެ ހެޔޮއެދުމާއި ދުޢާތައްވަނީ ނާޔަލްއާއިއެކުގައެވެ.

ހިނގަން ހަދާފައި އޮތް މަގުތަކުން ސްނޯ ކަހާލާފައި އޮތުމުން ފެހި ވިނަގަނޑުގެ ބަދަލުގައި ހުދު ވިދާ ދޫލައެއްހެން ސްނޯ ފެތުރިފައިވާއިރު ބަލައިލަން އެންމެ ރީތި މަންޒަރެވެ. ނާޔަލްއާއެކު ސްނޯތެރޭ އަތު ގުޅުވާލައިގެން ހިނގި ދުވަސްތަކުގެ ރީތި ހަނދާންތައް ހިތް ރޮއްވާލައިފިއެވެ. ދެން ދުވަހަކު އެ ނަސީބު ލިބޭނެބާވައޭ ހިތަށް އެރިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކިވެސް ގަނޑުވިފަދައެވެ. ދެލޯ މަރާލާފައި ހުޅުވާލަން މަޖުބޫރުވީ ކާރުގެ ދޮރުފަތް ލެއްޕުނު އަޑާއިއެކު ޖޫލް އުފާވެރިގޮތަކަށް އޭނައަށް ގޮވަމުން ދުވެފައި އަންނައަޑު އިވިފައެވެ. ކެމީލާ ޖޫލް އުރާލާފައި އަތުގައި އޮތް ކާޑާއި ބެހޭގޮތުން ސުވާލުކުރުމުން ބުނީ ނާޔަލްއަށް ދޭން ގެނައި ކާޑެއްކަމުގައެވެ. ނާޔަލް ދެކެ ލޯބިވާ ކަމަށާއި ނާޔަލްއަކީ އެންމެ ރަގަޅު އަންކަލް ކަމުގައި ބުނެލިއެވެ. މާކަސް ކެމިލާއަށް ހިނިތުންވުމެއް ދިނުމުން މިއަދު އެހެން ކަހަލަ އިހުސާސްތަކުން ކެމީލާގެ ހިތް ބަންޑުންވެގަތެވެ. އޭނަގެ ދޮންބެގެ ގޮތުގައި އުމުރު ދުވަހު ދެކެމުން އައި މިހާގެ ފަރާތުން ދުވަހަކު އަޅާލުމެއް ލޯތްބެއް ލިބިފައެއްނުވެއެވެ. ބީރައްޓެއްސެއްފަދައެވެ. މާކަސް އާއި ދިމާވިއިރު އެއްބަނޑު ބޭބެކަމެއް ނޭގެއެވެ. ނަމަވެސް "ސިސް" ކިޔާފައި ގޮވާލާއިރު ކޮއްކޮއެއްގެ އިހުސާސްތައް ކުރެވެއެވެ. ނޭގިވެސް ބޭބެއެއްގެ ދަރަޖަ ދެވުނު ހަމައެކަނި ފަރާތް ހަގީގަތުގައި މިވީ އޭނަގެ ބޭބެއަށެވެ. އެކަން އަދި މާކަސް ދެނެހުރިކަމެއް ނޭގެއެވެ.

"ހައު އާ ޔޫ ސިސް..." އާދައިގެ މަތިން މާކަސް އަހައިލިއެވެ.

"ފަ...އައިމް ފައިން." ކެމީލާ މާކަސްއަށް ބަލައިލި ނަޒަރު ތަފާތެވެ. އޭނައާއި މާކަސް ވައްތަރުތޯ ބަލަން މާކަސްގެ މޫނުމަތީގެ ކޮންމެ ސިފައެއް އޭނައާއި އަޅާ ކިޔުނެވެ.

"ވަޓް؟ " އެގޮތަށް ބަލަން ފެށުމުން ހައިރާންވެފައި މާކަސްއެހިއެވެ.

"އައި ރިއަލީ ނީޑް އެ ބްރަދާ އިން މައި ލައިފް އެހެންވެ ދެމީހުން ވައްތަރީ ކިހާވަރަކަށް ކަން ދެނެގަންނަން އެހާ ވަރަށް ބެލުނީ ކުރިއަކުން ބޭބެއެއްކަމަށް ނުބެލުނީމަ އެހާ ބަލާކަށް ނުކެރޭ ހެހެ....." ކެމީލާ އެހެން ދުވަހު ސަމާސާ ނުކުރިޔަސް މިހާރު ހަގީގަތް އެނގިފައި އޮތުމުން އެފަދަ ގާތްގޮތަކަށް ވާހަކަދައްކާކަށް ފަހެއް ނުޖެހުނެވެ. ލޭގެ ގުޅުމެއް ނުކެނޑޭނެއެވެ. މަންމައާއި ބައްޕަ ގޯސްތަކެއް ހަދާފައިވީ ނަމަވެސް އޭނަ މާފުނުދޭންވީ ކީއްވެހެއްޔެވެ؟ އޭނައަށް ދޮންމަންމައެއްގެ ހަރުކަށިކަމާއި ނުލަފާކަން ދެއްކި ތަމަންނާއަށްޓަކާވެސް ހިތް ސާފެވެ. ކެމީލާ ކުރިއަށް ޖެހިލާފައި މާކަސްގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ. ޖަޒުބާތީ ވެވުނުވަރުން ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

"މާކް. މަންމަ ކައިރިން އަހާ. އަހަރެމެން ދެމީހުންގެ އޮތް ރިލޭޝަނެއް އެންމެ ރަގަޅަށް އެނގޭނީ މަންމައަށް. ސޯފީ މަންމައަށް. ތޭންކްސް ފޯ ޓްރީޓިން މީ ލައިކް ޔޯ ސިސް ނޭގި ނަމަވެސް..." ކެމީލާ މާކަސްގެ ސިކުނޑީގައި ސުވާލުމާކުތަކެއް ޖެއްސުމަށްފަހު ޖޫލް ގޮވައިގެން ގެއަށް ވަންނާން ހިނގައިގަތެވެ. ޖޫލްއަށް ނާޔަލް ބަލި އެނދުގައި އޮތްތަން ފެނުމުން ކައިރީގައި އޮށޯވެ ކުޑަކޮށް ބައްދާލައިފިއެވެ. އަވަހަށް ރަގަޅުވެގެން ކާނިވަލަށް ގެންދާން އެދުނެވެ. ނާޔަލް ހަރަކާތްކުރެވޭ އަތުން ޖޫލް ގެނެސް ކައިރިކޮށްލަމުން ވާހަކަދެއްކިއެވެ. އެތަނަށް ވަން މާކަސް އެ މަންޒަރު ފޮޓޯނެގިއެވެ. މަންމައާއި ބައްދަލުނުކޮށް އޭނަވެސް ކުރިން މިއައީ ނާޔަލްއަށް ޒިޔާރަތްކޮށްލާށެވެ.

މާކަސް ކޮފީއެއް ބޯލަންވެގެން ކާކޮޓަރިއާއި ހަމަޔަށްގޮސް މަންމަ ޔާސިރުއާއި އެއް މޭޒެއްގެ ދޮށުގައި ސީރިޔަސް ވާހަކަތަކެއްގައި ތިބިތަން ފެނިފާ ކޮންމެވެސް ސިއްރެއްވާކަން ދެނެގަތެވެ. ސޯފިއާއަށް މާކަސްފެނުމުން އަތުގެ އިޝާރާތުން އަންނަން އެންގިއެވެ. މާކަސްއާއި ހިއްސާކުރަންޖެހޭ މުހިއްމު ވާހަކައެއް އޮތްކަމުގައި ބުނެލިއެވެ. މާކަސް އަށް މަންމަ ތައްޔާރުކޮށްލަދިން ކޮފީތަށި ހިފައިގެން އިށީދެފައި އެތިފޮދެއް ބޯލުމުން އިތުރަށް ހީފިލާގޮތްވިއެވެ. މަންމަ ދުރުދުރުން ފެށި ވާހަކަ ނިމިގެން އައިއިރު ކެމީލާއަކީ ކޮއްކޮކަން އެނގުމުން ހައިރާންވެ އަންތަރީސްވިއެވެ. މިފަދަ އިއްތިފާގުތައް ދުނިޔޭގައި ހިނގާހެއްޔެވެ؟

"އައި ތޯޓް ސަޗް ތިންގްސް ހެޕެންޑް އިން ޑްރާމާސް އެންޑް ސްޓޯރީސް. އިޓްސް ލައިކް އެ ފެއަރީޓޭލް. ލައިކް ހެރީ ޕޮޓާ މޫވީސް." މާކަސްއަށް ބުނެވުނެވެ.

"މާކް. ވީ ލިވް އިން އެ ފެއަރީޓޭލް އެހެންވެ ހީނުކުރާފަދަ ހިތަށް ނުގެނެވޭފަދަ ޓްވިސްޓްތަކާއި ހާދިސާތައް ކުއްލިއަކަށް މެދުވެރިވެދާނެ. އިއްތިފާގުތައް ހިގާ ނަސްލު އޮޅުވުން ދުނިޔޭގައި އެންމެ ބޮޑު އެއް މައްސަލަ. އެޓްލީސްޓް މަންމަ އުފާކުރަން މާކްއާއި ކެމީލާ އެހެން ރިލޭޝަނަކަށް ނުދިޔައީތީ. މިސާލަކަށް ކެމީލާ ނާޔަލް އަށް ފޯލް ވީކަން ނަސީބެއް. ނާޔަލް ގެ ބަދަލުގައި މާކްއަށް ވި ނަމަ؟ މާކް. ޕްރޮޓެކްޓް ހާ. އެއީ މާކްގެ ޒިންމާއެއް. ޝީޒް ޔޯ ލިޓްލް ސިސް. ..." ސޯފިއާ ކުޑަ ހިނިތުންވުމަކާއިއެކު ބުނެލިއިރު ދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ހުއްޓެވެ. އުފާވެރިކަމުގެ ކަރުނައެވެ. ދެކުދިން އެއްތަނަކުން ފެނި ބައްދަލުވުމުން އުފަލުންގޮސް ސޯފިއާގެ ހިތްވަނީ ހަލުވިވެފައެވެ. ހެއްދެވި ފަރާތަށް ހަމްދުކޮށް މި އުފާތައް ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ. މިވަރުގެ އުފަލެއް ދުވަހަކު ދުނިޔެއިން ލިބޭނެކަމެއް ނޭގެއެވެ. މަންމައެއްގެ ލޯބި މި ދެކުދިންނަށް ނުދެވުނުކަމަށްޓަކާ އެކަމުގެ ބަދަލުދޭން އޭނަވަނީ ފެންބޮވައިގެންފައެވެ. ޅަދުވަސްތައް އަނބުރާ ނުގެނެވުނަސް އަދިވެސް ފުރުސަތު މުޅިން ނުގެއްލެއެވެ. ޒުވާންވިޔަސް މައިމީހާގެ ގާތުގައި ދަރިން ދުވަހަކު ބޮޑެއްނުވާނެއެވެ.

ބޭރުތެރޭގައި އަޑުގަދަވެގެން މާކަސް ދުވެފައި ނުކުތްއިރު ފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. ނާޔަލްއާއި ބޮޑީ ގާޑުންނާއިއެކު ކެމީލާވެސް ފެންޑާގައި ހުރިއިރު ބިރުންގޮސް އެކުއްޖާގެ މޫނުވަނީ ކަފަކޮޅަކަށްވެފައެވެ. ދެފައި ބިންމަތީގައި ހަރުނުލައެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ދެމެންފެށިއެވެ.

"ވަޓް ދަ ހެލް އިޒް ގޮއިންގް އޮން......" މާކަސް ސުވާލުގެ ނަޒަރަކުން ބަލައިލީ ނާޔަލްގެ ބޮޑީ ގާޑަކަށެވެ. "އިޒް ހީ ޑެޑް؟ "

(ނުނިމޭ...)

comment ކޮމެންޓް