ހީނާ ސަލީމާއި ސަތޯ އަދި ލޯންގޭ، ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފި

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރި ހީނާ ސަލީމަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރި އިރު، އިބްރާހިމް ރަޝީދު (ސަތޯ) އަދި އަހްމަދު އަބްދުލްކަރީމް (ލޯންގޭ) ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފިއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ގައުމީ އިނާމް ހާސިލްކުރެއްވި ބޭފުޅުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރި ސަތޯއަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި ހީނާ ސަލީމަކީ މިހާރު ދަނީ ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހީނާ ސަލީމް އުފެއްދި އާލީ ޓަޗް ފުޓްބޯލް އެކަޑަމީ މެދުވެރިކޮށް، އޭނާ ދަނީ ގިނަ ކުދިންތަކެއް ތަމްރީންކުރަމުންނެވެ. އެ އެކަޑަމީން ދަނީ މުބާރާތްތަކުގައި ވެސް ރަން ވަނަތަކެއް ހާސިލްކުރަމުންނެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހީނާ ސަލީމް ވިދަން ފެށީ ރާއްޖޭން އެކުލަވާލި ފުރަތަމަ ގައުމީ ޓީމުންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް 1979 ވަނަ އަހަރު އެކުލަވާލި ސްކޮޑުގައި ހިމެނުމަށްފަހު އޭނާ ވަނީ މޮޅު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވިފައެވެ. އޭގެ ފަހުން ވެލެންސިއާ އުފެއްދުމުގައި އިސް ދައުރެއް އަދާކޮށް، ހީނާ ސަލީމް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބަށް ކުޅެފައެވެ.

ހީނާ ސަލީމް ވަނީ ފުޓްބޯޅައިގެ އިތުރުން ގިނަ ކުޅިވަރުތަކެއްގައި ހަރަކާތެރިވެފައެވެ. އޭނާ ވަނީ ބެޑްމިންޓަނާއި، ވޮލީބޯޅައާއި، ބާސްކެޓްބޯޅައާއި، ކްރިކެޓް އަދި އެތުލެޓިކްސް ވެސް ފެނިގެންގޮސްފައެވެ. ފުޓްބޯޅައާއެކު އޭނާ ވަނީ އެތުލެޓިކްސްގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ.

ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރި ސަތޯ، އެންމެ ފާހަގަކޮށްލެވެނީ ވޮލީބޯޅައިގެ ތެރެއިންނެވެ. މިހާރު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ވޮލީ ކޯޗުންގެ ތެރޭގައި ހިމެނޭ ސަތޯ ވަނީ ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ވޮލީގެ އިތުރުން ފުޓްބޯޅައިގެ ތެރެއިން ވެސް އޭނާ ފެނިގެންދިޔައެވެ. އެގޮތުން ވީބީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދިއިރު އެ ކްލަބުގެ މެނޭޖަރެއްގެ މަގާމުގައި ހުރީ ސަތޯއެވެ.

ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރި ލޯންގޭއަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރި ލޯންގޭއަކީ ރާއްޖޭގެ ވޮލީ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ފަހުގެ ތާރީހުގައި ރާއްޖޭގެ ގައުމީ ޓީމުން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި މަސައްކަތްކުރާ ލޯންގޭގެ ދައުރު ފާހަގަކޮށްލެވެއެވެ. މިހާރު ވެސް ލޯންގޭއަކީ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

ލޯންގޭއަކީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ ކެޕްޓަންކަމުގެ ދައުރު އަދާކުރަމުންދާ ކުޅުންތެރިޔާއެވެ. އެ ކްލަބުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުޅުންތެރިޔަކީ ވެސް ލޯންގޭއެވެ.

ސަތޯ އަދި ލޯންގޭގެ އިތުރުން ނައުފަލް މޫސާ ވެސް ވަނީ ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައެވެ. ނައުފަލްއަކީ ސްވިމިންގައި ހަރަކާތްތެރިވާ، ފެތުންތެރިން ތަމްރީންކުރުމަށް މަސައްކަތްކުރާ ކޯޗެކެވެ.

comment ކޮމެންޓް